ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 21:35
އަހުމަދު ނަސީރު: މިރޭ އިންޓަރވިއު ކުރާނެ
އަހުމަދު ނަސީރު: މިރޭ އިންޓަރވިއު ކުރާނެ
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ގަވަރނަރ އިންޓަރވިއު ކުރުމުގެ ކޮމިޓީ މިރޭ 9:50 ގައި
ނަސީރުގެ ނަން މަޖިލީހަށް ފޮނުވީ އާދީއްތަ ދުވަހު
މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވީ މިއަދު
އެމައްސަލަ އެކޮމެޓީއަށް ފޮނުވީ ހަމަނުޖެހުން ބޮޑު މަޖިލީހުގައި. މެންބަރުން ބުނަނީ ފޮނުވިކަމެއް ނޭނގޭކަމަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރަނަރ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި އަހުމަދު ނަސީރަށް މަޖީލީހުގެ ރުހުން އޮތްތޯ ބެލުމަށް ބާއްވާ ކޮމެޓީގެ ބައްދަލުވުމެއް މިރޭ 9:50 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ހަމަނުޖެހުން ބޮޑު އަދި ނިޒާމް ގެއްލިފައިވާ ޖަލްސާއަކުން  މިއަދު އެމައްސަލަ ފޮނުވާފައި ވަނީ މިނިވަން  މުއައްސަސާތަކުގެ  ކޮމެޓީއަށެވެ.

މިރޭ އެކޮމެޓީގައި ނަސީރާ އިންޓަވިއު ކުރުން އެބަ އޮތް ކަމަށް އެކޮމެޓީގެ މެންބަރަކު ރާއްޖެ އެމްވީއަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

ގަވަރުނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައި ވަނީ އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. ބައެއް މެންބަރުން ވިދާޅުވާ  ގޮތުގައި  މައްސަލަ ކޮމެޓީއަށް ފޮނުވި ކަމެއް ވެސް ނޭނގެ އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައި ވަނީ އާދިއްތަ ދުވަހު އެވެ.

ގަވަރުނަރުގެ މަގާމަށް އަަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ނިންމެވުމުގެ ކުރިން، އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި އެވެ. ނަމަވެސް، ނީޒާގެ ނަން ނެގުމަށް ފަހު އަލީ ނަސީރު އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވުމާއެކު ނީޒާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ، 2014  ވަނަ އަހަރުން ފެށިގެން އެމަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވުމުންނެވެ. އަޒީމާ އިސްތިއުފާ ދެއްވީ ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ  ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލު ކުރެއްވުމަށެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ  ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް  ކުރެއްވި  ބޭފުޅެކެވެ.

ނަސީރަކީ  އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ  ދާއިރާއިން މާސްޓާސް ހާސިލް  ކުރައްވާފައިވާ  ބޭފުޅެކެވެ.

އެމްއެމްއޭގެ  އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ  ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ  ބޭފުޅެކެވެ. އަދި މިހާރު އޭނާ އަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ  މެނޭޖިން  ޑިރެކްޓަރެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް