ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 18:08
ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ
ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ
ރާއްޖެއެމްވީ ގްރެފިކްސް
ބޯހިޔާވަހިކަން
ބޯހިޔާވަހިކަމުގެ މައްސަލަ: ވައުދުވާ ސްޕީޑުގައި ކަން ނުހިނގާ މައްސަލަ
ސަރުކާރުން ރަށްރަށަށް ގޮސް ހައުސިންގ ޔުނިޓްތައް އަޅާނެ ކަމަށް ބުނެ، އެކަމަށް ތާރީޚުތަކެއް ކަނޑައަޅައި އިޢުލާނު ކުރަމުން ދާއިރު، މިހާރުވެސް ނުނިމި ހުރި މަޝްރޫޢުތައް ހަމަ އެހުރީ އެގޮތުގައި ނުނިމިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް އެންމެ މުހިންމު އެއް އަމާޒެވެ. މިގޮތުން މިހާރުގެ ސަރުކާރުންވެސް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ގިނަގުނަ ވައުދުތަކެއް ވެފައިވެއެވެ. ނަމަވެސް، މި ވައުދުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ދިން އެތައް ތާރީޚުތަކެއް ފަހަނައަޅާ ގޮސްފިއެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވެއެވެ. ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ދިން ފްލެޓާއި ގޯތީގެ މައްސަލަ މިހާތަނަށް ވެސް ޙައްލުކުރެވިފައި ނުވާއިރު، އަނެއްކާވެސް އިތުރު ހައުސިންގ ޔުނިޓްތަކެއްގެ ވާހަކަ ދެއްކުން މިއީ ހަމައެކަނި ރައްޔިތުންގެ ކުރިމަތީގައި ރީތި ވާހަކަތަކެއް ދެއްކުމަށްޓަކައި ކުރާ ކަމެއްތޯ ނުވަތަ ޙަޤީޤަތުގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެޅޭ ފިޔަވަޅެއްތޯ ސުވާލު އުފެދޭ ކަމެކެވެ. މި ރިޕޯޓުގައި އަލިއަޅުވާލާނީ ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދުތަކާއި، ހަގީގަތުގައި ކަން ހިނގާ ގޮތުގެ މައްޗަށެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫޢު:

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަޝްރޫޢަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދެވެ. ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް މަސައްކަތް މަޑު ޖެހި، ދީފައިވާ ތާރީޚުތައް ފަހަނައަޅާ ދިއައެވެ. ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް މިކަމަށް އޮތް އިރު ސާފު ޖަވާބުތަކެއް ނުދެއްވާ އަނެއްކާވެސް، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މިވާހަކަ ތަކުރާރު ކުރެއްވީއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކުން ނިންމާ، 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި މަގުހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅީފަޅު، ގިރާވަރު ފަޅު އަދި ހުޅުމާލެ ފަޅު މަޝްރޫޢު:

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެއީ 2 ޖުލައި 2023 ގައެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ސާލިހުގެ ސަރުކާރުން ފެއްޓެވި ބިޔަ ބޮޑު މަޝްރޫޢުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމި އެއް ސަރަހައްދަކީ ވެސް ގުޅީފަޅެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން 2000 ގޯތި ދޫކުރިއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވެސް މަޑު ޖެހުނެވެ. އަނެއްކާވެސް ރިޔާސީ ބަޔާނުގައި ވިދާޅުވީ، ގުޅީފަޅުގައި އިތުރު 85 ހެކްޓަރު ހިއްކުމަށާއި، ފައިސާ އާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި އެތަނުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމަށް ކޮންޓްރެކްޓަރަކާ ސޮއި ކުރެވިފައި ވާކަމަށެވެ. ގިރާވަރު ފަޅު ބިން ހިއްކުމުގެ މަޝްރޫޢު އަވަހަށް އަލުން ފެށިގެންދާނެ ކަމަށް ވިދާޅުވި އިރު، ހުޅުމާލެ ފަޅު ތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހިއްކާ ނިމިގެން ދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިތުރު މަޝްރޫޢުތައް:

  • އިންޑިއާގެ ކޮންސިޝަނަލް ފައިނޭންސްގެ އެހީގައި ގުޅީފަޅުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުން.
  • އުތުރުތިލަފަޅުގައި 150 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގައި ފެށިގެންދިއުން.
  • އުތުރުތިލަފަޅާއި، ގިރާވަރުފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ނިމުމުގެ ކުރިން ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ އިދާރީ މަސައްކަތްތައް ފެށިފައިވުން.
  • މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި މިއަހަރު ސޯޝަލް ހައުސިންގެ އައު މަޝްރޫޢުތައް ފެށިގެންދާނެ ކަމަށް ވިދާޅުވުން.

4000 ފްލެޓް މަޝްރޫޢު:

އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށްދާ 4000 ފްލެޓް ނިންމުމާއި އެ ފްލެޓްތައް ލިބޭނެ ކަމަށް އިޢުލާން ކޮށްފައިވާ 4000 މީހުންގެ ލިސްޓާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ސައްޙަކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެތައް އެތައް ތާރީޚުތަކެއްދީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާވަރަށް ގަނަތެޅުވުމަށްފަހު އަނެއްކާވެސް މި މަހުގެ ތެރޭގައި ލިސްޓު އިޢުލާން ކުރެވިގެންދާނެކަމަށާއި، މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި ހުރިހާ ފްލެޓެއް ޙައްޤުވެރި ފަރާތްތަކާ ޙަވާލުކޮށް ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. މި ފްލެޓްތަކުގެ މައްސަލާގައި އެތައް ރައްޔިތުންނެއް މުޒާހަރާކޮށް މިނިސްޓަރުންނާ ބައްދަލުކުރުމަށް އެތައް މަސައްކަތެއް ކޮށްފިއެވެ. އެކަމަކު މި ސަރުކާރުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. އެހުރިހާ ކަމެއް އެހެންވެފައި ވަނިކޮށް އަނެއްކާ ވެސް ރައްޔިތުންނަށް އުއްމީދެއް ދެއްވައިފިއެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް:

ސަރުކާރުން ވީ ވަޢުދުގައި 58 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ހިމެނިފައިވެއެވެ. މީގެ ތެރެއިން، ބ. އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރަކާ އެކު ސޮއި ކުރެވިފައިވާ ކަމަށް އިއުލާން ކުރިއެވެ.

ބާކީ 57 ރަށުގެ ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާން ކުރެވިފައިވާއިރު، މާލެ ފިޔަވާ އެހެން ރަށްރަށުގައި މި އަހަރު 12,940 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ރޭވިފައިވާ ކަމަށް ރައީސް މުއިއްޒު 2025 ވަނަ އަހަރުގެ ރިޔާސީ ބާޔާނުގައި ވިދާޅުވިއެވެ.

އާބާދީ ބޮޑު ރަށްރަށުގައި ޕްލޭންކުރެވިފައިވާ މަޝްރޫޢުތައް:

  • ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓް.
  • އައްޑޫ ސިޓީގެ 6 ރަށުގައި ޖުމްލަ 1100 ހައުސިންގ ޔުނިޓް.
  • ހދ. ހަނިމާދޫ، ރ. އުނގޫފާރު، ކ. ތުލުސްދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ، މިއިން ކޮންމެ ރަށެއްގައި 500 ހައުސިންގ ޔުނިޓް.
  • އިތުރު 22 ރަށެއްގައި 100ށްވުރެ ގިނަ ހައުސިންގ ޔުނިޓް.
  • 20ރަށެއްގައި 100 ޔުނިޓަށްވުރެ މަދުން.

ސަރުކާރުގެ އަމާޒަކީ މިހުރިހާ ރަށެއްގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމެވެ. ރައްޔިތުންގެ އުންމީދުތައް ބޮޑުވެފައިވާ މިފަދަ މުހިންމު މަޝްރޫޢުތަކުގެ ތަންފީޒީ މަރުޙަލާ ލަސްވަމުން ދިއުމަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މާލެ ސަރަޙައްދުގައި މި މައްސަލަ ވަނީ ނުހަނު ބޮޑުވެފައެވެ. އެހެންކަމުން، ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ މި ވަޢުދުތައް އަވަސް މުއްދަތެއްގެ ތެރޭގައި ފުއްދުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ. އެހެންނަމަވެސް، މިހާތަނަށް ފެންނަމުންދަނީ ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ނުފެށި، ހަމައެކަނި ރޭވުންތެރިކަމުގެ މަރުޙަލާގައި ހުއްޓިފައިވާ މަންޒަރެވެ.

ސަރުކާރުން ބުނާގޮތުގައި ގިނަ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ބައެއް މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނާ އެކު ސޮއިކުރެވިފައިވާ ކަމަށް ވެސް ބުނެއެވެ. ނަމަވެސް، މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ސާފު ތާރީޚެއް އަދި އިޢުލާންކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން، ބައެއް މަޝްރޫޢުތަކުގެ ފައިނޭންސިންގ ހަމަޖެއްސުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ސަރުކާރުން ވަޢުދުވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ލަސްވަމުންދާއިރު، އިތުރު އައު ވަޢުދުތައް ވަމުންދިއުމަކީ އެއްމެ ބޮޑު އެއް ކަންބޮޑުވުމެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް އިތުރަށް ބޮޑުވެއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސަރުކާރުން ވަމުންދާ ވައުދުތަކަކީ ޙަޤީޤަތާ އެއްގޮތަށް ފުއްދޭނެ ވައުދުތަކެއްތޯ ވެސް ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަޅައިދީފައިވާ ފްލެޓްތަކާއި، މާލޭގެ ރައްޔިތުންނަށް ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ދޭނެކަމަށް ބުނެފައިވާ ގޯތިތައް ނުދެވި ލަސްވަމުންދާއިރު، އިތުރު ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ވައުދު ވަމުންދާ ދިއުމަކީ ސަރުކާރުގެ ހަގީގީ މަގުސަދާ މެދު ރައްޔިތުން ސުވާލު އުފައްދާ ކަމެކެވެ.

ސަރުކާރުން އަލަށް ރަށްރަށަށް ގޮސް ހައުސިންގ ޔުނިޓްތައް އަޅާނެ ކަމަށް ބުނެ، އެކަމަށް ތާރީޚުތަކެއް ކަނޑައަޅައި އިޢުލާން ކުރަމުން ދާއިރު، މިހާރުވެސް ނުނިމި ހުރި މަޝްރޫޢުތައް ނިންމުމަށް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

- ކޮމެންޓް