އިނގިރޭސި ޕްރިމައަރ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި އެވެ.
އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި އާސެނަލް އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެސްޓަން ވިލާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އާސެނަލަށް ކުރި ހޯދައިދިނީ ގަބްރިއެލް މާާޓިނެލީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލިއާންދްރޯ ޓްރޮސާޑް އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި ކައި ހަވާޓްޒް ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަވާޓްޒް ޖެހި ލަނޑެކެވެ.
އޭގެ ފަަސް މިނެޓު ފަހުން ޔޫރީ ޓިއެލަމަންސް ވަނީ އެސްޓަން ވިލާގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އޭގެ އަށް މިނެޓު ފަހުން ދެ ވަނަ ލަނޑެއް ޖަހައި އެސްޓަން ވިލާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮލީ ވަޓްކިންސް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އާސެނަލްގެ ހަވާޓްޒް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
މެޗު އެއްވަރުވެ އާސެނަލް ދެ ވަނައިގައި އޮތްއިރު، ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ ހަ ޕޮއިންޓަށް ފުޅާވެފަ އެވެ. ލީގު ތާވަލްގެ ދެ ވަނައިގައި އާސެނަލް އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 44 ޕޮއިންޓާ އެކު އެވެ.