އެމެރިކާގެ ނިއު އޯލިއަންސް ގައި އައު އަހަރު ފާހަގަ ކުރަމުން ދިޔަ ބައެއްގެ ގައިގައި ވެހިކަލަކުން ޖެއްސި ހާދިސާގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ގައި މަރުވި މީހުންގެ އިތުރުން މަދުވެގެން 35 މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެ ސިޓީގެ ފްރެންޗް ކުއާޓަރުގައި އޮންނަ މަޝްހޫރު ބޫރބަން މަގުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނިއު އޯލިއަންސް ޕޮލިސް ޑިޕާޓްމަންޓުގެ ސުޕްރިންޓެންޑެންޓް އޭން ކަރކްޕެޓްރިކް ވިދާޅުވި ގޮތުގައި މިކަން ހިންގީ ބުދަ ދުވަހުގެ ފަތިހު 3:15 ހާއިރު ޕިކަޕެއް ގައި "ގަސްތުގައި" "ވަރަށް ބާރު ސްޕީޑެއްގައި" ދުއްވާފައި ގޮސް ކަމަށެވެ.
"އޭނާ މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް ގިނަ މީހުންގެ ގައިގައި އުޅަނދުން ޖައްސަން،" އޭނާ ވިދާޅުވިއެވެ.
"ވީހާ ވެސް ބޮޑު ގެއްލުމެއް ދިނުމަށް އޭނާ ވަރަށް ބޮޑަށް ގަސްތުގައި ކުރި ކަމެއް."
ސުޕްރިންޓެންޑެންޓް ކަރކްޕެޓްރިކް ވިދާޅުވި ގޮތުގައި ވެހިކަލުން މީހުންގެ ގައިގައި ޖެއްސުމަށް ފަހު އެ ކުށްވެރިޔާ ވަނީ އޮފިސަރުންނާ ދިމާލަށް ވެސް ބަޑިޖަހާފައެވެ. ބަޑި ޖެހުމުގެ ސަބަބުން ދެ އޮފިސަރަކަށް ވަނީ ވަޒަން އެރުމުގެ ސަބަބުން އަނިޔާވެފައެވެ. ނަމަވެސް ދެ އޮފިސަރުންގެ ހާލު ރަނގަޅު ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ހާމަ ކޮށްފައިވެއެވެ.
ފުލުހުން އެ ހަމަލާ ދިން މީހާގެ ހާލަތާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފެޑެރަލް ލޯ އެންފޯސްމަންޓް އޮފިސަރަކާ ހަވާލާދީ އެމެރިކާގެ އެން.ބީ.ސީ ނިއުސް އިން ބުނި ގޮތުގައި އެ މީހާ މަރުވެފައިވާ ކަމަށް ޤަބޫލުކުރެވެއެވެ.
ނިއު އޯލިއަންސް ގެ މޭޔަރ ލަޓޯޔާ ކެންޓްރެލް މި ހާދިސާ ސިފަކުރެއްވީ "ޓެރަރިސްޓް ހަމަލާއެއް" ގެ ގޮތުގައެވެ. ނަމަވެސް އެފް.ބީ.އައީގެ ސްޕެޝަލް އޭޖެންޓް އަލެތިއާ ޑަންކަން ފަހުން ވިދާޅުވި ގޮތުގައި މިއީ "ޓެރަރިސްޓް ހާދިސާއެއް" ނޫން ކަމަށެވެ.