ކ. މާލެ
|
4 ފެބްރުއަރީ 2025 | އަންގާރަ 09:18
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ފަހަތުން އަރައި މޮޅުވެ، ޗެލްސީ ހަތަރު ވަނައިގައި
މޮޅާއެކު ޗެލްސީން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފި އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 43 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ވެސްޓް ހޭމް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހޭމް އިން ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ވެސްޓް ހޭމަށް ލީޑު ނަގައިދިނީ ޖެރާޑް ބޮވެން އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޑްރޯ ނެޓޯ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މެޗުން ޗެލްސީ މޮޅުވީ މެޗުގެ 72 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ އާރޮން ވެން ބިސާކާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މޮޅާއެކު ޗެލްސީން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފި އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 43 ޕޮއިންޓާ އެކު އެވެ. ޗެލްސީގެ ފަހަތުން ފަސް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ލިބެނީ 41 ޕޮއިންޓެވެ. ލީގުގެ ކުރީ ކޮޅު ޗެލްސީން ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި ނަަމަވެސް، ވަކި ހިސާބަކުން ނަތީޖާތައް ވަނީ ދަށްވެފަ އެވެ.

- ކޮމެންޓް