20 ވަނަ ގަރުނުގައި އެމެރިކާގެ ރައީސްކަން ކުރެއްވި 11 ބޭފުޅަކު ނިސްބަތްވަނީ ރިޕަބްލިކަން ޕާޓީއަށެވެ. އަނެއް ހަތް ބޭފުޅުންނަކީ ޑިމޮކްރެޓުންނެވެ.
ގަރުނު ފެށުނުއިރު އެމެރިކާގެ ރައީސްކަމުގައި ހުންނެވީ ރިޕަބްލިކަން ޕާޓީގެ ވިލިއަމް މެކް ކިންލީ އެވެ. އޭނާ އަވަހާރަކޮށްލީ އެވެ. ދެން ރައީސްކަން ލިބިވަޑައިގަތީ ނައިބް ރައީސް ތިއޮޑޯ ރޫޒްވެލްޓަށެވެ. އޭރު އޭނާގެ އުމުރުން 43 އަހަރު ވެސް ނުފުރެ އެވެ. މިހެންވެ ރޫޒްވެލްޓް ވެފައިވަނީ އެމެރިކާގެ ތާރީހުގައި އެންމެ ޒުވާން ރައީސް ކަމުގަ އެވެ. 1909 ވަނަ އަހަރު ވައިޓް ހައުސް އަށް ވަޑައިގެންނެވީ ވިލިއަމް ހޮވަޑް ޓާފްޓެވެ. އޭނާ އަކީ ވެސް ރިޕަބްލިކަނެކެވެ. އެއް ޓާމުގައި އޭނާ ރައީސްކަން ކުރެއްވުމަށްފަހު ވެރިކަން ލިބިވަޑައިގަތީ ޑިމޮކްރެޓިކް ޕާޓީގެ ވުޑްރޯ ވިލްސަނަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނީ ވިލްސަންގެ ޒައާމަތުގަ އެވެ. އޭނާ ދެ ޓާމް ފުރިހަމަ ކުރެއްވި ފަހުން 1921 ވަނަ އަހަރު ރައީސްކަމަށް ހޮވިވަޑައިގަތީ ރިޕަބްލިކަން ޕާޓީގެ ވަރެން ޖީ ހާޑިންގް އެވެ. އޭނާ ވަނީ 1923 ވަނަ އަހަރުގެ އޯގަސްޓ މަހު ސޭން ފްރެންސިސްކޯގައި ހިތްޕުޅު ހުއްޓިގެން އަވަހާރަވެފަ އެވެ.
މިއަށްފަހު ރައީސްކަން ލިބިވަޑައިގަތީ ހާޑިންގެ ނައިބް ކެލްވިން ކޫލީޑަށެވެ. އޭނާ ވަނީ 1929 ވަނަ އަހަރާ ހަމައަށް ވައިޓްސްގައި ހޭދަކުރައްވައިފަ އެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވީ ރިޕަބްލިކަން ޕާޓީގެ ހާބަޓް ހޫވަ އެވެ. އޭނާ އަށް ފަހު ވައިޓްހައުސް އަށް ދެން ވަޑައިގެންނެވީ ޑިމޮކްރެޓިކް ޕާޓީގެ ފްރޭންކްލިން ޑީ ރޫޒްވެލްޓެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ ރައީސްކަމުގައި ހުންނެވީ އޭނާ އެވެ. 1945 ވަނަ އަހަރު އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އޭނާ އަވަހާރަކޮށްލީ ހަތަރު ވަނަ ޓާމް ފުރުއްވަނިކޮށެވެ. ރޫޒްވެލްޓް އަވަހާރަވުމާ ގުޅިގެން އެމެރިކާގެ ގާނޫނު އަސާސީ އަށް މުހިންމު ބަދަލެއް ގެނަ އެވެ. މި ބަދަލުގެ ތެރޭގައި ހިމެނެނީ އެކަކަށް ގިނަވެގެން އަދާކުރެވޭނީ ހަތަރު އަހަރުގެ ދެ ޓާމް ކަމަށެވެ.
އައު ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ރައީސްކަމަށް ވަޑައިގަތީ ޑިމޮކްރެޓިކް ޕާޓީގެ ހެރީ ޓްރޫމަން އެވެ. ޖަޕާނުގެ ހީރޯޝީމާ އަށާއި ނަގަސާކީ އަށް ބޮން އަޅަން އަމުރުކުރެއްވީ އޭނާ އެވެ. ވައިޓް ހައުސް އަށް ވަޑައިގަތުމުގެ ރޭސް 1952 ވަނަ އަހަރު ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ އެއިޒަން ހާވަރ އެވެ. އޭނާ ދެ ޓާމް ފުރިހަމަ ކުރެއްވި އެވެ. މަޝްހޫރު ޖޯން އެފް ކެނެޑީ ވެރިކަމަށް ވަޑައިގެންނެވީ 1961ގަ އެވެ. އޭނާ އަވަހާރަކޮށްލީ ވެރިކަމުގެ ތިން ވަނަ އަހަރު ކަމަށްވާ 1963 ވަނަ އަހަރު ޓެކްސަސްގަ އެވެ. މިއާއެކު ރައީސްކަމުގެ ހުވާ ކުރެއްވީ ކެނެޑީގެ ނާއިބް ލިންޑަން ޖޯންސަން އެވެ.
1969 ވަނަ އަހަރު ރައީސްކަން ލިބިވަޑައިގަތީ ރިޕަބްލިކަން ޕާޓީގެ ރިޗަޑް ނިކްސަން އެވެ. 1974 ވަނަ އަހަރު އޯގަސްޓް މަހު އޭނާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ މަޝްހޫރު ވޯޓަގޭޓް މައްސަލައާ ގުޅިގެންނެވެ. އެއަށްފަހު ޗީފް އޮފް އެގްޒެކްޓިވްގެ މަގާމާ ހަވާލުވެވެޑައިގަތް ޖެރަލްޑް ފޯޑަށް ނާކާމިޔާވީ އިންތިހާބުގައި ޖިމީ ކާޓަރ އަތުން ބަލިވެވަޑައިގަތުމުންނެވެ. އެއް ޓާމަށް ފަހު ކާޓަރ އަށް ރައީސްކަން ގެއްލި ވަޑައިގަތީ ހޮލީވުޑްގެ ބަތަލް ރޮނަލްޑް ރޭގަން އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ. ރޭގަންގެ ދެ ޓާމަށްފަހު ރައީސްކަމަށް ވަޑައިގަތީ ރިޕަބްލިކަން ޕާޓީގެ ފަރާތުން މަޝްހޫރު ޖޯޖް ބުޝް އެވެ. ގަލްފް ހަނގުރާމަ ކުރެވުނީ އޭނާގެ ދުވަސްވަރު އެވެ. އެހަނގުރާމައިގެ ކަނިބުރައި، ބުޝް އަށް ފުރިހަމަ ކުރެވުނީ އެއް ޓާމެވެ. އޭނާ ބަލިވީ 1993 ވަނަ އަހަރު ރައީސްކަމަށް ވަޑައިގެން ކާމިޔާބު ދެ ޓާމް ފުރިހަމަ ކުރެއްވި އެމެރިކާ އާއި މުޅި ދުނިޔޭގައި ވެސް މަގުބޫލުކަން ހޯއްދެވި ބިލް ކްލިންޓަނާ ވާދަކުރައްވައިގެންނެވެ. ވައިޓް ހައުސްގައި އުޅުނު އަންހެން ކުއްޖެއް ކަމަށްވާ މޮނިކާ ލުވިންސްކީއާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލަ ފަޅާއެރި ނަމަވެސް ކްލިންޓަނަށް އިސްތިއުފާ ނުދެއްވައި ކިރިކިރިޔަ ސަލާމަތްވެ ވަޑައިގެންނެވުނީ ވެސް ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ބޮޑުކަމުންނެވެ. އޭނާ އަށް ފަހު 21 ވަނަ ވަނަ ގަރުނުގެ ފުރަތަމަ ރައީސްގެ ގޮތުގައި 2000 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ރިޕަބްލިކަނުންގެ ފަރާތުން ޖޯޖް ބުޝްގެ ދަރިކަލުން ޖޯޖް ޑަބްލިޔު ބުޝް އެވެ. އިންތިހާބުގައި އޭނާ މޮޅުވީ ކްލިންޓަންގެ ނައިބް އަލްގޯ ބަލިކުރައްވަ އެވެ. އިރާގުގެ ރައީސް ސައްދާމް ހުސައިނާއި އުސާމާ ބިންލާދިން ފަދަ އިސްލާމީ ދުނިޔޭގެ ވަރުގަދަ ލީޑަރުން ހިފައި ހައްޔަރުކޮށް ޝަހީދުކޮށްލީ ބުޝްގެ ސީދާ އެންގެވުމަށެވެ. އޭނާގެ ދެ ދައުރަށްފަހު ވެރިކަމަށް ވަޑައިގަތީ ޑިމޮކްރެޓިކް ޕާޓީގެ ބަރަކް އޮބާމާ އެވެ.
އޭނާގެ ދެ ދައުރަށްފަހު އެމެރިކާގެ 45 ވަނަ ރައީސްކަމުގެ ހުވާ ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ފަރާތުން މުއްސަނދި މަހުޖަނު ޑޮނަލްޑް ޓްރަމްޕެވެ. އޭނާ އަތުން ބަލިވެވަޑައިގަތީ ރައީސް އޮބާމާގެ ހާރިޖީ ވަޒީރު އަދި ކުރީގެ ރައީސް ބިލްކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަނެވެ. ނަމަވެސް އެއް ޓާމަށްފަހު ޓްރަމްޕަށް ވެރިކަން ގެއްލިވަޑައިގަތެވެ. މިކަމާ އައި ރުޅީގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ތެރެއަށް ސަޕޯޓަރުން ވައްދައި ހަމަނުޖެހުން ހިންގި އެވެ. ޓްރަމްޕްގެ މައްޗަށް އެތައް ދައުވާއެއްކޮށް ޝަރީއަތް ހިންގި އެވެ. މިވަރުން ނުވެގެން ޖޯ ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވަޑައިނުގަނެ އެދުވަހު ހެނދުނު ވައިޓް ހައުސް ދޫކުރައްވައި ވަޑައިގަތީ އެވެ. މިއީ އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ބައިވެރިވަޑައިނުގެންނެވި ފުރަތަމަ ފަހަރެވެ. މިކަމާ ހުރެ އެ ރަސްމިއްޔާތުގެ ވަރަށް ގިނަ ތަރުތީބުތައް ބަދަލުކުރަން ވެސް ޖެހުނެވެ.
ވެރިކަން ގެއްލުނަސް ގޮތްދޫނުކުރައްވައި އެންމެހާ ވާދަވެރިން ފަހަތަށް ޖައްސައި ޓްރަމްޕް އަނެއްކާ ވެސް އިންތިހާބު ކާމިޔާބު ކުރެއްވީ ހަތަރު އަހަރު ފަހުންނެވެ. މި ފަހަރު އޭނާ އަތުން ބަލިވީ މިހާރުގެ ނައިބް ރައީސް ކަމަލާ ހެރިސް އެވެ. ދައުރު ނިމެމުން އަންނަ ޑިމޮކްރެޓިކުންގެ ރައީސް ޖޯ ބައިޑެން އަށް ފަހު މިރޭ 47 ވަނަ ރައީސްގެ ގޮތުގައި ހުވާ ކުރައްވައި ތާރީހު ބަދަލުކޮށްލާނީ އަނެއްކާ ވެސް ޓްރަމްޕެވެ. މިއީ ކުރީގެ ރައީސަކު އެނބުރި ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިއިން ޒަމާނަކު ވީ ކަމެއްނޫނެވެ.