ކ. މާލެ
|
29 ޖެނުއަރީ 2025 | ބުދަ 01:18
ދިއްދޫގެ ގެއެއްގައި ނަގާފައިވާ ލޯޑެއް ނެގުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރާކާތްތެރިވަނީ
ދިއްދޫގެ ގެއެއްގައި ނަގާފައިވާ ލޯޑެއް ނެގުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރާކާތްތެރިވަނީ
ސްކްރީން އިމޭޖް
ހއ. ދިއްދޫ
ދިއްދޫ ގައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރުމުން އަތޮޅު ކޮމާންޑަރާއި ދިއްދޫ ޕޮލިސް އިން-ޗާޖް ހާޒިރު ކޮށްފި
މުއިއްޒު ދިއްދޫ އަށް ވަޑައިގެންނެވި ވަގުތު އާންމުންގެ ބަޔަކު ވަނީ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވާ ޝުއޫރު ފާޅުކޮށްފައި
އެ ދެ ފުލުހުން ހާޒިރުވީ ހޯމް މިނިސްޓަރ އިހްސާނު އަންގަވައިގެން ކަމަށް މައުލޫމާތު ލިބިފައިވޭ
ރައީސް މުއިއްޒު ދިއްދޫގައި ހުންނަވަނިކޮށް އެރަށުގެ އާންމު މީހެއްގެ ގޭގައި ހަރުކޮށްފައިވާ ލޯޑެއް ނެގުމެއް ވެސް ގިނަ އަދަދެއްގެ ފުލުހުން އެގޭ ދޮށަށް ގޮސް ވަނީ މަސައްކަތް ކޮށްފައި

އަންގާރަ ދުވަހު ހަވީރު ރައީސް މުހައްމަދު މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަތް ވަގުތު އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވާ މުޒާހަރާ ކުރި މައްސަލައިގައި، ފުލުހުންގެ އަތޮޅު ކޮމާންޑަރާއި ދިއްދޫ ޕޮލިސް ސްޓޭޝަން އިންޗާޖް ހާޒިރު ކޮށްފިއެވެ.

ދިއްދޫ އިން މި ނޫހަށް މައުލޫމާތު ދިން ފަރާތުން ކިޔައިދިން ގޮތުގައި އަންގާރަ ދުވަހުގެ ރޭ މުއިއްޒު ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން ނިމުމުން އެ ދެ ފުލުހުން ވަނީ ހޯމް މިނިސްޓަރު އަލީ އިހްސާން އަންގަވައިގެން އަތޮޅު ގެއަށް ހާޒިރު ވެފައެވެ.

މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ އެ ދެ ފުލުހުން ހާޒިރު ކުރީ ރައީސް މުއިއްޒު އާ ދެކޮޅަށް ދިއްދޫ ރައްޔިތުންގެ ބަޔަކު މުޒާހަރާ ކުރުމާ ގުޅިގެން އެކަން ހުއްޓުވާފައި ނުވާތީ އެކަމާ ހޯމް މިނިސްޓަރު ހިތްޕުޅު ހަމަ ނުޖެހިގެން ކަމަށް އެނގިފައިވާ ކަމަށެވެ.

ދިއްދޫގެ ތަރައްގީ އަށް ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ރަށުގައި މިހާތަނަށް ހިނގާފައި ނުވާތީ އެކަމުގެ ހިތްހަމަ ނުޖެހުހުން ފާޅު ކޮށް އިހްތިޖާޖު ކުރި މީހުން ވަނީ ބެނަރ އާއި އަޑުގަދަ ކުރާ ބޭނުން ކޮށްގެން ނުރުހުމުގެ ޝުއޫރު ފާޅު ކޮށްފައެވެ.

އިހްތިޖާޖު ކުރި ފަރާތްތަކަށް އެކި ގޮތްގޮތުން ފުލުހުން ހުރަސް އަޅަމުން ދިޔަ ނަމަވެސް މުއިއްޒު ވަޑައިގެންނެވި ވަގުތު ރައްޔިތުންގެ ބަޔަކު ވަނީ ރަށުގެ މަގުތަކުގައި ބެނަރ ދަމާ ޝުއޫރު ފާޅު ކުރުން ކުރިއަށް ގެންގޮސްފައެވެ.

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ވެސް ފުލުހުން އެންގިއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ޝުއޫރު ފާޅު ކުރުމަށް ބެނަރ ހަދަމުންދާ ތަނަށް ވެސް ވަދެ އެތަނުގައި ތިބި މީހުންނާ ސުވާލު ކޮށްފައެވެ.

އަނެއްކޮޅުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު އާދިއްތަ ދުވަހުގެ ރޭ ފުލުހަށް ވަނީ ހާޒިރުކޮށްފިއެވެ.

ރައީސް މުއިއްޒު ދިއްދޫގައި ހުންނަވަނިކޮށް އެރަށުގެ އާންމު މީހެއްގެ ގޭގައި ހަރުކޮށްފައިވާ ލޯޑެއް ނެގުމެއް ވެސް ގިނަ އަދަދެއްގެ ފުލުހުން އެގޭ ދޮށަށް ގޮސް ވަނީ މަސައްކަތް ކޮށްފައެވެ.

ފުލުހަށް ހާޒިރު ކުރީ އެމްޑީޕީ ދިއްދޫ ދާއިރާގެ ނައިބު ރައީސް އައްފާން އަލީ އާއި ހިންގާ ކޮމެޓީގެ މެންބަރ މަހްމޫދު ޝަފީޤް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރު ކޮށް މައުލޫމާތު ސާފު ކޮށްފައިވާއިރު، ރައީސް މުއިއްޒު ދިއްދޫ އަށް ކުރައްވާ ދަތުރުފުޅަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ދިއްދޫ ކައުންސިލުން އެމްޑީޕީ އަށް ވެސް އޮތީ އަންގައިފައެވެ.

- ކޮމެންޓް