ކަމަދޫގައި ހޮނިހިރު ދުވަހު ބޭއްވި އެރަށު ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ މެންބަރު ހޯދި ކާމިޔާބަކީ މިސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ނޫނެކޭ ބުނުމުގެ ގޮތުން ރައްޔިތުން އަނެއްކާވެސް އިއްވާލި އަޑެއް ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް މިފަދައިން ވިދާޅުވީ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ވާހަކަ ދައްކަވަމުންނެވެ.
އަނަސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑު ކާމިޔާބެއް ލިބިފައި ކަމަށާއި އޭގެ ފަހުން ހޮނިހިރު ދުވަހު ބޭއްވި ކަމަދޫ ބައި އިލެކްޝަންގެ ނަތީޖާއިންވެސް ފެނިގެން ދިޔައީ ރައްޔިތުންގެ ވިސްނުން އަދިވެސް އޮތީ ސަރުކާރާ ދެކޮޅަށް ކަމަށެވެ. ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ޢަމަލްތަކާއި ސަރުކާރުން ހިންގާ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ ނަތީޖާއިންވެސް އެނގިގެން ދިޔަ ޙަޤީގަތަކީ ރިޔާސީ އިންތިޚާބުގައިވެސް އެރަށުން ރައީސް ޔާމީނަށް ކާމިޔާބު ކުރެވޭނެ ހަމައެއް ނުފެނުން ކަމަށެވެ.
"ކަމަދޫ ބައި އިލެކްޝަންގެ ނަތީޖާއިން އަންގައިދިން ނަތީޖާއަކީ ސަރުކާރުގެ އަނިޔާވެރިކަމާ ސަރުކާރުގެ ކޮރަޕްޝަނާ ފަސާދައާ ދެކޮޅަށް ރައްޔިތުންގެ އަޑު އިއްވާލި އިއްވާލުމެއް. އަދިވެސް ރައްޔިތުންގެ ވިސްނުން މިއޮތީ ސަރުކާރާ ދެކޮޅަށް. މިއިންތިޚާބުގެ ނަތީޖާއަށް ފަހުވެސް ދެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން އެދާއިރާއިން ނުވަތަ އެރަށުން ކާމިޔާބު ވާނެޔޭ ބުންޏަސް އެއީ ޤަބޫލް ކުރެވޭނެ ކަމެއް ނޫން" އަނަސް ވިދާޅުވިއެވެ.
އިދިކޮޅު ގުޅިފައިވާ ޕާޓީތައް ބައިބައިވެގެން ދާނެ ކަމާއި މިހާރުވެސް މައްސަލަތައް އުޅޭ ކަމަށް ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވާ އަނަސް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަމުން ދަނީ އުސޫލީ ވަކި ކަންތައްތަކެއް ކުރުމަށް އެއްބަސްވެގެން ކަމަށާއި އެކަން ކުރުމަށްޓަކައި ކުރަމުންދާ ކަންކަން ވަރަށް ކާމިޔާބު ކަމަށާއި ރައްޔިތުންގެ ތާއީދު ކުރިއަށްވުރެ ބޮޑުތަން އިތުރުވެގެން ދާތަން ދަނީ ފެންނަމުން ކަމަށެވެ.
"އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި މިއޮތީ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ޖަރީމާތައް އިންތިހާއަށް ބޮޑުވެގެން ދިއުން އެކަން ހުއްޓުވުމަށް ކުރަން އެއްބަސްވި އެއްބަސްވުން. އެކަން ދަނީ ކާމިޔާބުވަމުންކަން އެނގެނީ އެކި ސިފަ ސިފައިގާ ރައްޔިތުންގެ ތާއީދު ކުރާ ފަރާތްތައް އިތުރުވަމުން. އިންތިޚާބުތަކުންވެސް އެކަން މިދަނީ ފެނިގެން. އޭގެ އިތުރުން ސަރުކާރުގެ ތެރޭގައި އެމީހުން އެމީހުންނަށްވެސް އެމީހުންގެ ތެރޭގައި ކުރަމުންދާ ކަންކަން ރަނގަޅު ނޫންކަމަށް ބުނަމުންދާތަން މިދަނީ ފެންނަމުން. އޭގެ މާނައަކީ އެންމެ ބޮޑު ކާމިޔާބާ ހަމައަށް ވާސިލްވެވުން އޮތީ މާދުރެއްގައި ނޫންކަން މިދަނީ ފެންނަމުން" އަނަސް ވިދާޅުވިއެވެ.