ނޫނޭވާ ހަމަ ސާބަހެވެ. ވެރި މީހާ ރުއްސަން ވެސް ކުރާ ޒާތުގެ ކަންކަމާއި ނުކުރާ ޒާތުގެ ކަންކަން ހުންނާނެތާއެވެ.
ދައްކަން މި އުޅެނީ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރާ މައްސަލައިގެ ވާހަކައެވެ. އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުން ވަގަށް އެހެނިހެން ޕާޓީތަކުގެ ދަފްތަރުގައި ހިމަނާ މައްސަލަ ފެންމަތިވުމުން، އެކަން ކުށްވެރިކޮށް މައްސަލަ ބެލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
(އެމްޑީޕީ) ގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ޝަކުވާ އެ ޕާޓީން އުފުލަން ޖެހުނީ އާއްމު މެމްބަރުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވުމުންނެވެ. ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ލިބެން ފެށި ހިސާބުން ގޯހެއް އުޅޭކަން ހާމަވިއެވެ. އެގޮތުން، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާކަން ވަނީ ފާހަގަވެފައެވެ.
މިކަހަލަ ކޮންމެ ކަމެއް ފަޅާ އަރާ ފާޑުކިޔުން ބޮޑުވުމުން ވެސް އެހެންޏާ ވެސް ކަން ކުރާ ބީދައިން ސަރުކާރުން އެ ތިބީ ހަނު ތިއްބަވަން ވިސްނަވައިގެންނެވެ. މިކަން ބޮޑުވެ އެންމެ ފަހުން އެމްޑީޕީން އެ ވަނީ މިފަދަ މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް އެ ޕާޓީގެ ފަރާތުން ހުށަހަޅާނެކަމަށް ވެސް ފާހަގަކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަން މި ޒާތުގެކަންކަމުން އެނގިގެންދެއެވެ. އަދި ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި މިކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ފާހަގަކުރެއެވެ.
ކޮންމެއަކަސް މިފަދަ ގިނަ މައްސަލަތަކެއް ތިލަވެފައިވާއިރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އާއްމުންނާއި އިދިކޮޅު ޕާޓީތަކުން ވެސް ދަނީ ގޮވަމުންނެވެ. ހަމައެހެންމެ، ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރައި މެމްބަރޝިޕް އިތުރު ކުރަމުންދާ މައްސަލަ މީސްމީޑިއާގައި ވެސް ވަނީ ފެންމަތިވެފައެވެ.
ވެރިމީހާގެ ރުހުން ހޯދަން ވެސް ޕާޓީއަށް މީހުން ވައްދަންވާނީ ރުހުމާ އެކުގައެވެ. މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރުމަކީ ދެރަވަރުކަމެކެވެ.