ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 10:49
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ފާރިސްގެ ޝަަރީއަތް: ޝަރީއަތުގެ ކުރިން ހުށަހެޅި ކަންތައްތަކާ މެދު ގޮތެއް ނިންމުން މާދަމާ!
ޝަރީއަތުގެ ކުރިން ހަ ކަމެއް ވަނީ ހުށަހަޅާފަ
ޝަރީއަތް މެދުކަނޑާލުމުގެ އަމުރަކަށް ވަނީ އެދިފައި
ފާރިސް ބަންދުގައި ހުންނަވާތާ މަހެއް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޝަޚްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ކަންތައްތަކާ މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު އަޑުއެހުމެއް ބާއްވަން ނިންމައިފި އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ލޯގޯ އާއި ނަން ބޭނުންކޮށް، ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް، އެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ޝަރީއަތުން ކަނޑައަޅައިފި ނަމަ، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހެޅޭނެ އެވެ.

އެގޮތުން ފާރިސްގެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ޖުމްލަ ހަ ކަމެއް ވަކީލުން ހުށަހަޅުއްވާފައި ވެއެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލެވިފައިވާ ނެތުމަކީ ޝަރީއަތް ކުރިއަށް ގެންގޮސްފި ނަމަ ފާރިސްގެ ހައްގުތަކަށް އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި އޮންނާނެ ކަމަކަށް ވާތީ، އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ކަށަވަރުކުރެވެން އޮތް ހަމައެކަނި ގޮތަކީ ގާނޫނުގައި ކަނޑައަޅާފައިވާ ގަވާއިދުތައް އެކުލަވާލުމުގެ ފަހުން ޝަރީއަތް ފެށުންކަމުގައި ކަނޑައަޅައި ދިނުމަށް އެދި އެވެ. އެ ހުށަހެޅުމުގައި އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދު ހެދެން ދެން ފާރިސްގެ ޝަރީއަތް ވަގުތީ ގޮތުން މެދުކަނޑާލުމުގެ އަމުރަކަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހެޅީ، ޝަޙްސް އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ދައުލަތުން އަމަލުކޮށްފައިވާ ގޮތުން މައްސަލައަކީ ޝަރީއަތް ހިންގުމެއް ނެތި ބާތިލްކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައިއަޅައި ދިނުމަށެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ ދައުވާ ބާތިލް ކޮށްދިނުމަށެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ ބާތިލް ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާކުރުމަކީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެގެން އަންނާނެ ކަމެއް ކަމަށްވާތީ އެ ސަބަބަށްޓަކައި ދައުވާއަކީ ސައްހަ ނޫން ދައުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ޚިލާފަށް ދައުވާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވަނީ އެދިފަ އެވެ.

ފަސް ވަނަ ކަމަކަށް ހުށަހަޅާފައިވަނީ ދައުވާ ސާބިތުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ވީޑިއޯ ސީޑީއަކީ ޝަރީއަތަށް ގަރީނާގެ ގޮތުގައި ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ހަ ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ފާރިސްގެ ފަރާތުން ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހެކި ހާމަކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުން ނިންމާލާފައި ވަނީ މިކަންތައްތަކާ މެދު އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގައި ބާއްވާ އަޑުއެހުމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅުއްވާނެ ކަމަށް އިއުލާނުކުރެއްވުމަށް ފަހު އެވެ.

ފާރިސްގެ މައްޗަށް ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ހިންގަމުންދާއިރު، މިހާރު ފާރިސް ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް(އެމްސީއެސް) ގެ ބަންދުގަ އެވެ. ފާރިސްގެ މައްޗަށް ރިޝަވަތު ހުށަހެޅުމުގެ ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 އޯގަސްޓް 2017 | ހޮނިހިރު 11:33
ހަބޭސް13
ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދެއްވުމަށް؟