2025 ވަނަ އަހަރު ޒިޔާރަތްކުރަން އެންމެ ސަޅި 25 މަންޒިލު ބީބީސީ އިން ހާމަ ކޮށްފިއެވެ.
ބީބީސީގެ ލިސްޓުގައި ހިމެނޭ 25 މަންޒިލުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގެ 3 ގައުމު ކަމުގައިވާ ޕާކިސްތާން، ސްރީލަންކާ، ބޫޓާން ހިމެނުނު ނަމަވެސް ފަތުރުވެރިކަމަށް މަޝްހޫރު ދިވެހ ރާއްޖެ އެ ލިސްޓުގައި ހިމެނިފައެއް ނުވެއެވެ.
ބީބީސީ އިން ބުނެފައިވަނީ މި 25 ތަނުގެ ތެރެއިން ކޮންމެ ތަނަކީވެސް ހަމައެކަނި ޒިޔާރަތްކުރާ މީހުންނަށް މަރުޙަބާ ކިޔައި އަދި ފާހަގަކޮށްލެވޭފަދަ ދަތުރުފަތުރުގެ ތަޖުރިބާތަކެއް ހޯދައިދޭ ތަންތަން އެކަނި ނޫން ކަމަށެވެ. އޭގެ އިތުރުން މި ތަންތަނަކީ ފަތުރުވެރިކަން މެދުވެރިކޮށް އެ ތަންތަނުގެ މުޖުތަމަޢުތަކަށް އެހީތެރިވެދީ، ތިމާވެށި ރައްކާތެރިކުރުމާއެކު އެ ތަންތަނުގެ ޚާއްޞަ ސަގާފީ ތަރިކަ ދެމެހެއްޓުމަށް މަސައްކަތްކުރާ ތަންތަން ކަމަށެވެ.
ބީބީސީ އިން ބުނީ މި ލިސްޓު އެކުލަވާލީ ބީބީސީގެ ޓްރެވަލް ނޫސްވެރިންނާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓްރެވަލް އޯގަނައިޒޭޝަން އާއި ސަސްޓެއިނަބަލް ޓްރެވަލް އިންޓަރނޭޝަނަލް އާއި ބްލެކް ޓްރެވަލް އެލަޔަންސް އަދި ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް ފަދަ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމުގައެވެ.
ބީބީސީ ޓްރެވަލްގައިޑް ގައި މި ސަރަހައްދުން ސްރީލަންކާ ވަނީ 2025 ވަނަ އަހަރު ދަތުރުކުރުމަށް އެންމެ ރަނގަޅު 10 މަންޒިލުގެ ތެރޭގައި ހިމެނިފައެވެ.
ސްރީލަންކާ ވަނީ ބީބީސީ އިން އެކުލަވާލި ލިސްޓުގެ 9 ވަނަ އަށް ހޮވިފައެވެ.
ބީބީސީގެ ގައިޑް ގައި ސްރީލަންކާ އާ ބެހޭ ގޮތުން ބުނެފައިވަނީ އެއީ މެހުމާނުންނަށް ހޫނު މަރުހަބާ އެއް ކިޔާ ގައުމަކަށް ވުމުގެ އިތުރުން އެ ޤައުމަކީ ފަރުބަދަމަތީގެ ފިނި ސަރަހައްދުތަކުގެ ސާދާ ދަނޑުތަކާއި، މިނިވަންކަމާއެކު އުޅޭ އެތްތަކާއި، ޒަމާންވީ އާސާރީ ތަރިކަތަކަށް މަޝްހޫރު ޤައުމެއް ކަމަށެވެ. އަދި މި ޤައުމަކީ ޒިޔާރަތްކުރާ މީހުންނަށް ގިނަ އަދަދެއްގެ ފާހަގަކޮށްލެވޭފަދަ ދަތުރުފަތުރުގެ ތަޖުރިބާތަކެއް ހޯދައިދޭ ޤައުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ބީބީސީ ލިސްޓުގެ އެއްވަނައިގައި ވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއް ކަމަށްވާ ޑޮމިނިކާ އެވެ.
ކެރިބިއަން ގެ މި ގައުމުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން އާލާކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައިވެއެވެ. މި ޖަޒީރާ ޤައުމުން ދާދި ފަހުން ވަނީ ދުނިޔޭގެ ފުރަތަމަ ސްޕަރމް ވޭލް ރިޒާވް ޤާއިމުކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ. މިއީ އެތަނުގައި ދިރިއުޅޭ ބޮޑެތި ސްޕާރމް ވޭލް ރައްކާތެރިކުރުމަށްޓަކައި ޚާއްޞަކޮށް ރައްކާތެރި ކޮށްފައިވާ ކަނޑުގެ ސަރަޙައްދެއް ކަމަށް ބުނެފައިވެއެވެ. ހުއްދަ ލިބިގެން މި ސޮރުމެންނާއެކު ފަތާ، ފީނާލަން ލިބޭ ފުރުސަތަކީ އުމުރަށް ހަނދާންނައްތާ ނުލެވޭނެ ތަޖުރިބާއެއް ހޯދައިދޭނެ ކަމެއް ކަމަށް ވެސް ބީބީސީ އިން ބުނެއެވެ.