ކ. މާލެ
|
24 ޖެނުއަރީ 2025 | ހުކުރު 12:22
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ
އެމްޑީޕީ
ސަރުކާރުގެ މިސްރާބު ގޯސްވުން
ސަރުކާރާ ދެކޮޅަށް ޒުވާނުން ބަސް ބުނަންޖެހޭ، މަސައްކަތް ކުރަނީ 21 އަހަރުން މައްޗަށް ވޯޓު ލެވޭ ގޮތަށް ނިޒާމު ބަދަލު ކުރުމަށް: ޝާހިދު
މިސަރުކާރުގެ ވިސްނުން ހުރީ ވަރަށް ނުރައްކާތެރިކޮށް
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ޑިމޮކްރަސީ އުސޫލު ނައްތާލުމަށް
އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުތައް ކަަށަވަރުކޮށްދިނުމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ޒުވާނުން ބަސް ބުނަންޖެހޭ ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަނީ 21 އަހަރުން މައްޗަށް ވޯޓު ލެވޭ ގޮތަށް ނިޒާމު ބަދަލު ކުރުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ޝާހިދު ވިދާޅުވީ މިސަރުކާރުގެ ވިސްނުން ހުރީ ވަރަށް ނުރައްކާތެރިކޮށް ކަމަށާއި، މިހާތަނަށް ގައުމުގައި ހިންގާ ކަންކަމަށް ބަލާއިރު، ސަރުކާރުގެ ނިޒާމު ގޯސްކަން ހާމަވެފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ޑިމޮކްރަސީ އުސޫލު ނައްތާލައި، ރައްޔިތުންނަށް އޮޅުވާލައިގެން، ރައްޔިތުންގެ އަގައިގަ އަދި އަތުގައި ކަސްތަޅު އެޅުވުމަށް ކަމަށެވެ.

ޒުވާނުން ބަސްބުނަންޖެހޭކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ 18 އަހަރުވެ، 21 އަހަރު ނުވާ ޒުވާނުންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، ޒުވާނުން ބަސް ނުބުނާކަމަށްވާނަމަ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ އެމަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ 21 އަހަރުވުމުން ނޫނީ ރައްޔިތުންގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިނުލެވޭ ގޮތަށް ވެސް ގާނޫނު އަސާސީއަށް ބަދަލު ގެންނާނެ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ގާނޫނު އަސާސީ 18 އަހަރުވުމުން ވޯޓުލެވޭ ގޮތަށް ހައްގުތައް ހޯދާދީފައިވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، މިހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

އަޅުގަނޑު ދަންނަވަން ދިވެހިރާއްޖޭގެ ލޮބުވެތި ޒުވާނުންނަށް. ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ މި ލޮބުވެތި ޕާޓީން އެތައް މަސައްކަތެއް ކޮށްގެން ހޯދައިދީފައިވާ ހައްގު ދޫކޮށްނުލައްވާށޭ. މިއަދު ޗުއްޕު ވެސް ވިދާޅުނުވެ ފަހަތަށް ޖެހިވަޑައިގެން ތިއްބަވަފައިފިނަމަ އޭގެ އަސަރު އެއިން ދެން އަންނާނެ ކަންތައްތައް މާނުރައްކާތެރި މާ ބޮޑެތި މާ ގިނަ ދުވަހު އޭގެ އަސަރު މި އަޅުގަނޑުމެންގެ ރާއްޖެއަށް ފެތުރިގެންދާނެ ކަމެއް.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ރާއްޖޭގެ ރައްޔިތުންގެ ހާލަތަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުން ސަލާން ޖަހަންނުޖެހި ބޭސްފަރުވާގެ ޚިދުމަތް ޔަގީންކޮށްދިން ނަމަވެސް އެހައްގު ވެސް މިސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށެވެ. އައިޑީކާޑުން ލިބުނު އާސަންދަ ޚިދުމަތް މިއަދު އޭގެފުރިހަމަ ގޮތުގައި ނުލިބި މިއަދު ރައްޔިތުންނަށް ސަލާންޖަހަން މަޖުބޫރުކުރުވަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުތައް ކަަށަވަރުކޮށްދިނުމަށް ކަމަށާއި، އެމްޑީޕީއާއެކު ހުރިހާ ރައްޔިތުން ނުކުންނަންޖެހޭ ކަމަށެވެ. އަދި ހައްގުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ޝާހިދު އެދިވަޑައިގެންނެވިއެވެ.

- ކޮމެންޓް