އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ލިވަޕޫލް އިން ދެ ލަނޑު ޖަހައިގެން ލީޑު ނަގާފައި ވަނިކޮށް، ވުލްވްސް އިން ވަނީ އެެއް ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ ވުލްވްސްގެ އޭރިޔާ ތެރެއިން ލިވަޕޫލްގެ މުޙައްމަދު ޞަލާޙު ފޮނުވާލަން މަސައްކަތް ކުރި ބޯޅައެއް، ވުލްވްސްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ލިބުނު ވަގުތު، އެ ބޯޅަ ގޯލަށް ވައްދާލައިގެން ލުއިސް ޑިއާޒް ޖެހި ލަނޑެކެވެ.
އޭގެ ފަހުން ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ވުލްވްސްގެ އޭރިޔާ ތެރެއިން ލިވަޕޫލްގެ ޑިއާޒް އަށް އެ ޓީމުގެ ގޯލު ކީޕަރު ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީ ދީފަ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ލިވަޕޫލަށް ލީޑު ފުޅާ ކޮށްދިނީ ޞަލާޙު އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ވުލްވްސްގެ ހަމައެކަނި ލަނޑު ޖެހީ މަތިއުސް ކުންހާ އެވެ.
މޮޅާއެކު ލިވަޕޫލް އިން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 60 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އާސެނަލަށް ލިބެނީ 53 ޕޮއިންޓެވެ.