ކ. މާލެ
|
21 ފެބްރުއަރީ 2025 | ހުކުރު 18:04
ފިތުރު ޢީދަށް މުޅި މާލެ ދިއްލާލުން
ފިތުރު ޢީދަށް މުޅި މާލެ ދިއްލާލުން
ރާއްޖެއެމްވީ
އީދު ބޮކި
އީދު ބޮކިން ދިވެހިން ހެއްވާލެވޭނެކަމަށް ހީކުރުމަކީ ކުށް ހީއެއް
ސަރުކާރުން މަޝްހޫރު ދިއްލާ ރާއްޖެ މަޝްރޫއުގެ ނަމުގައި ބިލިއަން ރުފިޔާ ހޭދަކުރަން ހިނގައިދާއިރު، އާއްމު ރައްޔިތުންނަށް ޒަރޫރީ ފަސޭހަކަމެއް ލިބިފައެއް ނުވެއެވެ. ދިވެހިން މިއަދު މާބޮޑަށް އަތްމަތިވެފައިވާކަން ފާހަގަ ކުރެވެއެވެ.

އާދިއްތަ ދުވަހު މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރަންމަންޓް އެންޑް ޕަބްލިކް ވާރކްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބުރަކޮށް އަވަދިނެތި ކުރައްވާ މަސައްކަތަކެއް ކަމަށް ވިދާޅުވީ ރަމަޟާން މަހާއި އީދު ދުވަހުގެ ހަދިޔާތައް ބެހުމުގެ މަސައްކަތެވެ. މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވަނީ އެ މަސައްކަތުގައި މިނިސްޓްރީ އޮތީ ވަރަށް ބިޒީކޮށް ކަމަށެވެ.

އަޖައިބުވެ އަންތަރީސްވެއްޖެއެވެ. ދާދި މިދާކަށް ދުވަހު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދެއްކި ވާހަކަ އަކީ ރާއްޖޭގެ ޚަރަދު ތައް ބޮޑުވުމުގެ ވާހަކައެވެ. އެ ޖަމިއްޔާގެ ކަންބޮޑުވުމަކީ އެތެރޭގެ ދަރަނި ކުޑަ ނުވެ އެގޮތުގައި ދެމެހެއްޓެމުން އައުމެވެ. އިރުޝާދަކީ ޚަރަދުކުރުމުގަ ސަމާލުވުމެވެ.

އެކަމަކު ކަން ކުރެއްވީ ކިހިނެއްތޯއެވެ؟ ޖެހިގެން އައި ދުވަހު ހެވި ދިއްލިފައި ތިބެގެން ސަރުކާރުން މި ދައްކަނީ އީދަށް ރާއްޖެ ދިއްލާ ވާހަކައެވެ. ދިއްލަންވީއެެވެ. އީދަށް ޒީނަތްތެރިކުރުމަކީ ނެތް ކަމެއް ނޫނެވެ. އެހެންނަމަވެސް 28 މިލިއަން ރުފިޔާ ހޭދަކޮށްގެން މި ވަގުތު ކުރަން އެންމެ ރަނގަޅު ކަމަކީ އެއީތޯ ސުވާލުކޮށްލުން މުހިންމެވެ.

އަނެއްކާ ރަށްރަށުގެ ކައުންސިލަށް ބަޖެޓު ދީގެން ކުރެވެން އޮތް ކަމެއް ރައީސް ދެއްވާ ބޮކީގެ ނަމުގައި ބައްސަވަން މާ މުހިންމުވާ ސަބަބެއް ވެސް ނުވިސްނެއެވެ. އީދަށް ހިނިތުންވެ ފޮޅޭނީ އެ ބުނާ ބޮތްކެއް ދިއްލައިގެންނޭ ހީވާކަހަލައެވެ.

އެކަމަކު ހަގީގަތަކީ ދިވެހިން ތިބީ މިއަދު އަތްމަތި ދަތިވެފައެެވެ. ވިޔަފާރިވެރިން ބޭނުމީ ވިޔަފާރި ރަނގަޅުވުމެވެ. އެސްއޯއީތަކުން ބޭނުމީ ބޯނަސް އާއި އިތުރު ވަގުތު މަސައްކަތް ކުރުމުން ލިބޭ ފައިސާ ކޮޅު ދިނުމެވެ. ކޮންޓްރެކްޓް ހަމަވެ ކޮންޓްރެކްޓް އާ ނުކުރާ މުވައްޒަފުން ބޭނުމީ ވަޒީފާގެ ޔަޤީންކަމެވެ. އާއްމު މީހާ ބޭނުމީ ގަނަ ނުތެޅި ޚިދުމަތް ލިބުމެވެ. އާސަންދަ ލިބުމެވެ. އަސާސީ އެހެން ޚިދުމަތްތަކަށް ސަލާން ޖަހަން ނުޖެހުމެވެ.

އެކަމަކު އެއިން އެއްވެސް ވާހަކަ އެއް އިވޭކަމަކަށް ނުވެއެވެ. އެ ހުރިހާކަމެއް ޕާކްކޮށް ބާއްވާފައި ރާއްޖެ ދިއްލުމުގެ މާ ބޮޑު މަޝްރޫޢު އެއް ކުރިއަށް ގެންދާ ކަމަށް ބުނެ ސަރުކާރުން ދައްކަނީ ހުސް ދަޅައެވެ. އެއަށް ވުރެ އާއްމު މީހާ އަށް ރާހަތެއް ކުރާނެ މަސައްކަތެއް ކޮށްދިނުން މާ ރަނގަޅު ވާނެ ކަމަށް ފެނެއެވެ.

- ކޮމެންޓް