ހުސްވި ޖެނުއަރީ މަހު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފައިވާ އިރު އެކަމުގެ ސަބަބަކީ ކޮބާތޯ އިކޮނޮމިކް މިނިސްޓަރަށް ރާއްޖެ ޓީވީން ދެންނެވުމުން އެކަމުގެ ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"ތަފްސީލަށް ބަލައިގެން އެއްޗެއް ދަންނަވަން ޖެހޭނީ، އަޅުގަނޑަކަށް ނޭގޭ ސަބަބުތަކެއް، ހިސާބުތައް ބެލީމަ އެނގޭނީ އެއްޗެއް ދަންނަވަން." މިނިސްޓަރ ސައީދު އަންގާރަ ދުވަހު މެންދުރު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
މިނިސްޓަރ ތަކުރާރު ކޮށް ވިދާޅުވީ އިމްޕޯޓު އާމްދަނީ ދަށްވީ ޗައިނާ އާއި ރާއްޖެ އާ ދެމެދު ހެދުނު ފްރީ ޓްރޭޑް އެގްރީމެންޓް ގެ ސަބަބުން ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔަ ސަބަބުވެސް އަދި ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.
"ވަރަށް ކަންބޮޑުވާ ކަމެއް އަޅުގަނޑުމެންގެ އާމްދަނީ ވަރަށް ޝާޕް ކޮށް ފޯލް ވެއްޖެ,، އަދި ފޯލްވި ސަބަބެއް މީހަކަށް އެނގޭ ގޮތަކަށް އަދި ބުނެދެވިފައެއް ނެތް،" ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވިދާލުވީ، 1.4 ބިލިއަން ރުފިޔާގެ އިމްޕޯޓު ޖަނަވަރީ މަހު ރާއްޖެ އަށް ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ޗައިނާގެ އިން އެފްޓީއޭ ގެ ދަށުން އެތެރެ ކޮށްފައިވަނީ 33.9 މިލިއަން ރުފިޔާގެ މުދާ ކަމަށެވެ. އޭގެ އިމްޕޯޓު ޑިއުޓީ ގެ ގޮތުގައި މާފުވެފައިވާނީ 2.2 މިލިއަން ރުފިޔާ ކަމަށް ވުމާއެކު، އިމްޕޯޓު ޑިއުޓީ އާ އާމްދަނީ ދަށްވުމާ ގުޅުމެއް ނެތް ކަމުގައެވެ.
ވެރިކަން ކުރާ ޕީއެންސީ ތަމްސީލު ކުރައްވާ މެމްބަރު ނާޒިމު މާލިއްޔަތު ކޮމިޓީގައި ފާހަގަ ކުރެއްވި ގޮތުގައި އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔައީ، ޑިއުޓީ ކުޑަ ކުރުމުގެ ކުރިން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރުމާއެކު، އެ ސްޓޮކް ހުސް ނުވާތީ، ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑު ޖެހި، ސަރުކާރުން އުއްމީދު ކުރި އާމްދަނީ ސިނގިރޭޓުން ނުލިބޭތީ ކަމުގައެވެ.
"އެހެން ނަމަވެސް ހިސާބު އަކުރު އެނގޭތީ އެނގޭ މިހާރު މިވަނީ ކީއްކަން، އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ސިނގެރެޓުންކަން، ސިނގިރެޓު އެތެރެ ކުރުން މިހާރު އޮތީ މަޑު ޖެހިލާފަ ކަން، އޭރު ސިނގިރޭޓުގެ އަގު ވަރަށް ކުޑަކޮށް އޮތް އިރު ވަރަށް ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކޮށްފައި ޑިއުޓީ ދައްކާފައި ހުރީމަ، ސިނގިރޭޓުގެ ސްޓޮކް ހުސް ނުވާތީ، އަދި ސިނގިރެޓް އެތެރެ ނުކުރާތީ ސިނގިރެޓުން އެބައި ނުލިބެތީ، އާމްދަނީ ދައްވީކަން އަޅުގަނޑު މެންނަށް އެބަ އިނގޭ؛"
ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި އިގްތިސާދު ރަނގަޅު ވަމުންދާތަނެއް ވެސް އަދި ޚަރަދު ކުޑަކުރެވޭތަނެއް ވެސް އަދި ނުފެންނަ ކަމުގައެވެ.
"އިގްތިސާދު ރަނގަޅު ވާތަނެއް އަދި ނުފެނެ، އަދި ޚަރަދުތައް ކުޑަކުރެވޭތީ އެއްވެސް ނުފެނެ،"
ނާޒިމް މިހެން ވިދާޅު ވިއިރު މިނިސްޓަރ ސައީދު ވިދާޅުވީ، އިގްސާދު ދަނީ ރަނގަޅަށް ކުރި އަރަމުން ކަމަށެވެ.
އެހެން ވިދާޅުވި ނަމަވެސް ކުރިއަށް ދާ ކަމުގެ އެއްވެސް ހެތްކެއް ހިސާބުތަކުން ފެންނަން ނެތް ކަން ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ގެންދިޔައީ ތަކުރާރުކޮށް ފާހަގަ ކުރަމުންނެވެ.
އިގްތިސާދާ ބެހޭ ވަޒީރު ރާއްޖޭގެ އިގްތިސާދު ކުރިއަށް ދާކަމަށް ވިދާޅުވިއިރު، ފާއިތުވި މަހު ދައުލަތައް ލިބުނު ޖުމްލަ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި، ދައުލަތައް އާމްދަނީ ވަންނަ މައިގަނޑު ހުރިހާ ދާއިރާ އަކުން ކަހަލަ ގޮތައް އާމްދަނީ ދަށް ވެފައިވާ ކަން ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު މާލީ ހިސާބުތަކުން ހާމަ ވެއެވެ.
އޭގެ ތެރޭގައި ޓެކްސް އާމްދަނީ އާއި، ޓެކްސް ނޫން އާމްދަނީ އާއި، އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ އާއި އަމިއްލަ ފަރާތްތަކުން ދައްކާ އިންކަމް ޓެކްސް އާއި ވިޔަފާރި ފައިދާ އިން ދައްކާ ޓެކްސް އާއި، ޖީއެސްޓީ އާއި ޑިޕާޗާ ޓެކްސް އާއި އެއަރޕޯޓު ޑިވެލޮމްޕަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އާއި ފީ ތަކާއި ކުލިން ލިބޭ ވަނީ ދަށަށް ގޮސްފައެވެ.
މި އަހަރު ފެށިގެން ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 874 މިލިއަން ރުފިޔާ މަދުން ކަމަށް ފިނޭންސް އިން އާންމު ކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ހިސާބުތަކުން ވަނީ ހާމަވެފައެވެ.