އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖައްސެވުމަށް ނިންމެވުމަށް ފަހު ނީޒާ އިމާދުގެ ނަން ރައީސް އަބްދުﷲ ޔާމީން އަނބުރާ ނެންގެވުމުން އޭނާ އެމްއެމްއޭއިން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެމްއެމްއޭއަށް ހިދުމަތް ކުރައްވާތާ 31 އަހަރުވެފައިވާ މިހާރު އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދުގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ނީޒާގެ ނަން އަނބުރާ މިއަދު ނެންގެވުމަށް ފަހު ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯ އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު ނަސީރެވެ.
ނީޒާ ވިދާޅުވި ގޮތުގައި އޭނާގެ ނަން އަނބުރާ ނެންގެވީ އޭނާ ގަބޫލް ކުރައްވާ ގޮތުގައި ސަރުކާރުން އިތުބާރު ނުކުރާތީ އެވެ.
"ސަރުކާރުން އިތުބާރުނުކުރާކަން މިއެނގުނީ 31 އަހަރު އެމްއެމްއޭއަށް ހިދުމަތް ކުރި ފަހުން. އަޅުގަނޑުގެ ނަން ހުށަހެޅުއްވުމަށް ރައީސް އޮފީހުން ގުޅުއްވި، އަދި ނަން އަނބުރާ ނެގުމަށް ވެސް ގުޅުއްވި. ނަމަވެސް އެސިސްޓެންޓް ގަވަރުނަރުފަދަ މަގާމެއްގައި ހުންނަވާއިރު، މިފަދަ ގޮތަކަށް ކަންތައް މެދުވެރިވުމުން ދޭހަކޮށް ދެނީ ސަރުކާރުން އިތުބާރު ނުކުރާކަން. އެހެންވެ، މަގާމުގައި ދެމިހުންނަން ބޭނުންނުވީ،" ނީޒާ ރާއްޖެ އެމްވީއަށް ވިދާޅުވި އެވެ.
ގަވަރުނަރަކަށް ނީޒާ އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވީ، ކުރިން އެ މަގާމުގައި ހުންނެވި އަޒީމާ އާދަމް ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.