ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކެނޑިފައި އޮންނަތާ ތިން ހަފްތާ ފަހުން، އަންގާރަ ދުވަހު ބޭއްވި ޖަލްސާ އިހުތިޖާޖުގެ ތެރޭގައި ނިންމަވާލައްވައިފި އެވެ.
އަންގާރަ ދުވަހުގެ ޖަލްސާއަށް މެންބަރުން ވަޑައިގަތުމުގެ ކުރިން، މަޖިލިސް ޗެމްބަރަށް ގިނަ އަދަދެއްގެ ސިފައިން ވަދެ ރިޔާސަތުގެ މޭޒުކޮޅު ކައިރީގައި ވަނީ އެތުރިފަ އެވެ. އަދި ބައެއް މެންބަރުން ޗެމްބަަރަށް ވަދެވަޑައިގަތުމަށް ސިފައިން ހުރަސްއަޅާފައިވާ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ޗެމްބަރަށް ވަދެވަޑައިގަތީ ސިފައިންގެ ހައި ސެކިއުރިޓީގައެވެ. ޗެމްބަރަށް މަސީހު ވަޑައިގަންނެވުމާއެކު އިދިކޮޅު މެންބަރުން ވަނީ އަޑުގަދަކޮށް އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. މެންބަރުން ވިދާޅުވަމުން ގެންދެވީ 45 މެންބަރުންގެ ސޮޔާއެކު އިތުބާރު ނެތް ކަމަށް މަޖިލީހުގެ އަޣްލަބިއްޔަތުން ނިންމާފައިވާ ކަމަށާއި އެހެންކަމުން އިތުބާރުގެ ވޯޓް ނެގުމުގެ ފުރުސަތު ދިނުމަށާއި އެހެންނޫން ނަމަ އިސްތިއުފާ ދެއްވުމަށެވެ.
އިހުތިޖާޖުގެ ތެރޭގައި މަޖިލިސް ޖަލްސާ ބާއްވައި މަސީހު ނިންމަވާލެއްވި އެވެ. މަސީހު ވިދާޅުވި އެއްވެސް އެއްޗެއް މެންބަރުންނަށް ވެސް އިވިފައިނުވާއިރު، ޖަލްސާގެ އެޖެންޑާގައި ހުރި ކަންތައްތަކަށް ވީގޮތެއް ސާފުވާގޮތް ނުވެ އެވެ.
އެހެންނަމަވެސް، ބައެއް މެންބަރުން ވިދާޅުވަނީ، އެޖެންޑާގައި ހުރި ކަންތައްތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ތިން ކަމެކެވެ.
އެގޮތުން ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާފައިވާ، މުޙައްމަދު ޙުސައިން ޝަރީފް(މުންދު)ގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލަ އެޖެންޑާކޮށްފައިވެއެވެ. ސްރީލަންކާގެ ސަފީރު ކަމަށް މުންދު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އޭނާ މިހާރު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގަ އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ، އަހުމަދު ނަސީރުގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމުގެ މައްސަލަ އެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ އާދިއްތަ ދުވަހު އެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި އެޖެންޑާގައި ހިމެނެނީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން(އަޔޯރ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމުގެ މައްސަލަ އެވެ. ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތީންނެވެ.
މަޖިލިސް ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފައިމިވަނީ، ޖަލްސާތައް ނުބާއްވައިގެން އިދިކޮޅު މެންބަރުންގެ ފާޑުކިޔުން ސަރުކާރަށާއި މަސީހަށް އަމާޒުވެފައިވަނިކޮށެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ ޖުލައި 31 ވަނަ ދުވަހު އެވެ. އެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނެވުމުން އިދިކޮޅު މެންބަރުން ވަނީ އިހުތިޖާޖުކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފަ އެވެ.
މެންބަރުން އިހުތިޖާޖު ކުރީ މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ބާތިލްކުރުމަށްފަހު ރިޔާސަތުގައި މަސީހު އިންނެވުމުންނެވެ.
ޖުލައި 31 ވަނަ ދުވަހުގެ ޖަލްސާ ނިމުނު ފަހުން، ހަވީރުގެ ވަގުތެއްގައި މަޖިލިސް އިދާރާގެ ފާހާނާއެއްގައި އަލިފާނުގައި ހާދިސާއެއް ހިނގި އެވެ. ޓިޝޫ ފޮއްޓެއްގައި އަލިފާން ރޯކޮށްލި ކަމަށް ބެލެވޭއިރު، އެކަމާ ގުޅިގެން "އާންމު ހާލަތަކަށް މަޖިލިސް އަންނަންދެން" ޖަލްސާތައް މެދުކަނޑާލި އެވެ.