ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 16:21
މަޖިލީހުން އެންމެފަހުން ބޭއްވި ޖަލްސާގެ ތެރެއިން --
މަޖިލީހުން އެންމެފަހުން ބޭއްވި ޖަލްސާގެ ތެރެއިން --
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ވެސް ދެން ނޫސްވެރިންނަށް ނުވަދެވޭނެ!
އަންނަ ސެޕްޓެމްބަރު މަހު މަޖިލިސް ޗުއްޓީއަށް
މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫސްވެރިން ދެން ތިބެންޖެހޭނީ ވަކި ރޫމެއްގައި، އެތަނަށް ކޮމެޓީތަކުގެ ޥީޑިއޯ ލިބިގެންދާނެ ކަމަށްވޭ
މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅު ވަށައިގެން ޖަހާ ބިއްލޫރި ކޮށީގެ މިންތައް ނަގާ ހަދަމުންދާ ކަމަށް މަހްލޫފް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ބާއްވާ ބައްދަލުވުންތައް ކަވަރކުރަންދާ ނޫސްވެރިންނަށް އެކަން ކުރުމަށް ދަތިވާ ގޮތަށް މަޖިލީހަށް ކެމެރާ ނުވެއްދޭ ގޮތަށް މަޖިލީހުގެ އިދާރާއިން ވަރަށް އަވަހަށް ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް މަޖިލީހުން ދޫކުރާ ގޮތަށް ކޮމެޓީތަކުގެ ބައްދަލުވުންތައް ވެސް މަޖިލީހުގެ އިދާރާއިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމުން މަޖިލީހުގެ ކޮމެޓީތައް ލައިވް ކުރުމާއި ކެމެރާ ކުރުންފަދަ ކަންކަން ލައިވް ފީޑް ފޮނުވަމުންދާނީ މަޖިލީހުގެ އިދާރާއިން ނެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާއިން ވަނީ މީޑިއާތައް ތިބެވޭ ގޮތަށް ވަކި ރޫމެއް ހެދުމަށް ނިންމާފަ އެވެ. އެގޮތުން އެ މީޑިއާ ރޫމަށް މަޖިލީހުގެ ކޮމެޓީތަކުގައި ހިންގާ ކަންކަމުގެ މަންޒަރާއި އަޑު ލިބޭގޮތަށް ހަމަޖެހިގެންދާނެ ކަމަށްވެއެވެ.

އެގޮތަށް ކަންކަން ކުރުމުން މަޖިލީހުގެ ކޮމެޓީތަކުގައި ހިނގަމުންދާ ކަންކަން މީޑިއާތަކަށް ލިބިގެން ދާނީ ހަމައެކަނި މަޖިލީހުގެ އިދާރާއިން ފޮނުވާ އަޑާއި މަންޒަރު އެކަންޏެވެ.

މިހާރަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް ވެސް މީޑިއާތަކަށް ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތި ވެފައެވެ. މަޖިލީހުގެ ޖަލްސާތަކުގައި ހިނގާ މުހިއްމު ގިނަ ކަންކަން މީޑިއާތަކަށް ލިބުމުގައި ދަތިތަކެއްހުރިއިރު، މަޖިލީހުން އެންމެ ފަހުން ބޭއްވި ޖަލްސާގެ ލައިވް ފީޑް މަޖިލީހުން ފޮނުވާފައިނުވާތީ، އެޖަލްސާގެ ކަންކަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ މޮބައިލް ފޯނުން ވަނީ ފޭސްބުކްގައި ލައިވްކޮށް ކުރައްވާފަ އެވެ.

މަހްލޫފް ވިދާޅުވީ މަޖިލީހުގެ ރައީސް އިންނަވާ ރިޔާސަތުގެ މޭޒުކޮޅު ވަށައިގެން ބިއްލޫރި ކޮށްޓެއް ޖެހުމަށް ކުރަމުންދާ މަސައްކަތް މިހާރު މަޖިލީހުގެ އިދާރާއިން ކުރަމުންދާ ކަމަށާއި މިހާރު އެ ކޮށީގެ މިންތައް ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ މަޖިލީހުގެ އިދާރާއިން ހޯމަ ދުވަހު ޖަލްސާއެއް ބޭއްވޭނެ ކަމަށް ބުނެފައިވާ ކަމަށާއި އަދި މިމަހުގެ 24 ވަނަ ދުވަހު އިތުރު ޖަލްސާއެއް ބޭއްވުމަށް ފަހު މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާ މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށެވެ.

މިއަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށިފަހުން މިއަދާ ހަމައަށް ބޭއްވިފައި ވަނީ އެންމެ އަށް ޖަލްސާއެވެ. އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިއަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. މި އޮގަސްޓް މަހު މިހާތަނަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.

ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ކަމަށް މަހްލޫފް ވިދާޅުވި ނަމަވެސް މަޖިލީހުން ޖަލްސާގެ އެޖެންޑާ ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަންކަމާއެި ގުޅޭ އެއްވެސް މައުލޫމާތެއް މަޖިލީހުގެ އިދާރާއިން ވަނީ ލިބޭގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް