ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މިސަރުކާރުގެ މިނިސްޓަރުން އުޅުއްވަނީ ރައްޔިތުންނަށް ފިއްލަވައިގެން ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ގައުމުގެ ހާލަތު އޮތް ގޮތުން ރައީސް މުއިއްޒާއި، މިސަރުކާރުގެ މިނިސްޓަރުން އުޅުއްވަނީ ރައްޔިތުންނަށް ފިއްލަވައިގެން ކަމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ. މީގެ ކުރިން ވީޑީއޯ މެދުވެރިކޮށް ވެސް ޖަވާބު ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެކަން ވެސް ހުއްޓިފައިވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.
މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުންނަށް ރައީސް މުއިއްޒު ފެންނަމުންދަނީ އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ހަމައެކަނި ޕޯޑިއަމަށް ވާހަކަފުޅު ދެއްކެވުމަށް އަރާވަޑައިގަންނަވާ ވަގުތު ކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނާއި ބައްދަލު ކުރުމަށް އެދުނު ނަމަވެސް އެކަމަށް ފުރުސަތު ނުދޭ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.
ޕޮއެންޓްމަންޓް ހައްދައިގެން ވެސް ރައްޔިތުންނާ ބައްދަލުނުވާ ހާލަތުގައި. އެމަނިކުފާނު އެކަންޏެއް ނޫން. އެމަނިކުފާނުގެ މިނިސްޓަރުން ވެސް އުޅުއްވަނީ ފިއްލަވައިގެން. ރައްޔިތުންގެ މަންދޫބުންނަށް ވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވެސް މިހާރު އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނާ ބައްދަލު ކުރެވެނީ ވެސް އެމަނިކުފާނު ހުއްދަ ދެއްވީމަ. އެދަރަޖައަށް ރައްޔިތުން ބިކަކޮށްފައި މިއައީ. ރައްޔިތުން އެމަނިކުފާނު ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހޮވީމަ ދިވެހި ރައްޔިތުންނަކީ އެމަނިކުފާނުގެ ހާދިމުން ގެ ގޮތުގައި އެދަރަޖައަށް ތިރިކޮށްލައިފި. އެހެންވީމަ ރައްޔިތުން މިިކަމާއި ވަރަށް ބޮޑަށް ވިސްނަން ޖެހޭ.ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ![]()
ގައުމުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ އަހަރު ނުވި ކަމެއް މިއަހަރު ވެސް ނުވާނެ ކަމަށެވެ.
މެންބަރު އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީގެ މިދިޔަ ފަސް އަހަރަކީ ރައްޔިތުންނަށް އުފާވެރި ފާގަތި ފަސް އަހަރު ކަމަށާއި، އިގްތިސާދީ ގޮތުން ގިނަ ކަންކަން ގައުމުގައި ހިންގައި، ގިނަ ކުރިއެރުންތައް ލިބުނު ކަމަށެވެ. ނަމަވެސް މިއަދު މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ހައްދަވާ ދޮގުތަކުގައި ރައްޔިތުން ނުޖެހުމަށާއި، އެމްޑީޕީން އަމާން އުފާވެރި މަންޒިލަކަށް ދާން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް މެންބަރު އަހުމަދު ދީދީ އެދިވަޑައިގެންވިއެވެ.