އުމުރުން ދުވަސްވެފައި ތިބި ދެބޭފުޅުން ވެރިކަމުން ދުރުކުރުމަށްޓަކައި ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕާއި ކެބިނެޓާއި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އަށް ވިސްނިވަޑައިގެން ޤާނޫނު އަސާސީ ބަދަލުކުރައްވާފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަރާތުން ރުމާލު ދޭއް ޖަގަހައިގަ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުޙައްމަދު އިސްމާއިލް ވިދާޅުވީ އިންތިޙާބަށް ކައިރިވެފައިވަނިކޮށް އަޅުގަނޑުމެންގެ ތެރޭގައި ކޯޅުންތައް އުފެދޭނެކަން ކުރިން އެނގިވަޑައިގެން ޤާނޫނު އަސާސީ ބަދަލުކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިޙާބަށް ކުރިމަތިލެވޭނެ އެންމެ ދޮށީ އުމުރަކީ 65 އަހަރު ކަމަށް ރައްޔިތުންގެ މަޖީލީހުން ވަނީ 2014 ވަނަ އަހަރުގެ ޖޫން 24 ވަނަ ދުވަހު ފާސްކޮށްފައެވެ. ޤާނޫނު އަސާސީއަށް ގެނައި މި ބަދަލާއި އެކު ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގަތެވެ.
65 އަހަރުވުމުން ރިޔާސީ އިންތިޙާބަށް ކުރިމަތި ނުލެވޭގޮތަށް ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެސް މުހައްމަދު އިސްމާއީލެވެ.
"ފެށުނީއްސުރެން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދަނީ ޤައުމު ފަސާދަ ކުރުމަށް އަދި އިސްލާމީ ވަހްދަތު ނަގާލުމަށްޓަކައި މަސައްކަތް ކުރަމުން.، މިކަން މުޅި ޤައުމުގެ ރައްޔިތުން ދެނެގަންނަން ޖެހޭ" މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މުޙައްމަދު އިސްމާއިލް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީންގެ ވެރިކަމާއި ނުކުޅެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީސް ތެރޭގައި ގޮނޑި އުކިޔަސް އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ވުރެ ގަދަ ނުވެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. .
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ރައީސް ޔާމީން ހޮވުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް މުޙައްމަދު އިސްމާއިލް ގޮވާލެއްވިއެވެ.
އެމްޑީއޭގެ ފަރާތުން ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރަން ހުންނަވާނެ ކަމަށްވެ ސް މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.