ޖަރުމަނު ލީގުގައި ވުލްވްސްބާގާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އިން ފުރުސަތު ނަގާލައިފި އެވެ.
ވުލްވްސްބާގްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެ މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ލެވަކޫސަނަށް އޮތެވެ. ނަމަވެސް މެޗު އެއްވަރުވުމުން ލެވަކޫސަން އިން ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ވުލްވްސްބާގްގެ ކޯލިއެރަކިސް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ހުރަސްވި ބޯޅަ އޭނާ ބޮލުން ގޯލަށް ވައްދާލި ނަަމަވެސް، އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައި ނުގަތީ އެވެ.
އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަކޫސަންގެ ގްރަނިޓް ޒަކާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ވެސް ޒަކާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން ލެވަކޫސަންގެ ވިކްޓޯ ބޮނިފޭސް ފޮނުވާލި ބޯޅަ ވުލްވްސްބާގްގެ ގޯލު ކީޕަރު ވަނީ އަތުން ޖައްސައި ބޭރުކޮށްލައިފަ އެވެ.
މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު ލެވަކޫސަން ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 46 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި ބަޔާން މިއުނިކަށް ލިބެނީ 54 ޕޮއިންޓެވެ. ވުލްވްސްބާގް އޮތީ 21 މެޗުން 30 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.