ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރިކަން އެނގިވަޑައިގަތީ އިޓަލީގައި ހުންނެވުމަށް ފަހު އިނގިރޭސިވިލާތަށް އެތެރެވެވަޑައިގަންނަވަން އުޅުއްވަނިކޮށް ޖޫން މަހުގެ ތެރޭގައެވެ.
ޕާސްޕޯޓް ކެންސަލް ކޮށްފައި އޮތުމުން ލަންޑަންގެ ގެޓްވިކް އެއާޕޯޓުގައި ޖާބިރު ބަންދުކުރި އެވެ. ނަމަވެސް ބަންދު ކުރިތާ 15 ގަޑިއިރު ފަހުން މިނިވަންވެ، އެގައުމަށް ޖާބިރު އެތެރެވެވަޑައިގެންނެވި އެވެ.
ޖާބިރު ވިދާޅުވެފައި ވަނި ލަންޑަނަށް ވަޑައިގަތުމަށް އިޓަލީއިން ފުރާވަޑައިގެންނެވިއިރު ވެސް ޕާސްޕޯޓް ކެންސަލް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ދެ ގަޑިއިރެއްހާއިރުގެ ދަތުރަށް ފަހު ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ވަޑައިގެންނެވިއިރު، ޑިޕްލޮމެޓިކް ޕާސްޕޯޓާއި، އޯޑިނަރީ ޕާސްޕޯޓްވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ.
މިނިވަން ވެވަޑައިގަތުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޖާބިރު ވިދާޅުވީ، ވަގުތުކޮޅަކަށް އެބޭފުޅާ އެކަހެރިކޮށް، ނުކިއްސަރު ފިޔަވަޅެއް އަޅުއްވަން ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށާ، ނަމަވެސް އެކަން ވީ ފެއިލް ކަމަށެވެ.
ޕާސްޕޯޓް ކެންސަލް ކުރި މައްސަލައިގައި، ޖާބިރު ދައުވާ ކުރެއްވީ މޯލްޑިވްސް އިމިގްރޭޝަންއާ ދެކޮޅަށެވެ. އެ މައްސަލަ ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފައި ވަނީ، ޖާބިރާއި ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން ދާތީ، ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމަށް ފުލުހުން އެދިފައިވާތީއެވެ.
އެހެން ނަމަވެސް، އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުންނާއި އިމިގްރޭޝަނުން ވެސް ހާމައެއް ނުކުރެ އެވެ.
ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭޕްރީލު މަހުގެ 27 ވަނަ ދުވަހު ފުލުހުން ވަނީ ޖާބިރު ހޯދުމަށްޓަކައި، މާލޭގައި ހުންނަ އޭނާގެ ގެއަށް ގޮސްފައެވެ. ޖާބިރު ހޯދަން ފުލުހުން ދިޔައިރު، އޭނާ އުޅުއްވީ ރާއްޖެއިން ބޭރުގައެވެ. ޖާބިރު ރާއްޖެއިން ބޭރުގައި އުޅުއްވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.