ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 13:07
މެމްބަރު އިންތި އިންޓަވިއު ދެއްވަނިކޮށް، ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިންތި ވަށާލައި އަޑުގަދަ ކުރައްވަނީ --
މެމްބަރު އިންތި އިންޓަވިއު ދެއްވަނިކޮށް، ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިންތި ވަށާލައި އަޑުގަދަ ކުރައްވަނީ --
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
އިންތި މީޑިއާއަށް އިންޓަވިއު ދެއްވަނިކޮށް ސަރުކާރުގެ މެމްބަރުން ގޮސް ވަށާލައި އަޑުގަދަކޮށްފި!
ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އަޑު ގަދަކުރުން ފިޔަވާ އިތުރުކަމެއް ނުކުރައްވާ

އަންގާރާ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މަޖިލީސް އިދާރާގެ ބޭރުގައި ހުންނަވައި މީޑިއާއަށް އިންޓަވިއު ދެއްވަނިކޮށް، ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ވަޑައިގެން އިންތި ވަށާލައި އަޑުގަދަ ކުރައްވައިފި އެވެ.

އިންތި އިންޓަވިއު ދެއްވާފައިވަނީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާއި މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމްކުރުން ލަސްވަމުންދާތީ އެކަމާ ގުޅޭ ގޮތުންނެވެ.

އިންތި ވަށާލައި މެމްބަރުން އަޑުގަދަކުރަމުން ގެންދިޔަ ނަމަވެސް، އެ ބޭފުޅުންނަށް ކަޅިވެސް ހިންގަވާ ނުލައްވައި އޭނާ ގެންދެވީ މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ. އިންތި އާއި މީޑިއާއަށް ހުރަސް އެޅުއްވި މެމްބަރުންގެ ތެރޭގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު، ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އެވެ. މީގެއިތުރުންވެސް މަޖިލީހުގެ ނާއިބުރައީސް މޫސާމަނިކު އާއި ދެން ވަޑައިގެންނެވި މެމްބަރުން ތިއްބެވީ އިންތިއަށް އުނދަގޫ ނުވާގޮތަށް ތަންކޮޅެއް ދުރުގަ އެވެ.

މި މެމްބަރުން ވިދާޅުވަމުން ގެންދެވީ އިންތި ދައްކަވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަޑުގަދަކުރެއްވުމަށް ފަހު މާގިނަ އިރެއް ނުވެ އެ މެމްބަރުން މަޖިލީހުގެ ގޯތިތެރެއަށް ވަދެވަޑައިގަތެވެ.

"އަޅުގަނޑު މިވަގުތުވެސް އެދެން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ މިވަގުތުން މިވަގުތަށް ވެސް ނިންމާލަ ދެއްވުމަށް. މަޖިލީހުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ އެއް އަސްލަކީ ހާގީގަތުގައިވެސް އެއީ. ސުޕްރީމް ކޯޓުން މީގެކުރިން ނެރުނު ހުކުމަކާއި ގުޅިގެންނާއި ރައީސް ޔާމީން އެދިވަޑައިގެންނެވުމުގެ މަތިން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކެއްގެ ސަބަބުން މަޖިލީހުގައި ހިނގަމުންދާ ތަންތައްތަކެއް މިއީ. މަޖިލިސް މިހާރު މިއޮތީ ހުއްޓިފަ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މިވަނީ މިކަމާ ގުޅިފައި،" އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

މެމްބަރު އިންތި އިންޓަވިއު ދެއްވަމުން ގެންދަވިކޮށް، ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއް އިންތި ވަށާލައި އަޑުގަދަ ކުރުމަށް ވަޑައިގަންނަވަނީ --

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް މެމްބަރުން އިންޓަވިއު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ގިނައީ ސިފައިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ، މަސީހުގެ ދިފާއުގައި ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވެ ވަޑައިގަންނަވާއިރު، މަޖިލިސް އޮތީ "މިލިޓަރީ ބާރުގެ" ދަށުގައި ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

"ޖުލައި 31 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ތިއްބެވި ސެކިއުރިޓީ ސިފައިންނެއް ނޫން ގިނައިން ތިބީ، މިހާރު ތިބީ ސަރުކާރުން ބުނާހާކަމެއް ކުރާނެ ސިފައިން. ގިނަ އަދަދެއްގެ ސިފައި މަޖިލީހުގައި އިދާރާގަ އާއި ޗެމްބަރުގެ ތެރޭގައި ހަރަކާތްތެރިވޭ. ސިފައިވަނީ ޗެމްބަރުގެ ތެރެއަށް ވަދެވޭނީ 08:10 ގައި ކަމަށްބުނެ ހިފަހައްޓާފަ. ސިފައިން މިއަދުވެސް ވަނީ އަޅުގަނޑަށް އަނިޔާކޮށްފަ،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން --

އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުހިމަނާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"މަޖިލީހުގެ ކައުންސެލް ޖެނެރަލް އަޅުގަނޑުމެން ގާތު ވިދާޅުވި މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ސައްހަ މައްސަލައެއް ކަމަށް. އެހެންކަމުން މަޖިލީހުގެ ޖަލްސާ އެކަން އެޖެންޑާ ނުކުރައްވާ ކުރިއަކަށް ނުގެންދެވޭ. މަސީހު ހިތައްއަރާވަޑައިގަންނަވާ ގޮަތަށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

މެމްބަރު މަހްލޫފް ވެއްޓިފައި: މިއަދުވެސް މަހުލޫފަށް ވަނީ އަނިޔާވެފައި

 

މަތިވެރި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ ގައުމުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އިސްތިއުފާ ނުދެއްވާނަމަ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރައްވާ، ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގެންނެވުމަށް ގޮވާލައްވާ ކަމަށެވެ.

"ރައީސް ޔާމީން އިސްތިއުފާ ދެއްވުމަށް ގޮވާލަން. އިސްތިއުފާ ނުދެއްވާނަމަ ގައުމުގެ ކަންކަން ރަނގަޅު ކުރައްވާ، ގާނޫނީ އިމުގެ ތެރެއަށް ވަދެ ވަޑައިގެންނެވުމަށް ގޮވާލަން. މަޖިލިސް މިވަނީ މިލިޓަރީ ބާރުގެ ދަށުގައި،" ހުސައިން މުހައްމަދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް