ކަންކަން ވައިގާ ހިފާކަށްވެސް ލަހެއްފަހެއް ނުވެއެވެ. ބަސްބުނާ ހިނދުން މަޝްހޫރުވެގެން ދެއެވެ. އެކިއެކި މިސާލުބަސްވެސް އުފެދޭ އެއްސަބަބަކަށް އެކަން ވެދެއެވެ. އެބީދައިން ބަލާއިރު މިދުވަސްވަރު އެންމެ ބާރަށް ހިނގާ އެއް ނަމަކީ "ޕިއްޒާއެވެ. ޕިއްޒާ ޕާޓީއެވެ.
އިހަށްވެސް ފަހަށްވެސް އައްވަލަށްވެސް އަހަރެން ބުނާނަމެވެ. އެމީހުން އެބުނާ ޒާތަށް މަށަކުވާ އެހެން ބުނާކަށް ނެތީމެވެ. އެނަމުން ކިޔާކަށް ހަމަ ލާހިކެއް ނޫނެވެ.
ހެޔޮ ނުވާނެއެވެ. އެހެން ނުކިޔާށެވެ. ޕީއެންސީއަށް އެހެން މުޚާތަބު ނުކުރާށެވެ. މިއީ މަގޭ ޚިޔާލެވެ. އެއީ މިވަގުތު އޮތް އެންމެ ބާރުގަދަ ޕާޓީއެވެ. ޖަލުގައި އޮންނަވަނިކޮށް އެޕާޓީގެ ލީޑަރަށް ހާއްސަކުރި ހުސްގޮނޑިއެއް ދައްކައިގެން ވެރިކަމަށް އައިސް ވެރިކަން ކުރާ ޕާޓީއެވެ. އިދިކޮޅު ޕާޓީގައިތިބި 13 މެންބަރަކު ކުއްލިގޮތަކަށް ހެޔޮހިތުންގޮސް ކޮޅުބަދަލުކޮށް ގުޅުނު ޕާޓީއެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއެވެ. ކުރުމުއްދަތެއްގައި އެންމެގިނަ މީހުންތަކެއް ވެއްދި ޕާޓީއެވެ. އެޕާޓީން ބޭނުން ވެގެން އެޕާޓީގެ މައި ޕާޓީ ޕީޕީއެމް އުވާލަން ނިންމި ޕާޓީއެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑުނު ފަދައިން ޕާޓީގެ ލީޑަރަކީ މީހަކަށް ނުހަދާ އެއްލާލި ޕާޓީވެސް މެއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެ އެއީ އެޕާޓީއެވެ. ޕީއެންސީއެވެ. ވެރިކަމަށް އަންނަން ދެއްކި ވާހަކަތައް ދިމާ އިދިކޮޅަށް ކަންކުރަން ފެށީމާ އެޕާޓީއަށް ޑަބަލް ޓޭޕް ފަދަ އެހެން ނަމެއްބަޔަކު ކިޔަސްވެސް މެއެވެ. ކުރާ ކަންކަން ހަމަ އެނޭވޭގައި އިހުކުރިގޮތައް ބަދަލުކުރާތީ އުނބަށްޖަހާ ޕާޓީއޭވެސް ބުނާބަޔަކު އުޅެއެވެ. ވެރިއަކަށް ހުރި މީހާގެ އަމަލްތައް ހުރި ގޮތުން އޭނާއަށް ނިސްބަތްކޮށް އަރަބި ނަމަކުން މުޚާތަބުކޮށްވެސް އެޕާޓީއަށް ގޮވާހަދައެވެ. ދެން ގޮވާ އުޅޭ ނަން ކިޔާކަށް ލާހިކު ކުޅަދާނައެއް ނޫނެވެ.
އެކަމަކު މަގޭ ޚިޔާލު މުޅިން ތަފާތެވެ. އެހެން ނުކިޔާށެވެ. އެއީ ހަމަ ޕީއެންސީއެވެ. ވެރިކަން ކުރާ މައިޕާޓީއެވެ.
އެކަމަކު މިހުރިހާ ނަންތަކަށްވުރެ ބޮޑަށް މިހާރު ވައިގާ ހިފާފައިވަނީ މިވަގުތައް ޕިއްޒާ ޕާޓީގެ ނަމުގައެވެ. މިއީކީ ޕާޓީއާ އިދިކޮޅު ބަޔަކު ކުރި ކަމަކުން ވީކަމެއް ނޫނެވެ. އެޕާޓީއަށް ނިސްބަތްވާ ބަޔަކު ކުރިކަމަކުން ކިޔާއުޅޭ ނަމެކެވެ. އެތައް ހާސް ބަޔަކު އެޕާޓީއަށް ވެއްދުމަށް ފުރި ފޯމުތަކަކުން ކިޔާން ފެށުނު ނަމެކެވެ. އެފޯމްތައް ފުރާން ކުރި މަސައްކަތުގެ ޚައްސާސްކަމުން ގޮވާ އުޅޭ ނަމެކެވެ. އެފޯމްތައް ފުރުމުގެ މަސައްކަތުގެ އާރުކާޓީއަކަށް ހުންނެވި ވަޒީރަކު އެކަމުގައި ބައިވެރި ނުވާކަން ދައްކާން މަތިއެޅުވި ޕިއްޒާގެ ސަބަބުން ކިޔާން ފެށުނު އެއްޗެކެވެ. އެކަމުން ސަލާމަތްވާން ނޫސްވެރިން ގެންގޮސް ކުޅުވަން އުޅުނު ޕިއްޒާ ޑްރާމާއެއްގެ ސަބަބުން އިތުރަށް ވައިގާ ހިފި ނަމެކެވެ. ފޯރީގައި ފަތުއަޑުކިޔާފައި މީހުންނަށް އެނގުނު ނަމެކެވެ.
ކައްގަލަށް ދިގުކުރާކަށް ހާސަރުތަކެއް ދަމާކަށް ނެތީމެވެ. ސީދާ މަރުތޭލުން މޮހޮރުގެ ބޮލުގައި ޖަހާނަމެވެ. މި ނަމެއް މިހާބާރަށް ވައިގާ ހިފައިގެން މިއުޅެނީ ޕީއެންސީއަށް މީހުން ވެއްދުމަށް ވަގުފޯމު ފުރިކަމަށް ތުހުމަތު ކުރެވޭ ޑީއެންއާރުން އެކަން ނަފީ ކުރުމަށް ނޫސްވެރިން ގެންގޮސް ޕިއްޒާ އަތުރައިގެން ބާއްވަން އުޅުނު މޮޅު ޕްރެސް ކޮންފަރެންސްއިންނެވެ. ވަޒީރާއި ޕާޓީގެ ބޮޑުން ބޮނދާތިބެ އާދައިގެ ސިޔާސީ ދެތިން ކެނާ ނެރެގެން ދޭން އުޅުނު ރައްދުގެ ސަބަބުން ހާމަވި ކަމެއްގެ ސަބަބުންނެވެ. އެ ޕްރެސްކޮންފަރެންސްގައި ޕީއެންސީއަށް ކުރެވުނު ތުހުމަތުތަކަށް ބާރުދޭނޭ އެތައް ހެއްކަކާއި ގަރީނާއެއް ލިބުނީތީ ކިޔާއުޅޭ އެއްޗެކެވެ. ސަބަބުވެރި އިންސާނާއަށް އަދި މަށްދިވެހި ރައްޔިތުމީހާއަށް ފަހުމްވީލެއް ބޮޑުކަމުންނެވެ. ފްރަންޓަށް ނިކުތް ކުދިންކޮޅަށް އަމާޒުވި ސުވާލުތަކަށް ޖަވާބު ނުދެވި ގަންނާ ކުރެއްވި ބިރުން ވަލުދޮރާށީން ނުކުމެ ފިއްލެވީމާ މީހުންނަށް ރީތިވެގެން ކިޔާއުޅޭންފެށި ނަމެކެވެ. ސާފު މުތުލަގަށް އެމީހުން އެކަން ކޮށްފިކަމަށް ސާފުވީމާ އެނޫން އެއްވެސް ނަމެއް ކިޔާން ނުފެންނަ ކަމަށްބުނެ އިދިކޮޅު ސިޔާސީ މީހުން ލަވަޔަކަށް ހަދައިގެން ގޮވާންފެށި ނަމެކެވެ. ފޮޓޯތަކާއެކު މުޅި ސޯޝަލް މީޑިއާ ފްލަޑް ކޮށްލީތީ އެނބުރެންފެށި ނަމެކެވެ.
ކޮންމެއަކަސް އެނަން ބޭނުންކޮށް އެތުހުމަތު ޔަގީނާ ގާތްކަމަށް ބުނާން ފެށީކީ އެފޯމް ފުރަންތިބެ ކޭ ޕިއްޒާތަކުގެ ފޮޓޯއަކަށް ނޫނެވެ. އަދި އެބުނާ ފޯމުތަކުގައި އެޅި ސޮއިތަކުންނާއި ފިންގަރ ޕްރިންޓަށް ބަލާފައި އެކަނި ކިޔާންފެށި އެއްޗެއްވެސް ނޫނެވެ. އެއަށްވުރެ އޭގައި ބޭނުންކޮށްފައިހުރި ފޮޓޯތަކަކީ ޑީއެންއާރަށްގޮސް އެތަނުން ނަގާ ފޮޓޯއިން އެކަނި އައިޑީކާޑު ހެދުނު ޒަމާންތަކުގެ ފޮޓޯގަނޑުތައް އިއްތިފާގުން އެފޯމްތަކުގައި ހުރީތީއެވެ. މިވާހަކަތައް ދޮގުކުރަން ނުކެރި ސީދާ ކަމާ ނުވެސް ގުޅޭ ބަޔަކު ގެންގޮސް އެމީހުންނަށް ދޭން އުޅުނު ޕިއްޒާ ޕާޓީއަކާހުރެ ހަރުލި ނަމެކެވެ. ޕާޓީއަށް ރައްދުވި ހުތުރު ނަމުން ސަލާމަތްވާން ކުޅެން އުޅުނު ޕިއްޒާ ޑްރާމާއިން ގިނަބަޔަކަށް އިތުރަށް ފާޅުވި ނަމެއްގެ ގޮތުގައެވެ. އެއީ މިއަދު މަސްއޮޑި އަތިރީގައާއި ރަށްރަށުގެ ހޮޅުއަށިތަކުގައި އަދި މަގު ކުނިކަހާން ނުކުންނަ އަންހެންވެރިންގެ އިތުރުން ޒުވާނުން ބިޑިއޮޅާން ދުންފަތް ކިއޫގައި ތިބެގެންވެސް ގޮވާއުޅޭ ނަމެވެ. "ޕިއްޒާ ނޭޝަނަލް ކޮންގރެސް" އެވެ. ވެރިކަންކުރާ ޕިއްޒާ ޕާޓީއެވެ.