ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ދެބޭފުޅުންގެ ދެމެދުގައި ޖެހިގެން އުޅެނީ ފައިސާގެ މައްސަލައެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ދިވެހިރާއްޖޭގައި ދައްކާ ވާހަކަ ދިމާނުވުމާއި، ކޮރަޕްޝަނާއި މަކަރު ހެދުމާއި، ޖެހުނު ތަނަކުން ޖެހުނު ވަރަކަށް ޖެހުނު މީހަކު ލާރި ނެގުމާ އެނޫން ކަމެއް ނެތް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްމެންނާއި ރައީސް ޑރ. މުހައްމަދު މުޢިއްޒުމެންނާ ޖެހިގެން، ދެ ގަނޑުވަރު ދޭތެރޭގައި ފިތި ބާރުވެގެން އުޅެނީވެސް ފައިސާކޮޅެއް ކަމަށް ޔަމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެއްގޮތަކަށްވެސް މި އުޅެނީ ތަނެއްގެ އެގްރީމަންޓު ނަގައިގެން އުޅޭ ކަމެއް ނޫން ކަމަށާއި، މިކަމަކީ ބައިއެޅުމުގެ ތެރޭގައި އުޅޭ ކަމެއް ކަމަށެވެ.
އެއީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކަށް ވެސް ކުރީގައި ލާރި ހޯދާ ގޮތަށް، ލާރި ހޯދާ ބައެއް ނާޅާ އިނގޭތޯ. އެހެންވީމާ، އެހެންވީމާ، މި ހިތްދަތިކަމުން، މި މުސީބާތުން އަޅުގަނޑުމެން އެބަ ސަލާމަތްވާންޖެހޭ. އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެންގެ ކަންކަން ހަމައަކަށް އެޅުވުމަށް، މިއީ މީހަކަށް ވުރެ ރަނގަޅަށް ތިމަންނަމި ކަމެއް ކުރާނަމޭ ކިޔާފައި އަންނަ މީހަކު ރައްޔިތުންނަށް އޮޅުވައިލައި، ދޮގުހަދާ ކަމަށް ވަންޏާ އެއަށްވުރެ ބޮޑު ހިތްދަތިކަމެއް، އެއަށްވުރެ ބޮޑު ގޯހެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. ދެން ދީނީ ބޭފުޅުން މީނައަށް ނަސޭހަތްދޭ ތަނެއް ނުފެނޭ. ހުކުރު ޚުތުބާގައި އެންމެންނަށް މުޚާޠަބުކުރާ ދައްކާ ވާހަކައަކީ އެއީ އެންމެންނަށް ރައްދުވާ އެއްޗެއް އިނގޭތޯ. ވަލިއްޔުލް އަމްރަކަށް ހުންނަ މީހަކަށް، ޤައުމު ހިންގަން ހުންނަ މީހަކަށް ދީނީ ބޭފުޅުން ނަސޭހަތްދޭން އެބަޖެހޭ. އެހެންވީމާ، އެކަމެއް ނުފެނޭ އަޅުގަނޑުމެންނަކަށް.ކުރީގެ ރައީސް އަބްދުﷲ ޔާމިން![]()
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާކަމަށް އަޑުތައް ފެތުރިފައިވަނިކޮށް، އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހިމް ފައިސަލް ކުއްލިގޮތަކަށް އެމަގާމުން ވަނީ ވަކިކޮށްފައެވެ.
އޭނާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ވަކިކުރި ސަބަބެއްވެސް ހާމަކޮށްފައި ނުވެއެވެ. މިއާއެކު ޕީއެންސީގެ ހަރަކާތްތަކުންނާއި، ސިޔާސީ މަސައްކަތުން އަބްދުއްރަހީމްވެސް ވަނީ ގެއްލިފައެވެ.