ވިސާ ނެތި ރާއްޖޭގައި ވަޒަންވެރިވެ އުޅެމުންދާ ފްރާންސަށް ނިސްބަތްވާ އާއިލާ ފުރުވާލެވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މިއީ ތ. ވޭމަންޑޫގައި އުޅޭ ފްރާންސްއަށް ނިސްބަތްވާ ހަ މެންބަރުންގެ އާއިލާއެކެވެ.
ފްރާންސް އާއިލާ ފުރުވާލުމާއި ގުޅޭ ގޮތުން ސުވާލުކުރުމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ފްރާންސްއަށް ނިސްބަތްވާ މި އާއިލާ ފުރުވާލެވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށާއި އެ މީހުން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް އަދިވެސް ނުލިބޭ ކަމަށެވެ. އަދި އެ އާއިލާގެ ޕާސްޕޯޓު ހެއްދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް މިހާރު ރިކުއެސްޓްކޮށްފައިވާ ކަމަށާއި ޓްރެވެލް ޑޮކިއުމަންޓް އިމިގްރޭޝަނަށް ނުލިބޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން މީގެ ކުރިން ބުނީ، އެ އާއިލާއިން އެދުނީ ރަށްވެހިކަން ދިނުމަށް ކަމަށެވެ. ނަމަވެސް، ރާއްޖެއިން ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ނުދޭނެ ކަމަށާއި ވަކިން ޚާއްސަކޮށް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބޭރު މީހަކަށް ވެސް ރަށްވެހިކަން ރާއްޖޭގައި ނުދޭނެކަން އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް އެ އާއިލާ ރާއްޖޭގައި ދިރިއުޅެމުންދާކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް'އަށް ލިބުނީ ޖުލައި 18ވަނަ ދުވަހެވެ. އިމިގްރޭޝަނުން ވަނީ އެ މައްސަލަ ބެލުމަށް ފަހު އޮކްޓޯބަރު 23 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ހާޒިރުކޮށްފައެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު މީގެ ކުރިން ވިދާޅުވީ، އެ އާއިލާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، އެ އާއިލާ ރާއްޖެއިން ފުރުވާލަން ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެ އާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި އިމިގްރޭޝަން ގާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
އެ އާއިލާއިން ރާއްޖޭގައި އުޅެމުން އާމްދަނީ ހޯދަނީ މަސްވެރިކަން ކޮށްގެންނެވެ.
ރަޝްވާން ވިދާޅުވީ، ވިސާ ނެތި އެ އާއިލާ އުޅޭކަން އެނގުނު ހިސާބުން ފެށިގެން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާ، އެ އާއިލާ ގަވާއިދުގެ ތެރެއަށް ވައްދަން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.