މިހާރު މި އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ނުކުރުވާނެކަން ވަރަށް ސާފުކަމަށާއި ޤާނޫނުއަސާސީގެ ދިފާއުގައި ނުކުންނަން ޖެހުނީ އެހެންވެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ޝިފާޒް އެފަދައިން ވިދާޅުވީ އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ޤާނޫނު އަސާސީގެ ދިފާއުގައި, ޕީޓްރަލް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝިފާޒް ވަނީ ރައްޔިތުން އެތައް ބުރަ މަސައްކަތަކުން ހޯދާފައިވާ ރާއްޖޭގެ ފެހި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ކަންކަން ކުރަމުންދަނީ ހިތުހުރި ގޮތަކަށް ކަމަށް ވިދާޅުވެފައެވެ. ގައުމުގެ ހާލަތު މިއަދު މިއޮތީ ވަރަށް ނާޒުކު ހާލަތެއް ކަމަށް ސިފަކުރައްވާ ޝިފާޒް ވިދާޅުވީ މިއަދު ނިކަމެތި ރައްޔިތުން ބޭސްފަރުވާ އަށް ސަލާންޖަހަން ޖެހުމާއި، ފޮތް ލިސްޓާއި ޔުނިފޯމް ހޯދުމަށް މަޖިލިސް މެމްބަރުން ކައިރީގައި އާދޭސްކުރުން އަނެއްކާވެސް އާއްމުވެފައިވާ ކަމަށެވެ. މި ކަންކަމަކީ ޤާނޫނު އަސާސީ އާއި އެކު ދިވެހިން ފަހަތަށް ދޫކޮށްލި ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝިފާޒް ވިދާޅުވީ ރައްޔިތުންގެ އިޖުތިމާއީ ހައްގުތައް ރައްކާތެރި ނުވެގެން ރައްޔިތުން ސަލާންޖެހުން ޤާނޫނުއަސާސީ އާއި އެކު ނިމުމަކަށް މިސަރުކާރުން ގެނެސްފި ކަމަށާއި ޤާނޫނުއަސާސީގައި ބަޔާންކުރާ އެންމެ މުހިންމު އެއް ކަމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ. އެ ހުރިހާ ކަމެއް އެހެން ހިނގަމުންދާއިރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަތިކުރެވިފައިވާ މަޖިލީހުން އެ މަސައްކަތް ނުކުރާކަން ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ޝިފާޒް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިބީ ދިވެހި ރައްޔިތުން ތަމްސީލުކުރާ މަންދޫބުން ނޫންކަމަށާއި މަޖިލީހުގައި ތިބީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން ކަމަށެވެ. އެކަން އެ ބޭފުޅުން އަމިއްލަ ފުޅަށް ނިންމާފައިވާ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. މަޖިލީހުގައި ތިބީ ރައްޔިތުންގެ މަންދޫބުން ނޫންކަމަށް މަޖިލީހުން ނިންމާފައިވާ ކަމަށާއި އެގޮތުން މަޖިލީހުގެ 80 އިންސައްތަ ހިއްސާކުރަނީ ރައީސްގެ މެމްބަރުންކަަމަށް އެ މަޖިލީހުން ބުނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ ދިފާއުގައި އަނެއްކާވެސް ނުކުންނަން ޖެހުނީ އެ ސަބަބާއި ހުރެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަން ޤާނޫނު އަސާސީގައި ކަޑައަޅާފައި އޮތްއޮތުން އިހަކަށް ދުވަހު ރޭގަނޑެއްގައި އެ ނިންމީ އެއީ ރައްޔިތުންގެ މަންދޫބުން ނޫން ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން ކަމަށް. މުޅި މަޖިލިސް ބަލާއިރު، 80 އިންސައްތަ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން އެތާ މި ތިއްބެވީ.އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
ގާނޫނުއަސާސީ އާއި އެކު ކަށަަވަރުކޮށްދިން އެންމެ މުހިންމު އަނެއް ކަމަކީ އިޖުތިމާއީ ރައްކާތެރިކަން ކަމަށް ފާހަގަކުރައްވާ ޝިފާޒް އިތުރަށް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދިނުމާއި، އެކަނިވެރި މައިންނަށް އިނާޔަތް ދިނުމާއި، އާސަންދަ ފަދަ ޚިދުމަތްތައް ހޯދާދެވުނު ނަމަވެސް މިއަދު އެ އިޖުތިމާއީ ރައްކާތެރިކަން ހޯދާދެވެން ނެތްކަމަށެވެ. އެގޮތުން އެ ރައްކާތެރިކަން ހޯދަދޭން އޮތް އިދާރާއިން ދަނީ ޓީވީ ސްޓޭޝަންތައް ޤާއިމްކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ، އެވިދާޅުވާ ޓީވީ ސްޓޭޝަންތައް ޤާއިމްކުރުމަށް އެތައް މިލިއަން ރުފިޔާ އެއް ހޭދަކުރި އިރު ދައުލަތުގެ ބަޖެޓަށް ވީ ގޮތެއް ސާފު ނުވާ ކަމަށާއި ނަމަވެސް މިހާރު އޮތް ރައީސް މުއިއްޒުގެ މަޖިލީހުން އެކަންކަން ސާފުކޮށް ނުދެއްވާނެކަން ޔަޤީންވާކަމަށެވެ.
ޝިފާޒް ވަނީ 31 ޖެނުއަރީގައި އޮންނަ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު އެއްވެ ޤާނޫނުއަސާސީގެ ދިފާއުގައި އަޑު އުފުލުމަށް ގޮވާލާފައެވެ. 31 ޖެނުއަރީގައި ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. މި ހަރަކާތް ބާއްވަނީ ފުދިއްޖެ، ފުނޑިއްޖެ މި ނަމުގައެވެ.