ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 13:03
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ރާއްޖެއެމްވީ
ތޯރިގް އިބްރާހީމް
ރާއްޖެ ތަރައްގީ ނުވެ އޮތީ ރައީސް މައުމޫނަށާއި ރައީސް ނަޝީދަށް އެކަން ކުރަން ނޭނގުމުން: މިނިސްޓަރު ތޯރިގު
ރާއްޖެ ތަަރައްގީ ނުވެ އޮތީ ކުރީގެ ވެރިންނަށް ފައިސާ ހޯދަން ނޭގުމުން
ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ވެރިކަން ނިމިގެން ދިޔައިރު އެންމެ އަސާސީ ކަންކަން ވެސް ނުވޭ

ރާއްޖެ މިހާތަނަށް ވެސް ތަރައްގީ ނުވެ އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކަން ކުރަން ނޭނގުމުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަ ކޮށްދީފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކަންކަން ކުރަން ނޭނގުނީ އެ މަސައްކަތްތައް ކުރުމަށްޓަކައި ހޯދަން ޖެހޭ ފައިސާ ވެސް ހޯދަން ނޭނގުމުން ކަމަށެވެ. އަދި ތަރައްގީ ކުރަން އެނގޭނީ ފައިސާ ހޯދަން ދަންނަ ވެރިންނަށް ކަމަށާއި މީގެ ކުރިން ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކަން ކުރަން ނޭނގުނު ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފެނާއި ނަރުދަމާ ވެސް ގާއިމް ކުރެވިފައި ވަނީ އެންމެ 38 ރަށުގައި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ތިން އަހަރު ވެގެން ދިޔައިރު 18 އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިމިފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމިގެންދާއިރު ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ފުރިހަމަ ފެނާއި ނަރުދަމާގެ ނިޒާމް ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔާމީން އަބަދު ފައިސާގެ ވާހަކަ ދައްކަވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ތޯރިގް ވިދާޅުވީ ރުފިޔާ އާއި ފައިސާގެ ވާހަކަ ދައްކަން އެނގޭނީ ފައިސާ ހޯދަން އެނގޭ ބަޔަކަށް ކަމަށާއި ފައިސާ ހޯދަން ނޭނގޭ ބަޔަކަށް ފައިސާގެ ވާހަކަ ދައްކަން ވެސް ނޭނގޭނެ ކަމަށެވެ. އެހެން ކަމުން އިދިކޮޅު ފަރާތްތަކަށް އެންމެ ރަނަގޅު ގޮތަކީ ވާހަކަ ނުދައްކައި މަޑުން ތިބުން ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ތޯރިގް ވަނީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަން ނިމުމަށް ފަހު އެމަނިކުފާނަށް ރަށްދުކޮށް ތަފާތުއެކި ކުރެހުންތައް ކުރަހާ ހަދާފައިި ވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ރައީސް ނާސިރުގެ ވަރިކަން ނިމުމަށް ފަހު ރައީސް ނާސިރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެއްދި ކަމަށެވެ. އެގޮތުން ފާޑުފާޑުގެ ކުރެހުންތައް ކުރަހާ ހެދި ކަމަށް ތޯރިގް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް