ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ކެމްޕޭން ހަރަކާތް ފޯރިޔާއި އެކު އެމްޑީޕީން އަދި ޕީޕީއެމުން ނިންމާލާފިއެވެ.
އެމްޑީޕީން އަދި ޕީޕީއެމުން ދެ ކެނޑިޑޭޓުން މި ބައި- އިލެކްޝަންގައި ވާދަކުރާއިރު، އެ ދެ ޕާޓީން ވަނީ ހުކުރު ދުވަހުގެ ހަވީރު ކެމްޕޭން ހަރަކާތަށް ނިންމާލުމުގެ ގޮތުން ހަރަކާތަށް ކުރިއަށް ގެންގޮސަފައެވެ. އެމްޑީޕީގެ ކެނޑިޓޭޓަށް ތާއިދު ހޯދުމުގެ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެރަށުގެ ބޮޑަތި މަގުތަކުގައި ހިނގާލުމެއް ބާއްވާފައިވާއިރު، ވެރިކަން ކުރާ ޕީޕީއެމްގެ ކެނޑޭޓަށް ތާއިދު ހޯދުމަށް އެޕާޓީގެ ވަފުދެއް ވަނީ ދޮރުން ދޮރަށް ހިންގާފައެވެ.
ކަމަދޫ ބައި- އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އޯގަސްޓް 19 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.
ބ.ކަމަދޫގެ އިންތިހާބުގައި 338 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު 112 މީހުން ވަނީ މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފަ އެވެ.
ކަމަދޫގައި ބައި- އިލެކްޝަން ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތަށް އިލެކްޝަންސް ކޮމިޝަނުން ވަމުންދާ އިރު އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދު ލިބޭ ފަދަ ނުވަތަ ތާއީދު ކުޑަވާ ފަދަ ނުވަތަ އިންތިހާބަށް ނުފޫޒު ފޯރާނެ އެއްވެސް އަމަލެއް އޮގަސްޓް 18 ވާ ހުކުރު ދުވަހުގެ ހަވީރު 06:00 އިން އޮގަސްޓް 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިގޮތަށް އިލްތިމާސްކޮށްފައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، 19 އޮގަސްޓްވާ ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަނަށް ބޭނުންވާ ކަރުދާރާއި ވޯޓު ފޮއްޓާ އެކު އިލެކްޝަންސް ކޮމިޝަނުގެ ދެ މުވައްޒަފުން އެރަަށް ބުރާސްފަތި ދުވަހު ގޮސްފައިވާ ކަމަށެވެ. ކަމަދޫގައި ބާއްވާ ބައި އިލެކްޝަނުގައި ޖުމްލަ 12 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މާލޭގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބާ ޖަމާލުއްދީންގައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ކަމަދޫގައި ކުރިއަށްދާ އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިން މާލޭގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓްރެއިނިންގ އޮގަސްޓް 16 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު ކަމަދޫގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓްރެއިނިންގ ކުރިއަށްދާނީ 18 އޮގަސްޓްގައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.