ސޫރިއާ އަށް އެހީވުމުގެ މަޝްވަރާތަކަށް މެދުއިރުމަތީގެ އަދި ޔޫރަޕުގެ އިސް ޑިޕްލޮމެޓުން އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފިއެވެ.
މިއީ ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަކަށް އައުމަށްފަހު، ދުނިޔޭގެ ބާރުވެރި ޤައުމުތަކުން ސޫރިއާ ގެ ހަމަޖެހުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ބޭއްވޭ މަޝްވަރާއެކެވެ.
އާދީއްތަ ދުވަހުގެ މަޝްވަރާތައް ދެ ސެޝަނަކަށް ބެހިގެންދާނެއެވެ. ފުރަތަމަ ސެޝަނުގައި އަރަބި ޤައުމުތަކުގެ އޮފިޝަލުން ބައިވެރިވާނެއެވެ.
ދެވަނަ ސެޝަނުގައި ތުރުކީ، ފްރާންސް، ވިލާތުގެ އިއްތިހާދު އަދި އދ. ފަދަ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެކަމަށް ސައުދީ އޮފިޝަލަކު ހޮނިހިރު ދުވަހު އޭއެފްޕީއަށް މަޢުލޫމާތު ދެއްވިއެވެ.
މި ބައްދަލުވުން ބޭއްވެނީ ސޫރިއާގެ އައު ވެރިޔާ އަޙްމަދު އަލް-ޝަރާ، ދިމިޝްޤު ހިފައި ދިގު މުއްދަތަކަށް ވެރިކަން ކުރި އަލް-އަސަދު ވައްޓާލުމަށްފަހު، ދަތިކުރުންތައް ލުއިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ހިމެނޭ ހެން ބާރުވެރި ޤައުމުތަކުގެ ތާއީދާ އެކު 2011 ގައި ސޫރިއާ ގައި ސަރުކާރާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކަށް އަލް-އަސަދުގެ ސަރުކާރުން އަނިޔާވެރިކަމާއެކު ކުރިމަތިލުމާ ގުޅިގެން އެ ސަރުކާރުގެ މައްޗަށް ދަތިކުރުންތައް އަޅާފައިވެއެވެ. އެންމެ ފަހުން މުޒާހަރާތައް ދާޚިލީ ހަނގުރާމަކަށް ބަދަލުވެގެން ދިޔައެވެ.
ސޫރިއާ ގައި 13 އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ހަނގުރާމައިގައި ފަސް ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި އިޤްތިޞާދު ހަލާކުވެ، މިލިއަނުން މީހުން ޔޫރަޕަށް ހިޖުރަކޮށް، އެތައް ބަޔަކު އެމީހުންގެ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ އެންމެ އިސް ޑިޕްލޮމެޓު ކާޖާ ކާލާސް ހުކުރު ދުވަހު ވިދާޅުވީ، ސޫރިއާ ގެ އައު ވެރިކަމުން މައިނޯރިޓީތައް ރައްކާތެރިކޮށްދޭ، އެންމެން ހިމެނޭ ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކޮށްފިނަމަ، 27 ޤައުމުގެ ޔޫނިއަނުން ދަތިކުރުންތައް ލުއިކުރަން ފެށިދާނެ ކަމަށެވެ.
މި މަހު ސައުދީ އަރަބިއްޔާއިން ވަނީ ސޫރިޔާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ކާބޯތަކެއްޗާއި، ހިޔާވަހިކަމާއި، ސިއްޙީ އެހީތެރިކަން ފޯރުކޮށްދީފައެވެ.