ކަސްޓަމްސްގެ ތެރެއަށް ގެއްލުންދެނިވި ކަންތައްތައް ވެއްދުމަށް މަސައްކަތްކުރާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި އާދިއްތަ ދުވަހުގެރޭ ބޭއްވި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 127 ވަަނަ އަހަރީ ޖަލްސާގައި ވާހަފުޅުދައްކަވަމުން އިބްރާހިމް ޝަރީފް ވިދޅުވީ، ޤައުމަށް ފައިދާހުރި ކަންކަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ގެންދާ މުއައްސަސާއަކީ ކަސްޓަމްސްކަމަށާއި، އެހެން ކަމާއިއެކުވެސް ނުރަނގަޅު، ގެއްލުންދެނިވި ކަންތައްތައް ވެއްދުމަށް ބަޔަކު މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މިފަދަ ކަންކަން ފެންނާނެ ކަމަށާއި ކަސްޓަމްސް އިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ އެފަދަ ކަންކަމުން އެ މުއައްސަސާ ސަލާމަތްކޮށް އިޚްލާޞްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އެކަމުގައި ކަސްޓަމްސް އިން ދަނީ ކާމިޔާބީއާއި ކުރިއެރުން ހޯދަމުންކަމަށެވެ.
މިސަރުކާރުގެ އިޤްޠިޞާދީ ސިޔާސަތުގެ ސަބަބުން ވިޔަފާރިތައް ފުޅައުވެ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވަމުން އަންނައިރު އެކަންކަމަށް ބޭނުންވާ ކަސްޓަމްސްގެ ޚިދުމަތް ވީހައި ފުރިހަމައަކަށް ފޯރުކޮށްދިނުމުގައި ކަސްޓަމްސް އިން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއްކުރަމުން ކަމާއި ކާމިޔާބީތައްވެސް އަންނަނީ އިތުރުވަމުންކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޢަބްދުﷲ ޖިހާދެވެ. މިރަސްމިއްޔާތުގައި ކަސްޓަމްސް މިނިސްޓަރުގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ކަސްޓަމްސްއަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒިފުންގެ އަގު ވަޒަންކޮށްފައެވެ. އަދި ކަސްޓަމްސްގެ އާ ޔުނިފޯމާއި، އާ ވެބްސަައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ. މި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދެވެ.