ސޫރިއާގެ ފޮރިން މިނިސްޓަރު އަސަދު ހަސަން އައް-ޝައިބާނީ މިދިޔަ ހަފްތާގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ބޭރު ދަތުރުފުޅަށްފަހު، ވިދާޅުވެފައިވަނީ އޭނާ ޤަޠަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އުރުދުން އަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.
ސޫރިއާގެ އައު ސަރުކާރުގެ އެންމެ އިސް ޑިޕްލޮމެޓް ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ މި ތިން ޤައުމަށް މި ހަފްތާގައި ކުރައްވާ ދަތުރުފުޅަކީ ސޫރިއާގެ "ހަމަޖެހުމާއި، ސަލާމަތްތެރިކަމާއި، އިޤްތިޞާދު އިއާދަ ކުރުމާއި އަދި ގުޅުންތައް ބަދަހިކުރުމަށް" ކަމަށެވެ.
އަލް-އަސަދު ގެ ޢާއިލީ ވެރިކަން މިދިޔަ މަހު ކުއްލިއަކަށް ނިމުމަކަށް ގެނައި ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ އައު ސަރުކާރުން ބޭނުންވަނީ ޤައުމުގެ އަސާސީ ވަސީލަތްތައް އަލުން ބިނާކޮށް އިޤްތިޞާދު ކުރިއެރުވުމަށް މުއްސަނދި ގަލްފު ޤައުމުތަކުން އިންވެސްޓްމަންޓް ހޯދުމަށެވެ.
ސަޢޫދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް ހުކުރު ދުވަހު ދިމިޝްޤަށް ދަތުރުކޮށް، ސޫރިއާގެ ޞިއްޙަތާ ބެހޭ ވަޒީރު މާހިރު އައް-ޝަރާ އާ ބައްދަލުކޮށް އިންސާނީ އަދި ސިއްޙީ ރޮނގުން އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް ސޫރިއާ ގެ ސަރުކާރުގެ ނޫސް އޭޖެންސީ ސަނާ އިން ބުނެފައިވެއެވެ.
ސަޢޫދީ ވަފުދުން ސޫރިއާ އަށް ޒިޔާރަތް ކުރީ އަހުމަދު އައް-ޝަރާޢާ ގެ އައު ސަރުކާރުން 13 އަހަރުގެ ހަނގުރާމައެއްގެ ސަބަބުން ފުނޑުފުނޑުވެފައިވާ އަދި ކޮރަޕްޝަނާއި އާއިލީ ވެރިކަމުގެ ސަބަބުން ހަލާކުވެފައިވާ އެ ގައުމުގެ ޞިއްޙީ ނިޒާމު އާރާސްތުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހުކުރު ދުވަހު، އައް-ޝަރާޢާ އާއި ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބު މީކާތީ ފޯނުން މަޝްވަރާ ކުރައްވާ، ލުބުނާނުގެ ސިފައިންނާއި ސޫރިއާގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަލާތަކެއްގައި ލުބުނާނުގެ 5 ސިފައިންނަށް އަނިޔާވުމާ ގުޅިގެން، 375 ކިލޯމީޓަރު (233 މޭލު) ދިގު ސަރަހައްދީ ބޯޑަރުގައި އަމާންކަން ޤާއިމުކުރުމަށް އެއްބަސްވެވަޑައިގަތެވެ.
މީކާތީގެ އޮފީހުން ނެރުނު ބަޔާނެއްގައި އައް-ޝަރާޢާ ވިދާޅުވިކަމަށް ބުނެފައިވަނީ ސޫރިއާ އިން "ބޯޑަރުގައި އަމާންކަން އަލުން ޤާއިމުކުރުމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ" ކަމަށެވެ.
ހަޔާތު ތަހްރީރު އައް-ޝާމް (އެޗްޓީއެސް) ގްރޫޕްގެ ވެރިޔާ އައް-ޝަރާޢާ ވަނީ މީކާތީ ދިމިޝްގަށް ވަޑައިގެން ދެ ޤައުމުގެ މަޞްލަޙަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ދަޢުވަތު ދެއްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާއިން މިހާރުވެސް ސޫރިއާ އާރާސްތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މިދިޔަ ހަފްތާގައި، އައް-ޝައިބާނީ އިސްވެ ހުންނަވައިގެން އައު ދިފާޢީ ވަޒީރާއި އިންޓެލިޖެންސް ވެރިޔާ ހިމެނޭ މަތީ ފަންތީގެ ވަފުދެއް ސައުދީ އަރަބިއްޔާގެ ވެރިރަށަށް ވަނީ ޒިޔާރަތް ކުރައްވާ މަޝްވަރާ ތައް ކުރައްވާފައެވެ.