ފްލެޓް ގަތުމަށާއި އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް, އިންޓްރެސްޓް ރޭޓް ކުޑަކުރުމުގެ މަގުސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަޢާރަފް ކޮށްފައިވާ ލޯން ސްކީމާ ބެހޭ ގަވާއިދު އެކުލަވާލައި އާންމުކޮށްފިއެވެ.
"ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާ ބެހޭ ގަވާއިދު" ގެ ނަމުގައި އެމްއެމްއޭ އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި އެއެމްއެމްއޭއިން ކަނޑައަޅާ ފައިނޭޝަލް ކުންފުނިތަކުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޮންމެ ބޭންކަކުން ވެސް އަދި އެމްއެމްއޭ އިން ކަނޑައަޅާ ފައިނޭންސް ކުންފުންޏަކުން ވެސް މި ގަވާއިދުގައި ބުނެފައިވާ ހަމަތަކާ އެއްގޮތަށް ލޯން ދޫކުރުމަށްޓަކައި ގެދޮރު އަގުހެޔޮކުރުމުގެ ލޯން ސްކީމެއް ތަޢާރަފް ކުރަން ޖެހޭނެއެވެ. އަދި ގަވާއިދު ދަށުން ގާއިމް ކުރާ ސްކީމް ހިންގާނީ ތިން އަހަރުގެ މުއްދަތަށް ކަމަށް ވަނީ ބުނެފައެވެ.
ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކާ ގުޅިގެން ލޯނު ނަގާ ފަރާތުން އިންވެސްޓްކުރަން ޖެހޭ އިކުއިޓީ ނުވަތަ ޑައުންޕޭމެންޓްގެ ނިސްބަތުން ބަލައި ނެގޭނެ އިންޓްރެސްޓް ރޭޓް ނުވަތަ ފައިނޭންސިންގ ރޭޓްތައް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ލޯނުގެ ޑައުންޕޭމެންޓްގެ އަދަދަކީ ނުވަތަ އިކުއިޓީގެ އަދަަދކީ 20 ޕަސެންޓް އިން ފެށިގެން މަތީ އަދަދެއް ނަމަ އިންޓްރެސްޓް ރޭޓަކީ 5.0 ޕަސެންޓްއެވެ. 10 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަދަދެއް ނަމަ އިންޓްރެސްޓް ރޭޓަކީ 5.5 ޕަސެންޓްއެވެ. މީގެ އިތުރުން ލޯނުގެ ޑައުންޕޭމެންޓް އަދަދަކީ 5 ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އަދަދެއްނަމަ އިންޓްރެސްރޭޓަކީ 6 ޕަސެންޓްއެވެ.
އެމްއެމްއޭ އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ސްކީމުގެ ދަށުން ދޫކުރާ ލޯނެއްގެ އިއުއިޓީ ނުވަތަ ޑައުންޕޭމެންޓުގެ އަދަދު ޕެންޝަން ސްކީމުގެ ދަށުން ނުވަތަ އެމްއެމްއިން ގާއިމް ކުރާ ސްކީމެއްގެ ދަށުން ގެރެންޓީ ކޮށްދޭ ނަމަ ޑައުންޕޭމެންޓް ނުވަތަ އިކުއިޓީ އިންވެސެންޓް ކުރެވިފައިވާ ކަމަށް ބަލައި މި ގަވާއިދުގައި ބުނެފައިވާ އިންޓްރެސްޓް ރޭޓަށް ވުރެ ބޮޑު ރޭޓެއް ކަނޑައަޅައިގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެއްވެސް މެމްބަރަކު ސްކީމުގެ ދަށުން ދޫކުރާ ލޯނުގެ ފުރަތަމަ 10 އަހަރު ދުވަހުގެ ތެރޭގައި އެ ލޯނުގެ އިންޓެރެސްޓް ރޭޓް އިތުރުކޮށްގެން ނުވާނެއެވެ. އަދި ލޯނުގެ ފުރަތަމަ 10 އަހަރު ވޭތުވުމަށް ފަހު ވެސް ރޭޓް ބަދަލު ކުރެވޭނީ މާކެޓަށް އަންނަ ބަދަލަކާ ގުޅިގެން އެކަނި ކަމަށާއި އެގޮތުން ލޯނުގެ ރޭޓް އިތުރު ކުރެވޭނީ އެމްއެމްއީން ހުއްދަކުރާ ގޮތެއްގެ މަތިން ހުއްދަކުރާ މިންވަރަކަށް ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެމްއެމްއިން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މި ސްކީމުގެ ދަށުން ދޫކުރާ ލޯނު އަދާކޮށް ހަލާސް ކުރަން ޖެހޭ މުއްދަތު 25 އަހަރަށް ވުރެ ކުރުވެގެން ނުވާނެއެވެ. ނަމަވެސް ލޯނު ނަގާ ފަރާތުން މި މުއްދަތަށް ވުރެ ކުރު މުއްދަތެއް ހަމަޖައްސަން އެދި ހުށަހަޅައިފި ނަމަ ބޭނުންވާ މުއްދަތެއް ހަމަޖެއްސިދާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައި ވެއެވެ.
ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާ ބެހޭ ގޮތުން އެމްއެމްއޭ އާއި ހައުސިންގ މިނިސްޓްރީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ބޭއްވި ނޫސް ކޮންފަރެންސްގައި އެމްއެމްއޭގެ ކުރީގެ ގަވަރަނަރ އަޒީމާ އާދަމް ވިދާޅުވެފައި ވަނީ މި ސްކީމްގެ ދަށުން ލޯން ދޫކުރާނީ 2.2 މިލިއަން ރުފިޔާއަށްވުރެ ދަށް އަގެއްގައި ވިއްކާ ފްލްޓް ގަތުމަށާއި އަމިއްލައަށް ދިރިއުޅުމަށް ގެދޮރު އިމާރާތް ކުރުމަށް ކަމަށެވެ.
މި ސްކީމްގެ ދަށުން މި އަހަރު ދޫކުރެވޭނެ ކަމަށް އެމްއެމްއޭއިން ލަފާކުރަނީ 300 އާއި 350 އާ ދެމެދުގެ ހައުސިންގ ޔުނިޓް ގަނެވޭނެ ފައިސާއެވެ.
މި ސްކީމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިސްކީމްގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދޭނީ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށެވެ.