ރާއްޖޭގައި ހިންދޫ ދީނުގެ އީދެއް ކަމަށްވާ "ޕޮންގަލް" ފާހަގަ ކުރަން އުޅެނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހިނގާ ފެބްރުއަރީ 07 ވަނަ ދުވަހު '' ޕޮންގަލް 2025 '' ގެ ނަމުގައި ބޭއްވުމަށް ރާވަމުންދިޔަ ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް އިންތިޒާމު ކުރި ފަރާތްތަކުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހުއްޓުވާނެ ކަމަށެވެ.
މި ފެސްޓިވަލް ފުލުހުން ހުއްޓުވާފައި މިވަނީ ސޯޝަލް މީޑިއާގައި މި އީދު ފާހަގަކުރުމަށް ކުރި ޕޯސްޓާއި ގުޅިގެން އާއްމު ރައްޔިތުން މިފެސްޓިވަލް ހުއްޓުވައިދިނުމަށް ގޮވާލަމުން ދަނިކޮށްށެވެ.
ޕޮންގަލް އަކީ އިރަށް އަޅުކަން ކުރާ މީހުން ފާހަގަކުރާ އީދެކެވެ.