އަދުލް އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ. އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގަން ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، ފަނޑިޔާރުން އަމަލުކުރާނީ ގާނޫނު އަސާސީ އާއި ގާނޫނަށް ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެ އެވެ. ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ގާނޫނު އަސާސީގައި ބުނެފައިވާ ވާހަކަތަކާއި މިހާރުގެ ހާލަތާ ވަޒަންކޮށްލަންޖެހެ އެވެ.
ހަމަ އެންމެ މިސާލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު ގޮނޑި ގެއްލުވާލި ހަ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.
މި މެމްބަރުންގެ ގޮނޑި ގެއްލުވާލި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މަޖިލިސް މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކުރި ހުކުމާއެކު އެވެ. ސުޕްރީމް ކޯޓުން ކުރި މި ހުކުމަކާ ގުޅިގެން ހަ މެމްބަރެއްގެ ގޮނޑި ގެއްލުވާލިއިރު، ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި ބުނެފައިވާ ވާހަކަ މުޅިން ތަފާތެވެ. އެ ގާނޫނުގައި ބުނެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރެވިކަމުގައި ވިޔަސް އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ އެވެ. މާނައަކީ އިންތިހާބުވުމަށް ފަހު ކިތަންމެ ވަރަށް ޕާޓީ ބަދަލު ކުރިޔަސް، ގޮނޑި ގެއްލުވާނުލެވޭނެ ކަމެކެވެ. މި މާއްދާ މިހެން އޮތްވައި އެފަދަ ނިންމުމެއް އެއްވެސް މުއައްސަސާއަކުން ނުވެސް ނިންމޭނެ އެވެ.
މިވަރު ފަހުމްނުވާ ބަޔަކު މަގާމުތަކުގައި ތިއްބަވާނެ ކަމެއް ނެތެވެ. ގާނޫނުގައި މިހާ ސާފުކޮށް މި ވާހަކަ ބުނެފައިވާ އިރި، ހުކުމް ފަހުންނުވި ފަރާތްތަކަށް އިތުރަށް ސާފުކޮށް ދިނުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. މި އަމުރުގައިވާ ގޮތުން ހުކުމުގެ އުސޫލުތައް، ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް ނުހިންގޭނެ އެވެ. މާނައަކީ ހުކުމުގެ ކުރިން ޕާޓީ ބަދަލުކުރި އަދި ޕާޓީން ވަކިވި މެމްބަރުންގެ މައްޗަށް ހުކުމުގެ އުސޫލެއް ނުހިނގުމެވެ. މައްސަލަ މިހާ ސާފެވެ.
މިހާރު ކަންބޮޑުވުން އިތުރުވަމުން ދަނީ ސުޕްރީމް ކޯޓްގެ ހުކުމް ދިގުދެމިގެންދާތީ އެވެ.
މިހާރު ރާއްޖޭގައި އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލަ އެވެ. ރައްޔިތުންގެ އެންމެ ބޮޑު މަސްލަހަތެއް އޮތް މައްސަލައަކީ ވެސް މިއީ އެވެ. މަޖިލީހުގައި ތަޅު އެޅުވުމާއި، 12 މެމްބަރެއްގެ މައްޗަށް ޖިނާއީ ތަހްގީގު ހިންގައި ދައުވާކޮށް، އެ މެމްބަރުންނަށް ޖަލު ހުކުމެއް ތަންފީޒުކުރަންޖެހޭ ފަދަ ހާލަތަކަށް ކަންކަން ގޮސްފައިވަނީ ސުޕްރީމް ކޯޓްގެ ހުކުމް ދިގު ދެމިގެން ދިއުމުގެ ސަބަބުން ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. މެމްބަރުންނަށް، މަޖިލީހަކީ މަނާތަކެއްގެ ގޮތުގައި ބަޔަކު ކަނޑައަޅަން ޖާގަ ލިބިގެންދިޔައީ ވެސް ހުކުމް ދިގުދެމިގެން ދިއުމުންނެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވަރަށް ސާފުކޮށް އެނގެން އޮތްއިރު، އަދި ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީ ވަކިކުރުމުން މެމްބަރުކަން ނުގެއްލޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައި ވަނިކޮށް، މި ގާނޫނު މުގުރިގެންދާ ގޮތަށް މުއައްސަސާއަކުން ނިންމާ ނިންމުމެއް ސައްހައެއް ނުވާނެ އެވެ. ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިވާ ކަމެއް ސުޕްރީމް ކޯޓުން ވިޔަސް، އެހެން މުއައްސަސާއަކުން ވިޔަސް އެ ނޫން ގޮތަކަށް ނުނިންމޭނެ އެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުނު މައްސަލައާމެދު ހިޔާލު އުފެދިފައިވާއިރު، ގާނޫނު އަސާސީގައި އެކަން ކަނޑައަޅަން އޮތް މުއައްސަސާކަމުގައިވާ ސުޕްރީމް ކޯޓުން ގޮތެއް ނިންމުން ދިގުލައި ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން މެމްބަރުން ތަކަކަށް ނުހައްގުން އަނިޔާ ލިބުމަށް މަގުފަހިވެގެން އެބަ ދެއެވެ. މަޖިލިސް ތަޅުއަޅުވައި، ނުވަތަ ގާނޫނާ ހިލާފަށް ހުއްޓުވައިގެން ސަރުކާރުން ބޭނުންވާ އެޖެންޑާ ކާމިޔާބު ކުރަން ފަހިވެގެން އެބަދެ އެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުން ހުއްޓުވެ އެވެ. މިވާހަކަތައް ބުނަން މިޖެހުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ހައިބަތާއި ކަރާމާތް ހިފެހެއްޓުމަށްޓަކައި ފަރުދީ ޒިންމާއެއް އޮތް ކަމަށް ދެކޭތީ އެވެ. މިޒިންމާ މިއަދާކުރީ އެވެ. މުޅި ގައުމު އިންތިޒާރުކުރަނީ ސުޕްރީމް ކޯޓްގެ މި ހުކުމަށެވެ.