ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 13:33
ބ. ކަމަދޫގައި ބަހައްޓާފައިވާ ރައީސް ޔާމީންގެ ޕޯސްޓަރެއް: ކައުންސިލްތަކުގެ އިންތިހާބުގެ އިތުރުން ބައި-އިލެކްޝަނުންވެސް ސަރުކާރު ވަނީ ފެއިލްވެފައި
ބ. ކަމަދޫގައި ބަހައްޓާފައިވާ ރައީސް ޔާމީންގެ ޕޯސްޓަރެއް: ކައުންސިލްތަކުގެ އިންތިހާބުގެ އިތުރުން ބައި-އިލެކްޝަނުންވެސް ސަރުކާރު ވަނީ ފެއިލްވެފައި
މުހައްމަދު ފަޒީން
"ރައީސް ޔާމީން 2018"
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!
ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ސަރުކާރުން ފެއިލްވި
ބައި- އިލެކްޝަނުންވެސް ސަރުކާރު ފެއިލް
ކެމްޕެއިން ތަކުގައި ސަރުކާރުން ޕްރޮމޯޓް ކުރަނީ ރައީސް ޔާމީން

މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ސަރުކާރަށް މުޅި ރާއްޖެއިން ނޫނެކޭ ބުނުމުން ސަރުކާރުން އެކިއެކި ބަހަނާ ދައްކަމުން ބުނެފައިވަނީ އެއީ ކައުންސިލް އިންތިހާބަށް ވީމާ ރަށާއި އާއިލީ މަސްލަތުތައްވެސް އެ އިންތިހާބުގައި ހުރުމުން ނިކުތް ނަތީޖާއެއް ކަމަށެެވެ. އަދި ކާމިޔާބު ލިބުނީ ވެސް ސަރުކާރަށް ކަމަށް ބުނަމުން ދިޔަ އެވެ. ނަމަވެސް ފާހަގަ ކޮށްލަންޖެހޭ ކަމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް އިލެކްޝަންސް ކޮމިޝަނަށްވަދެ، އެތައް ފަހަރަކު ލަސްކުރުމަށްފަހު ސަރުކާރުން "އާނ ދެން ބާއްވާށޭ" ބުނުމުން ބޭއްވި އިންތިހާބެއްގެ ގޮތުގަ އެވެ.

އެއް ދުވަހެއްގެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ މާލެ ތެރެއަށް ނިކުމެވަޑައިގެން ޕީޕީއެމް މެމްބަރޝިޕްގެ 11،000 ފޯމް ފުރުވާފަ އެވެ. ޕީޕީއެމަށް އާންމު މެމްބަރުން އިތުރު ކުރުމަށްކުރި އެ މަސައްކަތަށްފަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެއިން ސަރުކާރަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު ތާނގައި މިހާރު އަޑެއްބަޑެއް ނީވޭ ޑީއާރުޕީއަށްވީ ވަރު ވެސް ނުވި އެވެ.

ދެން ވެސް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވާ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ މަޖިލިސް މެމްބަރުންގެ މައްޗަށް އެކިއެކި ތުހުމަތުތައްކޮށް ޝަރީއަތް ހިންގަމުންދަނިކޮށް، ބ. ކަމަދޫ ކައުންސިލްގައި ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރިއިރުވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އެފަރާތްތަކަށް ތާއީދުކުރާ ރައްޔިތުން އުޅެއްޖެހިފައިވަނީ ފުލުސް އޮފީސް ސަރަހައްދުންނާއި ކްރިމިނަލް ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓު ދޮރުމަތީގަ އެވެެ. ތުހުމަތު ތަކާއި ދައުވާތައް ވަނީ ބޯމަތީގަ އެވެ. އިދިކޮޅު ފަރާތްތަކަށް ޖެހިފައިވަނީ ދެއިރު ދެދަޅައަށް ފުލުސް އޮފީހަށާއި ކޯޓުތަކަށް ހާޒިރު ވާށެވެ.

އެކަން އެގޮތަށް އޮތްއިރު ކަމަދޫ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށި އިންތިހާބު ކުޑަ ތަން ވީއިރު، ސަރުކާރުން ވަނީ ކަމަދޫގައި ވަރުގަދަ ކެމްޕެއިންއެއް ކޮށްފަ އެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއިން ކެނޑިޑޭޓެއް ނެރެފައިވާއިރު އެމްޑީޕީންވެސް ކެންޑިޑޭޓެއް ނެރެފައި ވެއެވެ. ސަރުކާރުން އެމީހުންގެ ކެންޑިޑޭޓް ޕްރޮމޯޓް ކުރުމަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކުން އެންމެ އަޅައިގަންނަނީ ރައީސް ޔާމީންގެ ފޮޓޯފުޅެވެ. ނިމިދިއަ ކައުންސިލްތަކުގެ އިންތިހާބުގައި ވެސް ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރެކޭ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނެކޭ ތަފާތެއް ހުރިހެނެއް ހިޔެއް ނުވެއެވެ. މީގެއިތުރުން ކަމަދޫގައި ރައީސް ޔާމީންގެ އިސްކޮޅަށްވުރެ މާބޮޑުކޮށް ޕްރިންޓް ކޮށްފައިވާ ރައީސް ޔާމީންގެ ބޮޑު ޕޯސްޓަރެއް ވެސް ހުއްޓެވެ.

ކެމްޕެއިންގެ ކަންކަންވެސް ހުރީ ސަރުކާރުން ގެންނަ ތަރައްގީގެ ވާހަކަތަކާއި ގުޅިފަ އެވެ. ބްރިޖާއި 25 ބުރީގެ އިމާރާތާއި އެއާޕޯޓްގެ ވާހަކަތަކެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ތަރައްގީގެ ވާހަކަތައް ޕްރޮމޯޓް ކުރުން ފިޔަވާ އިތުރަށް ކުރި ކެމްޕެއިނެއް ނުފެނެއެވެ.

މާލެ-ހުޅުމާލެ ބްރިޖްގެ ވާހަކައާއި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ތަރައްގީގެ ވާހަކަތައް ދެއްކިއިރު، ކަމަދޫ ރައްޔިތުން ބުއިމަށް ބޭނުން ކުރާނެ ސާފު ބޯފެނެއް ނެތެވެ. ގައިން ތާހިރު ވެލާނެ ސާފު ފެންފޮދެއްވެސް ހުރިއްޔާހުރީ ވާރޭ ވެހިއްޖެނަމަ ލިބޭ ވާރޭ ފެންފޮދެވެ.

ކަމަދޫ ބައި އިލެކްޝަންގެ ކެމްޕެއިންގަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވެސް ބޮޑަށް ދެއްކީ ސަރުކާރުން ކުރަމުންދާ ގޯސްކަންތައްތަކުގެ ވާހަކަ ތަކެވެ. ދައުލަތުގެ ފައިސާއިން ބިލިއަނުން ހިޔާނާތްތެރި ވަމުންދާ ވާހަކަތަކެވެ. ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތަކެވެ. ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަތަކެވެ.

ކަމަދޫގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވަނީ 338 މީހުންނަށެވެ. ސަރުކާރަށް އެ 338 މީހުންގެ މެޖޯރިޓީ ނުހޯދުނީ ސަރުކާރުގައި ފައިސާ ނެތިގެން ނޫނެވެ. ބާރުވެސް ނެތިގެން ނޫނެވެ. ސަރުކާރުން ނެރެފައިވާ ކެންޑިޑޭޓާމެދުވެސް ރައްޔިތުން ހިތްހަމަ ނުޖެހޭތީއެއްވެސް ނޫނެވެ. މައްސަލައަކީ މިސަރުކާރަށް ކަމަދޫ ރައްޔިތުން ނުރުހުން އޮތުމެވެ. ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ، ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަމުންދާތީ އެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއާއި ދައުލަތަށް ލިބޭ ދިވެހި ރައްޔިތުންގެ ފައިސާއިން، ހަލާލެއް ހަރާމެއް ނުބަލާ ސަރުކާރުގެ އިސްވެރިން ވައްކަން ކުރަމުންދާ ވާހަކަ އެއީ ކަމަދޫ ރައްޔިތުންނަށްވެސް އާވާހަކައެއް ނޫނެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު، ކަމަދޫ ބައި-އިލެކްޝަން ނިމުމާއެކު ވިދާވެފައިވަނީ 2018ގެ ރިޔާސީ އިންތިހާބުގައި ކަމަދޫއިން މެޖޯރިޓީ ނަގާނީ ރައީސް ކަމަށެވެ.

ނިހާނަށް ދަންނަވާލަން އޮތީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވިއްކެވީ ހަމަ ރައީސް ޔާމީން އާއި މާލެ-ހުޅުމާލެ ބްރިޖްގެ ވާހަކައާއި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ތަރައްގީގެ ވާހަކަތަކެވެ. ބައި-އިލެކްޝަނުގައި ވެސް ވިއްކެވީ ހަމަ ރައީސް ޔާމީނާއި ބްރިޖާއި 25 ބްރީގެ އިމާރާތާއި އެއާރޕޯޓްގެ ވާހަކަތަކެވެ.

އެ ދެ އިންތިހާބުގައިވެސް ބޮޑުތަނުން ފެއިލްވެވަޑައިގެންނެވުމުން، ދެން ތިޔަވިދާޅުވަނީ 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ނިހާނުއެވެ. ނިހާނު ނޫނަސް ތިޔަގޮތަށްގަދަބަސް ވިދާޅުވާ އެހެން ބޭފުޅުންވެސް ދުނިޔޭގައި އުޅެއެވެ. އޭގެ ތެރެއިން ވެނެޒުއޭލާގެ ރައީސާއި އަނބިކަނބަލުން އަދި ދަރިކަލުން ވެސް ތިޔަފަދަ ބަސްތައް ވިދާޅުވެއެވެ. ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ބޭނުންވީ ހުރިހާ ބާރުތަކެއް އޭނާގެ މުށުތެރެއަށް ލުމަށެވެ. އަނބިކަބަލުންނާއި ދަރިކަލުންނާއެކު ބާރުގެ ބޭނުން ކުރައްވައިގެން މުޅި ދުނިޔެ އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށް އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ގާނޫނު ހަދާ މަޖިލިހާއި ހުރިހާ ބާރުތަކެއް މަޑޫރޯގެ މުށުތެރެއަށް ލުމުން އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅާ މަޑޫރޯ ބެލެކް ލިސްޓް ކުރުމުން މަޑޫރޯގެ ދަރިފުޅު ވިދާޅުވެފައިވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓް ހައުސް ހިފަންޖެހިދާނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލި، ނިހާނަށް މެޖޯރިޓީ ލީޑަރުކަން ގެލުމުން މަޖިލިސް މެމްބަރުން ގެންގޮސް ހައްޔަރުކޮށްގެންވެސް ސަރުކާރަށް ލިބުނު އެއްވެސް ކުރިއެރުމެއް ލިބުނުތޯއެވެ. ރައްޔިތުންގެ ނުރުހުން ފިޔަވާ ލިބުނު އެއްވެސް އެއްޗެއް ނެތެއް ނޫންތޯއެވެ. އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލުމަށްފަހުވެސް ބާއްވާ އިންތިހާބުތައްވެސް ފެއިލް ވުމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ތިޔަވިދާޅުވަނީ ކިހިނެއް ހިސާބު ޖައްސަވާފަ ތޯ އެވެ.

ސަރުކާރުގައި ފައިސާ އޮތީތީވެ ކޮންމެ ވޯޓަކަށް 30،000ރ ވެސް ޚަރަދު ކުރެވިދާނެ އެވެ. ކަމަދޫ ރައްޔިތުން އެގޮތަށް ދޭ ފައިސާއެއް ބޭނުން ނުވާކަން އެރަަށަށް ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި އިއްޒަތްތެރިިންނަށް ވެސް އެނގިވަޑައިގަންނަވާނެ އެެވެ. ކަމަދޫ ރައްޔިތުން ބޭނުންވަނީ ރަށަށް ތަރައްގީ އެވެ. ރަނގަޅު ސިއްހީ ފަރުވާއާއި ފެނާއި ނަރުދަމާ ނިޒާމެކެވެ. ދަރިންނަށް ރަނގަޅަށް ކިޔެވޭނެ ފަހި ފުރުސަތުތަކެވެ. ވަޒީފާ އެވެ. އުފަލާއެކު ދަރިންނާއެކު ދިރިއުޅެވޭނެ ރަނގަޅު މާހައުލެކެވެ.

ކަމަދޫ ފާހަގަކުރެވިފައި ވަނީ ވަރަށް އެއްބައިވަންތަ، ސިޔާސީ ޒުވާބުތައް މަދު އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއްގެ ގޮތުގަ އެވެ. ރަށުގައި މަސައްކަތްތެރި ޒުވާނުން ގިނަ އެވެ. ޒުވާން އަންހެން ކަނބަލުންގެ ހީވާގިކަންވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.

- ކޮމެންޓް