ކުރިއަށް އޮތް 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ބ ކަމަދޫގެ މެޖޯރިޓީ ނަގާނީ ރައީސް އަބްދުﷲ ޔާމީނުކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާނު މިފަދައިން ވިދާޅުވީ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަނުން ޕީޕީއެމް ހޮނިހިރު ދުވަހު ބަލިވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ވެރިކަން ކުރާ ޕީޕީއެމް ބޮޑު ބައްޔަކުން ބަލިވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގެ ސަބަބުން ވަރަށް ބޮޑަށް ރައްޔިތުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "ﷲ ގެ ހެޔޮ ރަހުމަތާއެކު ބ އަތޮޅު ކަމަދޫގެ 2018 ގެ ރިޔާސީ އިންތިޚާބުގެ މެޖޯރިޓީ ނަގާނީ ރައީސް ޔާމީން" ކަމަށެވެ.
Allah Ge Heyo Rahmathaa eku, B.Atoll Kamadhooge 2018 ge Riyaasee Inthikhaabuge Majority Nagaanee Raees Yamin.
— Ahmed Nihan (@ahmed_nihan) August 19, 2017
ހޮނިހިރު ދުވަހު ބޭއްވި ބ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި މާލޭގައި ބެހެއްޓި ފޮށިން ކުރި ހޯދީ ޕީޕީއެމުންނެވެ. ޕީޕީއެމްގެ ކެނޑިޑޭޓް އަލީ ނާއިޒަށް މާލޭގައި ބެހެއްޓި ފޮށިން 58 ވޯޓް ލިބުނުއިރު، އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ސާޖިދަށް ލިބިފައިވަނީ 51 ވޯޓެވެ. އެ ފޮށްޓަށް 110 މީހުން ވޯޓްލިއިރު، ބާތިލްވީ އެންމެ ވޯޓެކެވެ.
ކަމަދޫގައި ބެހެއްޓި ފޮށިން އެމްޑީޕީގެ ކެނޑިޑޭޓް ސާޖިދަށް 118 ވޯޓް ލިބުނުއިރު، ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބުނީ 84 ވޯޓެވެ. އެ ފޮއްޓަށް ޖުމްލަ 204 މީހުން ވޯޓް ލާފައިވާއިރު، ބާތިލްވީ ދެ ވޯޓެވެ. އެހެންކަމުން އެމްޑީޕީން އިންތިޚާބު ކާމިޔާބުކޮށްފައި މިވަނީ 169 ވޯޓް ލިބިގެންނެވެ. ޕީޕީއެމްއަށް ލިބިފައިވަނީ 142 ވޯޓެވެ.
ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ، އެމްޑީޕީގެ ކައުންސިލަރު އަލީ މައުސޫމް ކައުންސިލްގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާފައިވަނީ މެއި 6 ވަނަ ދުވަހެވެ.