ކ. މާލެ
|
31 ޖެނުއަރީ 2025 | ހުކުރު 22:59
އެމްޑީޕީ "ފުދިއްޖެ، ފުނޑިއްޖެ" ރެލީގެ ތެރެއިން
އެމްޑީޕީ "ފުދިއްޖެ، ފުނޑިއްޖެ" ރެލީގެ ތެރެއިން
ރާއްޖެއެމްވީ
"ފުދިއްޖެ، ފުނޑިއްޖެ" ރެލީ
ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން އެމްޑީޕީގެ ބޮޑު މުޒާހަރާ ފަށައިފި
އެތައް ސަތޭކަ ބަޔަކާއެކު އެމްޑީޕީގެ މުޒާހަރާ ފެށީ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މުޒާހަރާ ފަށައިފި އެވެ.

އެތައް ސަތޭކަ ބަޔަކާއެކު އެމްޑީޕީގެ މުޒާހަރާ ފެށީ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރެވެ. އެމްޑީޕީގެ މި މުޒާހަރާގައި މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުޒާހަރާގައި އެމްޑީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެ ޕާޓީގެ ރައީސް، ނައިބު ރައީސް އަދި ޗެއަރޕާސަންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ދަނީ ބައިވެރިވަމުންނެވެ.

މި މުޒާހަރާ ފެށުމާއި އެކު، އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވީ އަނިޔާވެރިނުވެ ފަހަތަށް ޖެހިވަޑައިގަންނަވާ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފުދިއްޖެ ކަމަށެވެ. އަދި ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ވެސް އަބްދުﷲ ޝާހިދު ވަނީ ގޮވާލައްވައިފަ އެވެ.

އަނިޔާވެރިނުވެ ފަހަތަށް ޖެހިވަޑައިގަންނަވާ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފުދިއްޖެ. ރައީސް މުއިއްޒު އިސްތިއުފާ ދެއްވާ،
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މިއީ ރައީސް މުއިއްޒުގެ މި ވެރިކަމުގައި އެމްޑީޕީން ބާއްވާ ފުރަތަމަ މުޒާހަރާއަށް ވާއިރު، މި މުޒާހަރާ ކުރިއަށްގެންދަނީ ގާނޫނުއަސާސީ ބަދަލު ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފަހައްޓާތީ އާއި ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރާތީ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި އެ ނޫން ވެސް ބައެއް ހުދުމުހުތާރު ކަންކަން ސަރުކާރުން ކުރަމުންދާތީ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުން ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، ޕާޓީއެއް ތަމުސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީއިން ވަކިކޮށްފި ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅާފައިވަނީ އެންމެ 24 ގަޑިއިރުގެ ތެރޭގައެވެ.

- ކޮމެންޓް