ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 16:34
ރައީސް ޔާމީން އަވަހާރަށްލުމަށް ގެނައި ކަމަށް ބުނާ ލަންކާގެ "ސްނައިޕަރު"
ރައީސް ޔާމީން އަވަހާރަށްލުމަށް ގެނައި ކަމަށް ބުނާ ލަންކާގެ "ސްނައިޕަރު"
މިހާރު
ސްނައިޕަރު މައްސަލަ
ސްނައިޕަރު މައްސަލަ: 11 މަސް ފަހުން ބާއްވަން އުޅުނު އަޑުއެހުން ވެސް ނުބޭއްވުނު!
އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި
ޝަރީއަތް ނިމެންދެން ބަންދުކޮށް، އަޑުއެހުމެއް ނުބާއްވާތީ ކަންބޮޑުވުން
ލަންކާ ރައްޔިތެއް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ގައި

ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމަށް ސްނައިޕަރަކު ރާއްޖެ ގެނައި ކަމަށް ބުނެ ހިންގާ ޝަރީއަތް މެދުކެނޑިފައި  އޮންނަތާ 11 މަސް ފަހުން، އާދިއްތަ ދުވަހަށް ތާވަލުކުރި އަޑުއެހުން ވެސް ކެންސަލް ކޮށްފި އެވެ.

ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ގެނެސްފައިވާ ސްނައިޕަރެއް ކަމަށް ބުނެ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކާ ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. އަހަރެއްހާ ދުވަހު ދޫނިދޫގައި ބަންދުކޮށްފައި ބޭއްވުމަށް ފަހު މަދުޝަންކަގެ މައްޗަށް,އެނގި ހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.

ސްނައިޕަރަކު ލައްވާ ރައީސް ޔާމީން އަވަހާރަ ކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި މަދުޝަންކާގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ފަޒީލް ހަމީދު (ލޮރިއްޕެ)ގެ އިތުރުން އިސްހާގު ހުސެއިން (ސާގޭ)ގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. އަދީބާއި ފަޒީލްގެ އިތުރުން އިސްހާގުގެ މައްޗަށް ކޮށްފައި ވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ  ދައުވާ އެވެ.

އެމީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަ ކޮށްލުމަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި ބަޑިޖަހާ މީހަކު ހޯދުމަށް އެމީހުން ރާވައި، އެ ރޭވުމުގެ ދަށުން މަދުޝަންކާ ރާއްޖެ ގެނައި ކަމަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ އިސްހާގާއި ފަޒީލްގެ އިތުރުން މަދުޝަންކާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އަދީބު މިހާރު ވެސް ގެންދަވަނީ ތިން ކުށެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުންނެވެ.

އާދިއްތަ ދުވަހުގެ މެންދުރު 2:00 އަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކުރީ، މަދުޝަންކާގެ ތަރުޖަމާނު ކޯޓަށް ހާޒިރުނުކުރެވިގެންނެވެ. އެހެން ނަމަވެސް، ބަންދުކޮށްފައި ހުންނަތާ ދެ އަހަރުވާން ކައިރިވެފައިވާ މަދުޝަންކާގެ ގާނޫނީ ވަކީލު ވަނީ މިހާރު އޭނާއަށް ދިވެހި ބަސް އެނގޭ ކަމަށާއި އެހެންކަމުން ތަރުޖަމާނަކާ ނުލައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ދެން  އަޑުއެހުމެއް ބާއްވާނެ ދުވަހަކާ ގުޅޭ ގޮތުން ކޯޓުގެ އޮފިސަރުންނާ އަދީބުގެ ގާނޫނީ ވަކީލުން ސުވާލު ކުރުމުން ބުނެފައި ވަނީ "ކޮންމެވެސް ދުވަހަކަށް" ތާވަލުކުރާނެ ކަމަށެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ. ސިއްރު ކޮށްގެން ބޭއްވި އެ އަޑުއެހުމުގައި، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެއްކަކު އޭނާ އަށް ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެން ބަޔާނެއް ނެގުވި ކަމަށް ބުނެ، ތަހުގީގަށް ދިން ބަޔާނަށް އިންކާރު ކުރި ހިސާބުން އެ ޝަރީއަތް  ވަނީ ހުއްޓިފަ އެވެ.

އެ އަޑުއެހުމަށް ދައުލަތުން ހާޒިރުކުރި ދެ ހެކީންގެ ތެރެއިން އެކަކު ވަނީ ފުލުހުން އޭނާ އަށް ބިރުދައްކައި ބަޔާން ނެގި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ކޮއްކޮ ހައްޔަރުކޮށް ބިރުދައްކައި އޭނާއާ މެދުވެސް އެފަދަ ގޮތަކަށް އަމަލު ކުރާނެ ކަމަށް ބުނެ ފުލުހުން ބޭނުންވާ ގޮތަށް ބަޔާންދޭން މަޖުބޫރު ކުރުވި ކަމަށް ހެކިވެރިޔާ ކޯޓުގައި ބުނެފައި ވެއެވެ. 

ޝަރީއަތް ނުބާއްވާ ގިނަ ދުވަސްތަކެއްވާތީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ސްރީލަންކާގެ ފޮރިން މިނިސްޓްރީން ދިވެހި ސަރުކާރާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ލަންކާގެ  ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ޝަރީއަތް އަވަސް ކޮށްދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް