ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަންކަމުގެ މަގާމުން ވަކި ކުރިއިރު، ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އަޙުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރާއްޖެ ނޯމަލައިޒް ކުރަން ނިންމީ މިދިޔަ އަހަރު އެވެ. އެއަށްފަހު ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒިން ކޮމެޓީއެއް ވަނީ އައްޔަން ކޮށްފަ އެވެ. އެ ކޮމެޓީގެ ޗެއާމަނަކަށް ފީފާ އިން ހަމަޖެއްސީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ވަޒީރުކަން ވެސް ކުރެއްވި ޒުހޫރު އެވެ.
އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަންކަމުގެ މަގާމުން ޒުހޫރު ވަކި ކުރަން ފީފާ އިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފަސް މެމްބަރުންގެ ކޮމެޓީގެ އަދަދު ތިން މެމްބަރުންނަށް މަދުކޮށް، އެ ކޮމެޓީގެ ޗެއާމަންކަމަށް ދެން ހަމަޖެއްސީ ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އަޙުމަދު މުޢިއްޒު އެވެ.
އެކަމާ ގުޅިގެން ޒުހޫރު ވިދާޅުވީ، ޗެއާމަންކަމުގެ މަގާމުން އޭނާ ވަކިކޮށްފައިވާއިރު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް ކަމަކަށް، އެފްއޭއެމްގެ ދަރަނިތައް ދެނެގަނެވިފައިވާ ކަމަށާއި، އެ ދަރަނިތައް އަދާ ކުރާނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
މީގެ އިތުރުން އެފްއޭއެމްގެ ކުރީގެ އިސްވެރިން ހިންގާފައިވާ މަނީ ލޯންޑަރިން އަދި ކޮރަޕްޝަންގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީސް އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ތަޙުގީގަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް ވެސް ޒުހޫރު ފާހަގަ ކުރެއްވި އެވެ.
ހަމަ އެހެންމެ، އެފްއޭއެމަށް އައު މުވައްޒަފުން ނަގައި، ދުވަހުން ދުވަހަށް ކުރިއަށް ގެންދަން ޖެހޭ މަސައްކަތްތައް ވެސް އަލުން ފެށިފައިވާ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ ކުރިން އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވި ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާއިރު، އެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަތައް ވެސް ބަރާބަރަށް ދެމުން އައިކަން ޒުހޫރު ފާހަގަ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތައް ރަސްމީކޮށް ފަށައި ގަތުމާ އެކު، ފުޓުބޯޅައިގެ ބައެއް މެޗުތައް ވެސް ވަނީ ކުޅެފަ އެވެ. އެގޮތުން 17 އަހަރުން ދަށުގެ ޤައުމީ ޓީމުން ހަތަރު މެޗު ކުޅެފައިވާއިރު، 19 އަހަރުން ދަށުގެ ޓީމުން ވެސް ވަނީ ހަތަރު މެޗު ކުޅެފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ޤައުމީ ފިރިހެން އަދި އަންހެން ޓީމުން ވެސް ވަނީ ބައިނަލްއަޤުވާމީ މެޗުތަކެއް ކުޅެފަ އެވެ.
ހަމަ އެހެންމެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ދޭން ޖެހޭ އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމާއި، ކުލަބު އީގަލްސް އަށް ދޭން ޖެހޭ 300،000 (ތިން ލައްކަ ރުފިޔާ) ވެސް ވަނީ އަދާކޮށްފަ އެވެ.
މީގެ އިތުރުން ފުޓުބޯޅަ ސީޒަން ފަށައި ގަތުމަށް ކުރަން ޖެހޭ މަސައްކަތްތައް، ކުލަބުތަކާ ގުޅިގެން ފެށިފައިވާ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރެއިން މިހާރު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފެށިފައިވާ ކަމަށާއި، އެއާއެކު ދެން ވެސް ކުރިއަށް ދާން ހުރި ކަންކަން ކުރެވިގެން ދާނެ ގޮތުގެ ރާސްތާ އެކުލަވާލެވިފައި އޮތް ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.
އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަންކަމުން ޒުހޫރު ވަކި ކުރަން ފީފާ އިން ނިންމާފައި ވަނީ، ސަރުކާރުން އެދިގެން ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.