ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 15:54
މަޖިލީހުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގިކަމަށްބުނާ ފާޚާނާ--
މަޖިލީހުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގިކަމަށްބުނާ ފާޚާނާ--
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލީ އާއްމު ހާލަތަކަށް ގެނައުމަށް، ކުރެއްވީ ކޮންކަމެއްތޯ!؟
ޖަލްސާތައް މެދު ކަނޑާލީ އަލިފާނުގެ ހާދިސާއާ ގުޅިގެން މަރާމާތު ކުރުމަށް ކަމަށް ބުނެ
އެކަމަކު ތިން ހަފްތާ ވީއިރުވެސް މަރާމާތުގެ އެއްވެސް ކަމެއް ނުކުރާކަމަށް މަހްލޫފް ވިދާޅުވޭ
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައި

ރައްޔިތުންގެ މަޖިލީހުގެ އިދާރައިގެ ފާޚާނާއެއްގެ ތެރޭގައި ހުރި އަތްފުހޭ ކަރުދާސް ރޯލެއްގައި ރޯވެގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލި ގޮތަށް 21 ދުވަސްފަހުން ޖަލްސާއެއް ބޭއްވިއިރު މަޖިލީހު އާއްމު ހާލަތު ރަނގަޅު ކުރަން މަޖިލީހުގެ އިދާއިން ކޮށްފައިވާ މަސައްކަތާމެދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ސުވާލު އުފައްދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި ކުޑަ އަލިފާނުގެ އެހާދިސާއާ ގުޅިގެން، ޖެހިގެން އައި އަންގާރަ ދުވަހު ބާއްވަން ތާވަލް ކުރި މަޖިލީހުގެ ޖަލްސާ ވެސް ވަނީ ކެންސަލް ކުރުމަށް ފަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި ހަވާލާ ދެއްވާ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހޯމަ ދުވަހު އިރުއޮއްސެން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ތަން ޢާއްމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭގޮތުން އަޅަންޖެހޭ އެހެން ފިޔަވަޅުތައް އެޅުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

އަލިފާނުގެ އެ ކުޑަ ހާދިސާ ހިނގިތާ ތިން ހަފްތާފަހުން މަޖިލީހުން ޖަލްސާއެއް ބޭއްވިއިރު، މަރާމާތުގެ އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާގައި އަލިފާނުގެ އެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ނިއްވާލާފައި ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިން ވެސް ތުހުމަތު ކުރަމުންގެންދިޔައީ މަޖިލީސް ހުއްޓުވާލާފައި ވަނީ ކޮންމެހެން މަޖިލީހުގައި ހިނގިި އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ނޫން ކަމަށެވެ. އެއީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށާއި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިމަތިވެފައިވާތީ ކޮންމެވެސް ބަޔަކު ރާވައިގެން ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް މެމްބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

މީގެ އިތުރުން، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންގެ މައްޗަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ ޝަރީއަތް ވެސް ދަނީ ކުރަމުންނެވެ. އަދި ޝަރުއީ ހުކުމަކާ ނުލައި މިވަގުތު  ވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ހުންނެވީ ޖަލުގަ އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ތެރެއަށް ފުލުހުންނާއި ސިފައި ވަދެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނެރެފައި ވެއެވެ. މަޖިލީހުން މެމްބަރުން ނެރެން އުޅުމުގެ ތެރޭގައި ގިނަ މެމްބަރުންތަކަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފަ އެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ދެން އަޑުއިވިގެން ދިޔައީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މޭޒު ވަށައިގެން ބިއްލޫރި ކޮށްޓެއް ޖަހާ ވާހަކަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް