ވަގު ފޯމް ފުރައިގެން ޕީއެންސީ އަށް މީހުން ވައްދާފައިވާ މައްސަލަ ނުބަލަން ފުލުހުންނަށް އޮތް ހަމައެކަނި އިޖުރާއަތަކީ ސިޔާސީ ނުފޫޒު ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ސައްހަ ނޫން ގިނަ އަަދަދެއްގެ ފޯމް ހުށަހެޅި މައްސަލަ އެއް ފެންމަތިވެފައިވާ އިރު އެކަން ކުރީ ޑީއެންއާރުން ޑާޓާ ނަގައިގެންކަން ވަނީ ހާމަވެފައެވެ. އެގޮތުން އާއްމުންގެ ފިންގަރޕްރިންޓް، ސޮއި ފޯރޖްކުރުމާއި އައިޑީކާޑުގައި ހުރި ފޮޓޯ ވަގަށް ނަގައިގެން ފޯމްފުރިކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން އައިކު ވިދާޅުވީ މި ދުވަސްކޮޅަކީ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތި ވެގެން އަންނަކަން ދުވަސްކޮޅެއް ކަމަށެވެ. އައިކު ވިދާޅުވީ އެފަދަ މައްސަލަތައް ބެލުމުގައި ފުލުހުން ވަކި މައްސަލަތަކަކާއި މެދު ޚާއްސަ ނަޒަރަކުން ބަލާކަން ފާހަގަކުރެވޭ ކަމަށެވެ. އެއްކަހަލަ މައްސަތަކެއްގައި ތަފާތު ގޮތްގޮތަށް އަމަލުކުރާ ސަބަބާއި މެދު އައިކު ވަނީ ސުވާލު އުފައްދަވާފައެވެ. ހަމައެހެންމެ ކޮރަޕްޝަނާއި ގުޅުން ހުރި ހުރިހާ މައްސަލަ އެއް ބަލަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ހިއްސާކުރައްވާފައެވެ.
މީގެ ކުރިން ސޯޝަލްމީޑިއާގައި މައްސަލަތައް ފެންމަތިވުމުން ފުލުހުންގެ އިސްނެގުމުގައި އެ މައްސަލަ ބަލަން ފެށި ނަމަވެސް، ވަގު ފޯމްގެ މައްސަލައިގައި އެ މޭރުމުން އަމަލުކޮށްފައި ނުވާ ސަބަބާއި މެދު އައިކުވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލަ އަކީ ސޯޝަލްމީޑިއާގައި ތިލަވުމުގެ އިތުރުން، އަޅުގަނޑުމެންވެސް ރަސްމީކޮށް ވެސް ހުށަހަޅާފައޮ އޮތް މައްސަލަ އެއް. އެެހެންވީމަ މިހާރު ކޮން އިޖުރާއަތެއްތޯ އޮތީ މި މައްސަލަ ނުބެލުމަށް. އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުގައި އޮތީ އެންމެ ކަމެއް. އެއީ ސިޔާސީ ނުފޫޒު. އިހުސާން ހޯމް މިނިސްޓަރ ކަމުގައި ހުންނަވައިގެން ވަގު ފޯރމްގެ މައްސަލަ ނުބެލޭނެ، ނުވެސް ބަލާނެ.އައިކު އަހުމަދު އީސާ
މި މައްސަލައިގައި ފޯރޖް ޑޮކިއުމެންޓްތަކެއް ބޭނުންކުރުމުގެ އިތުރުން ހޯމް މިނިސްޓްރީގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީގެ ފޯމް ފުރުމަކީ ކޮރަޕްޝަންކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނަޒާހަތްތެރި ތަހުގީގެއް ކުރަން ބޭނުން ނަމަ މިނިސްޓަރ އިހުސާން ވަގުތީގޮތުން ނަމަވެސް މަޤާމުން ދުރުކުރަން ޖެހޭކަމަށް އައިކު ވަނީ ވިދާޅުވެފައެވެ. އައިކު ވަނީ އިހުސާން އިސްތިއުފާދެއްވުން ނުވަތަ މަޤާމުން ވަކިކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފާހަގަކުރައްވާފައެވެ.
ގިނަ އަދަދެއްގެ މީހުން ވަގު ފޯމު ފުރައިގެން ޕިއެންސީ އަށް ވައްދާފައިވަނީ ހޯމް މިނިސްޓަރ އިހްސާނުގެ ބައިވެރިވުން އޮވެގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ވެފައިވާ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ޑޭޓާބޭސް އިން ވަގަށް މައުލޫމާތު ނަގައިގެން އެ އޮފީހުގެ ތެރޭގަކަމަށް ބެލެވެއެވެ.
މިބޮޑު ޚިޔާނާތް ހިންގުމުގައި ހޯމް މިނިސްޓަރުގެ ސީދާ ބައިވެރިވުން އޮތް ކަމަށް ބެލޭތީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
މިއީ ޑރ މުއިއްޒުގެ ކެބިނެޓް މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.