ދަރިވަރުން މަދު 44 ސްކޫލެއްގައި "މަލްޓި ގްރޭޑް ޓީޗިން ސިސްޓަމް ތަޢާރަފް ކޮށްފައިވާ ކަމަށް އެޑިއުއކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މަލްޓި ގްރޭޑް ޓީޗިން ސިސްޓަމް އަކީ އާބާދީ މަދު ސްކޫލުތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް، ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެންޖެހޭ މައުލޫމާތާއި ހުނަރުތައް ލިބިގަތުމަށްޓަކައި އެއް ގްރޭޑަަކަށް ވުރެ ގިނަ ގްރޭޑުތައް އެއްކޮށް، ދަރިވަރުންގެ ފެންވަރާ ގުޅޭގޮތުން އެއް ކްލާސްރޫމެއްގައި ކިޔަވައިދިނުމުގެ ނިޒާމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ އަދަދު މަދުކަމުން، 44 ސްކޫލެއްގައި މިހާރު މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މަލްޓި ގްރޭޑް ޓީޗިން ސިސްޓަމަށް ކިޔަވައިދޭން ފެށުމުގެ މަގުސަދަކީ ގާބިލް ޓީޗަރުން މަދުވުމުން ލިބޭ އުނިކަން ކުޑަކުރުމާއި ދަރިވަރުންގެ އިޖުތިމާއީ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކޮށްދިނުމެވެ.
އާބާދީ މަދު ސްކޫލުތަކަށް އަމާޒުކޮށްގެން މަލްޓި ގްރޭޑް ޓީޗިން 2015 ވަނަ އަހަރު ތައާރަފުކޮށް އެކަން ޓެސްޓުކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިވީ ދުވަސްތަކުގައި އެ ނިޒާމަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނުކޮށް، އެފަދަ ސްކޫލުތަކުގައި ބޭނުންކުރާ ވަސީލަތްތައްވެސް ސްކޫލުތަކުގައި ގާއިމްކޮށްފައިވާ ކަމަށް ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އާބާދީ މަދު ސްކޫލުތަކުގައި ހުރިހާ ކްލާހަކަށް ޓީޗަރުން ހަމަކޮށް ކިޔަވައިދިނުމަކީ އިގުތިސާދީ ގޮތުން ދެކޮޅު ނުޖެހޭ އަދި ހަރަދު ބޮޑު ކަމެކެވެ.
އެހެންކަމުން، ރާއްޖެ އުފެދިފައިވާ ގޮތުން ތައުލީމް ފޯރުކޮށްދިނުމުގައި އެޅޭ ހުރަސްތައް ކުޑަކޮށްދިނުމާއި އެންމެ ކުއްޖަކު ވެސް ބާކީ ނުވާނެކަން ކަށަވަރު ކުރެވުމާއި ކުދި ރަށްތަކުގެ އާބާދީއަށްވެސް ސަމާލުކަން ދެވޭނެތީ މަލްޓި ގްރޭޑް ޓީޗިން ރާއްޖެ ފަދަ ގައުމަކަށް މުހިއްމު ކަމަށް މިނިސްޓްރީން ބުންޏެވެ.