ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 17:12
ރިޔާސީ ބަޔާން އިއްވި ޖަލްސާ ގައި މެމްބަރު ނާޒިމް ރިޔާސާތައް އިޝާރާތުން ކަންކަން އަންގަވަނީ
ރިޔާސީ ބަޔާން އިއްވި ޖަލްސާ ގައި މެމްބަރު ނާޒިމް ރިޔާސާތައް އިޝާރާތުން ކަންކަން އަންގަވަނީ
ސްކްރީން އިމޭޖް
ރިޔާސީ ބަޔާން
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
ޖަލްސާގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ރިޔާސަތައް މަޖިލީހުގެ ނައިބު ރައީސް ގެންދެވީ އިޝާރާތުން އަންގަވަމުން

ރައްޔިތުންގެ މަޖިލިސް މިދައުރަށް ހުޅުވި ޖަލްސާ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންނެވި ނަމަވެސް ޖަލްސާގެ މުހިންމު ކަންކަން ރިޔާސަތުން ގެންދެވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމުގެ އިރުޝާދަށް ކަމަށް ހާމަވެއްޖެއެވެ.

ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓުމާއެކު އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރައްވަން ފައްޓަވާފައެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާ އަށް މަޖިލިސް ހުޅުއްވައިދެއްވާ، ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގެން، ބަޔާން ފެއްޓެވިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި "އިއްޒަތްތެރި މެމްބަރުން މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ދަންނަވަން؛" އެހެން ރިޔާސަތުން ވިދާޅުވި އަޑު މުއިއްޒުގެ ވާހަކަފުޅުގެ ތެރެއިން އިވުނެވެ.

އެއާއެކު މުއިއްޒު ގެންދެވީ ވާހަކަފުޅު ކުރިއަށް ގެންދެވޭތޯ ބައްލަވަމުންނެވެ.

"ހުރިހާ އިއްޒަތްތެރި މެމްބަރުންވެސް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އަޅުގަނޑު ދަންނަވަން؛" އަނެއްކާވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހިސާބުން މުއިއްޒުގެ ވާހަކަފުޅު މެދުކެނޑުނުކަން ފާހަގަ ކުރެވިފައިވަނިކޮށް، މަޖިލިހުގެ ގަވައިދަށް މެމްބަރުން ހުރުމަތްތެރިކޮށް ނުހިއްތަވާނަމަ ރިޔާސަތުން ޖެހޭނީ މަޖިލިހުގެ ގަވައިދާ އެއްގޮތައް އަމަލު ކުރަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އަޑު އިވުނެވެ.

"ތަކުރާރުކޮށް ދަންނަވަން މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް." އަބްދުއްރަހީމު ވިދާޅުވިއެވެ.

އެހިސާބުން އަނެއްކާވެސް މުއިއްޒު ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގެ ތެރެއިން އަނެއްކާވެސް އަބްދުއްރަހީމު އެނައުންސްމެންޓެއް ދެއްވިއެވެ.

"ތަކުރާރުކޮށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތަވައިދެއްވަން"

މަޖިލީހުގެ ތަޅުމުގައި ބަސްނޭހުމުގެ އެތައް ހަރަކާތެއް ކުރިން ހިންގަވާފައިވާ އަބްދުއްރަހީމް ފެނުނީ މިފަދަ ހާލަތެއްގައި ކަންކުރައްވަންވީ ގޮތުގެ މާބޮޑު ތަޖުރިބާއެއް ނެތި އަވަސް އަވަހަށް ކަންކަން ނިންމަވަން އުޅުއްވި ކަހަލަ ގޮތަކަށެވެ.

އަބްދުއްރަހީމް އާއި މުއިއްޒު އާ ދެމެދު އެއްވެސް ކޯޑިނޭޝަނެއް ނެތެވެ. މުއިއްޒުވެސް ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުއްރަހީމު ވެސް އެކުއެކީ ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ ބަޔާން އިއްވަވަމުންދާ އިރު ގޮނޑިކޮޅުތަކުގައި އިށީނދެ ވަޑައިގެން ތިއްބެވުމަށް އަބްދުއްރަހީމް އަންގަވަމުން ގެންދެވިއެވެ.

ގަވައިދަށް ހުރުމަތްތެރިކޮށް ނުހިއްތަވައިފިއްޔާ ދެން އަޅުގަނޑަށް ޖެހޭނީ ތިޔަ އިއްޒަތްތެރި މެމްބަރުންގެ ނަން އިއްވަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަނެއްކާވެސް ފެނުނީ ދެބޭފުޅުން އެކުގައި ވާހަކަފުޅު ފެއްޓެވި ތަނެވެ.

އެއާއެކު މުއިއްޒު ރިޔާސީ ބަޔާން ވިދާޅުވަމުން ގެންދެވި އިރު އަބްދުއްރަހީމް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހްމްދު ނަސީމުގެ ނަން އިއްވިއެވެ.

"މީކާއީލް ނަސީމް ޖަލްސާ ދޫކުރައްވާ ވަޑައިގެން ދެއްވުން އެދެން"

އެއާއެކު ފުލުފުލުގައި އިތުރު ފަސް މެމްބަރެއްގެ ނަން އިއްވެވިއެވެ.

މި ބޭބޭފުޅުން މަޖިލީސް ދޫކުރައްވާ ނިކުމެވަޑައިތަމަށް އަންގަވާ ކުޑަ އިރުކޮޅަކު އަބްދުއްރަހީމް މަޑުކޮށްލެވުމާއެކު އަނެއްކާވެސް މުއިއްޒު ވާހަކަދައްކަވަން ފެއްޓެވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ރިސާލަތު ޕްރޮގްރާމެއްގެ ވާހަކަ ފެއްޓެވި ތަނުން އަނެއްކާ އަބްދުއްރަހީމް އިތުރު މެމްބަރެއްގެ ނަން އިއްވެވިއެވެ.

ލިސްޓަކުން ބައްލަވައިގެން ވިދާޅުވާކަހަލަ ގޮތަކަށް އެއްޗަކަށް ބައްލަވަމުން އަބްދުއްރަހީމް ދެން އިއްވެވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރުގެ ނަމެވެ.

އެއާއެކު އިތުރު ދެ މެމްބަރެއްގެ ނަން އިއްވެވިއެވެ.

އެބޭފުޅުން މަޖިލީސް ދޫކުރައްވާ ނިކުމެވަޑައިގަތުމަށް ރިޔާސަތުން އެންގެވުމަށް ފަހު، ތަންކޮޅެއް މަޑު ރާގެއްގައި "ރައީސް އިހަށް މެދުކަނޑާލައްވާ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން "ރައީސް..[އެހެން ވިދާޅުވުމަށް ފަހު އަބްދުއްރަހީމުގެ ލޮލުގެ އިޝާރާތުން ޕޯޑިއަމުން ގޮނޑިކޮޅަށް ވަޑައިގަތުމަށް ރައީސަށް އަންގަވާލެއްވިއެވެ]

މިހިސާބުން އެ ޖަލްސާގެ ޑައިރެކްޓަރުގެ ހަރަކާތްތައް ވަރަށް ސާފުކޮށް މަޖިލިސް އިން ލައިވް ކުރަމުން ދިޔަ މަންޒަރުތަކުން ފެނެއެވެ.

މަޖިލީހުގެ ފްލޯގައި އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމު އަތުން އިޝާރާތް ކުރައްވާ ޖަލްސާ މެދުކަނޑާލަން ރިޔާސަތައް އެންގެވިތަން ފެނުނެވެ.

އެއާއެކު މެމްބަރުން ބޭރަށް ނެރުމަށް އޭނާ އަތުން އިޝާރާތް ކުރައްވާ ރިޔާސަތައް އަންގަވާތަން ފެނެއެވެ.

ނާޒިމް ގެންދެވީ ޖަލްސާ މެދުކެނޑިފައި އޮތް މި ވަގުތު ރިޔާސަތައް ދެން ކަންތައް ކުރައްވަންވީ ގޮތް އަންގަވަމުންނެވެ. އޭނާގެ އިޝާރާތްތައް ސާފުކޮށް ފެންނަމުން ދިޔައެވެ.

ރިޔާސަތުންވެސް ނާޒިމް އަށް އިޝާރާތުން ޖަވާބު ދެއްވަމުން ގެންދެވިއެވެ.

ނާޒިމް އާ އަބްދުއްރަހީމު މެސެޖުތައް ބަދަލު ކުރެއްވުމަށްފަހު ރިޔާސަތުން އިއްވި އަޑު އިވުނީ ދެން ރިޔާސީ ބަޔާން އިއްވުން ކުރިއަށް ގެންދާނީ ނަން އިއްވި ބޭފުޅުން ތަޅުމުން ނުކުމެ ވަޑައިގަތުމުން ކަމަށެވެ.

އެއާއެކު ޖަލްސާ މެދުކަނޑާލިއެވެ.

- ކޮމެންޓް