ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 12:22
ސީރިއާ އަށް ދިޔަ ކަމަށް ބުނާ ތިން މީހުންގެ ތެރެއިން ދެ މީހަކު
ސީރިއާ އަށް ދިޔަ ކަމަށް ބުނާ ތިން މީހުންގެ ތެރެއިން ދެ މީހަކު
އަވަސް
ސީރިއާ ހަނގުރާމަ
ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނާ ތިން މީހުންނަށް ހުކުމްކުރަނީ!
މިދިޔަ އަހަރުގެ ފެބްރުއަރީގައި ފުރައިގެން ދިޔަ ކަމަށް
ދައުލަތުން ގިނަ އަދަދެއްގެ ހެކި ހުށަހެޅި
ސިއްރު ހެކިން ބުނީ ބަޔާން ނެގުވީ ބިރު ދައްކައިގެން ކަމަށް

ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ދައުވާ ކޮށްފައިވާ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގައި ހުކުމް ކުރުން މިމަހުގެ 30 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

ސީރިޔާއަށް ހަނގުރާމައަށް ދާން އުޅުނުކަމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ، ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސާ އާއި، ތ. ގާދިއްފުށީ ސެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.

މި ތިން މީހުންނަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ފެބުރުއަރީ 15،  2016 ވަނަ ދުވަހު ރާއްޖެއިން ފުރައިގެން މި ތިން މީހުން ތުރުކީއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދުން ކަމަށް ވެސް ބުނެފައި ވެއެވެ. 

އެ ތިން މީހުންނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އެގޮތުން ލަތީފާ ދެކޮޅަށް 11 ހެއްކެއް ހުށަހެޅިއިރު މުނައްވަރާ ދެކޮޅަށް ހުށަހެޅީ 10 ހެއްކެކެވެ. ސުހެއިލްއާ ދެކޮޅަށް ދައުލަތުން ފަސް ހެއްކެއް ހުށަހެޅި އެވެ.

އެ މައްސަލައިގައި ހޯމަ ދުވަހު ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ތިން މީހުންގެ ގާނޫނީ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ އެ މީހުން ބައިވެރިވީ ކޮން ޓެރަރިސްޓް ޖަމާއަތެއްގައި ކަމާއި، އެމީހުންގެ އެޖެންޓަކީ ކޮބައި ކަމާއި، އަދި ސީރިއާ އަށް އެތެރެވިކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އެހެންނަމަވެސް، އެކަންކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. ސިއްރުން ހެކި ބަސް ދިން މީހުން ބުނެފައިވަނީ ތަހުގީގުގައި ބަޔާން ނަގުވާފައިވަނީ މަޖުބޫރުކޮށްގެން ބިރުދައްކައިގެން ކަން ވަކީލު ފާހަގަކުރެއްވި އެވެ.

ސިއްރު ހެކިވެރިން ބުނެފައި ވަނީ ހަނގުރާމައަށް އެ ތިން މީހުން ދިޔަ ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް ވިޔަފާރި ދަތުރެއްގައި ދިޔަކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ޓެރަރިޒަމާ ގުޅޭ ތަޖުރިބާކާރެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި މީހާއަށް އެމީހުން ދަތުރުކުރި މަގު ވެސް އެނގިފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ރާއްޖެއިން ސްރީލަންކާއަށް ދިއުމަށް ފަހު އެގައުމުން ސީދާ ތުރުކީއަށް ދިޔަ ކަމަށް ތަޖުރިބާކާރު ބުނާއިރު، އެމީހުން ތުރުކީއަށް ދިޔައީ ދުބާއީއަށް ދިއުމަށް ފަހު ކަން ވަކީލު ފާހަގަކުރެއްވި އެވެ.

ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި ބުނެފައި ވަނީ ސިއްރު ހެކިވެރިން ހަދަނީ ކަނޑައެޅިގެން ދޮގުކަން އެމީހުން ތަހުގީގަށް ދިން ބަޔާނުން އެނގޭ ކަމަށެވެ. އަދި ތަޖުރިބާކާރުގެ ހެކިބަހަކީ އިލްމާއި ތަޖުރިބާގެ މައްޗަށް ދީފައިވާ ހެކި ބަހަކަށްވާއިރު، އެ ހެކިބަސް ނަފީ ނުކުރެވޭނެ ކަމަށެވެ.

މި މައްސަލައިގައި ހުކުމް ކުރުން މިމަހުގެ 30 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓް 30 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ އެ ތިން މީހުން ވެސް ތުރުކީއަށް ދިޔައީ ވިޔަފާރި މުއާމަލާތެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީން ވެސް ގާނޫނަކުން ވެސް ތުރުކީއަށް ދިއުން މަނާ ނުކުރާ ކަމަށެވެ.

ވިޔަފާރި މުއާމަލާތެއްގައި ނުވަތަ އެނޫން ވެސް ބޭނުމަކަށް ރާއްޖޭން ބޭރަށް ދިއުމަކީ ވެސް ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކުރާ ކަމެއް ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ. އެ ތިންމީހުން ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ހުރަސްކުރަން އުޅުނު ކަމަށް ދައުވާގައި ބުނާއިރު ބޯޑަރުން އެތެރެވާން އުޅުނުކަން ސާބިތު ކޮށްދިނުމަށް ވަކީލު އެދިވަޑައިގެންނެވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 އޯގަސްޓް 2017 | އަންގާރަ 14:37
ައައި ހޭޓް ޖިހާދީސް
މި މީހުން ނައް އަވަހައް ހުކުމް ކުރޭ!!! ?