ކ. މާލެ
|
19 ޖެނުއަރީ 2025 | އާދީއްތަ 11:10
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ނޫނޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ނޫނޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ނޫނޭޒްގެ ދެ ލަނޑުން މޮޅުވެ، ލިވަޕޫލް ލީޑުގައި
މޮޅާއެކު ލިވަޕޫލުން ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން އެ ޓީމަށް ލިބެނީ 50 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން ލީގު ތާވަލްގެ އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ލިވަޕޫލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެެޗުގެ އެންމެ ފަހު ވަގުތުގަ އެވެ.

މެޗުގައި ލިވަޕޫލް އިން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. މެޗު ފަށައިގެން ކުރީ ކޮޅު ލިވަޕޫލްގެ ރަޔަން ގްރެވެންބާޗް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ބްރެންޓްފޯޑުގެ ގޯލު ކީޕަރުގެ އަތުގައި ޖެހިފަ އެވެ. އޭގެ ފަހުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއީ ފޮނުވާލި ބޯޅަ ބްރެންޓްފޯޑުގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ސަބޮސްލާއީ ފޮނުވާލި ދެ ވަނަ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ އުރުގުއޭގެ ޑާވިން ނޫނޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ނޫނޭޒް ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ހާވޭ އެލިއޮޓް އެވެ.

މޮޅާއެކު ލިވަޕޫލުން ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން އެ ޓީމަށް ލިބެނީ 50 ޕޮއިންޓެވެ.

- ކޮމެންޓް