މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ބުރާސްފަތި ދުވަހުގެ ރޭ ފެށުމާއެކު، މަސްދަޅު ކޭސް ބަލައި އެތައް ސަތޭކަ ބަޔަކު މާލޭގައި ކިއު ހަދައިފިއެވެ.
ރައީސް ޑރ، މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެން ގޮތަށް ކޮންމެ ގެބިސީއަކަށް 48 ދަޅުގެ މަސްކޭސް ބުރާސްފަތި ދުވަހުގެ ރޭ 8:00 ޖެހިއިރު، ވަނީ ބަހަން ފަށައިފައެވެ. މަސްދަޅު ކޭސް މާލޭގައި ބަހަނީ މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ.
އެގޮތުން މި ދެ ސަރަހައްދުގައިވެސް އެތައް ސަތޭކަ ބައަކު ވަނީ ފިތިބާރުވެގެން ކިޔުހަދާފައެވެ. އެ ސަރަހައްދުތަކުގެ މަންޒަރުތަކަށް ބަލާއިރު، ވަގުތުގެ މާ ކުރިން އެތައް ބަޔަކު ވަނީ މި މަސްދަޅުކޭސް ނެގުމަށް ޖަމާވެ، ކިޔުތައް ހަދާފައެވެ. އެތައް ބަޔަކު އޭގެ ފަހުން ވެސް އަންނަނީ ކިއުގައި ޖެހެމުންނެވެ.
އެއާއެކު މަސްދަޅު ކޭސް ހޯދަން ހަދައިފައިވާ ކިޔުތައް ވަރަށް ދުރަށް ދެމިގެން ގޮސްފައިވެއެވެ. އެގޮތުން ކޮޅާކޮޅު ވެސް ނުފެންނަ ވަރަށް ކިޔުހަދާފައި އޮތެވެ.
ބުރާސްފަތި ދުވަހު ރޭ 8:00 އިން ފެށިގެން އެރޭ 11:00 އަށް މަސްދަޅުކޭސްތައް ދޫކުރަން ވަނީ ހަމަޖެހިފައެވެ. މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ހުކުރު ދުވަހު މަސްދަޅު ކޭސް ނުބަހާނެއެެވެ.
މަސްދަޅު ކޭސް ބަހާނެ ގަޑިތަކަކީ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މެންދުރު ފަހު 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ދޫކުރާނެއެވެ.
ވިލިމާލޭގައި މަސްދަޅު ބަހާނީ ވިލިމާލޭގެ ވެމްކޯ ސައިޓުންނެވެ. އަދި ހުޅުމާލެ ފޭސް-1 ގައި މަސްދަޅު ބަހާނީ އުމަރު ޒާހިރު ބިލްޑިންގުންނެވެ. ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނެއެވެ.
ކުރީ އަހަރުގެ ރަމަޟާމްހަށް ކާޑުގެ ބާވަތްތައް ބެހުމުގައި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ރަމަޟާން މަހަށް މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނެގޮތަށް ކަންކަން ރާވާ ބައްޓަންކޮށްފައިވާކަމަށް އެސްޓީއޯއިން ބުނި ނަމަވެސް އަދި މަންޒަރުތައް ފެންނަގޮތުން މިކަމުގައި މާ އިންތިޒާމްތައް ރަނގަޅު ކަމަށް ނުބެލެވެއެވެ.
ކޮންމެ ގެބިސީއަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި 48 ދަޅުގެ މަސްކޭހެއް ދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.