ސަރުކާރުން ރައްޔިތުންނަށް ކުރާއަނިޔާ ހުއްޓާލައި، ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދޫކޮށްލުމަށް ގޮވާލައި ގދ. ތިނަދޫ އާއި ގއ. ވިލިނގިލީގައި ހިނގާލުމެއް ބާއްވައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިލިނގިލީގައި ކުރިއަށްދިޔަ ހިނގާލުމުގައި އިސްކޮށް ހަރަކަތްތެރި ވެވަޑައިގަތް ވިލިނގިލީ ކައުންސިލްގެ މެންބަރު މުސްތަފާ މުހައްމަދު ވިދާޅުވީ، އެ ހިނގާލުމަކީ، މިހާރު މި އޮތް ސަރުކާރުން ދިވެހިރައްޔިތުންނަށް އެކި ގޮތްގޮތުން ކުރަމުންދާ އަނިޔާ އާއި ޖެއްސުން ހުއްޓާލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ހިނގާލުމެއް ކަމަށެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިފާ ހައްޔަރުކޮށް އެބޭފުޅުންނަށް ދެމުން ގެންދާ އަނިޔާއާއި ދެކޮޅަށްވެސް އެ ހިނގާލުމުގައި އަޑު އުފުލި ކަމަށެވެ.
މުސްތަފާ ވިދާޅުވީ، ވިލިނގިލީ ދާއިރާއަށް އެދާއިރާގެ މެންބަރުގެ ލޯތްބާއި ތާއީދާއި އެކު ހޮވިވަޑައިގެންފައިވާ މެންބަރު ސައުދު ހުސެއިންއަށް މި ސަރުކާރުން ކުރަމުންދާ އަނިޔާ ހުއްޓާލައި އެބޭފުޅާ ވަގުތުން ދޫކޮށްލުމަށް ގޮވާލާކަމަށެވެ. އަދި ސައުދު އެގޮތަށް ބަންދުކޮށްފައި ބެހެއްޓުމަކީ އެދާއިރާއަށް އިޔާދަ ނުކުރެވޭވެރުގެ ބޮޑު ގެއްލުމެއް ލިބިގެންދާކަމެއްކަމަށް މުސްތަފާ ވިދާޅުވިއެވެ. އެހެންކަމުން އެދާއިރާގެ ރައްޔިތުން އެދެނީ މިހާރުން މިހާރަށް ސައުދު ދޫކޮށްލުންކަން އޭނާ ފާހަގަކުރެއްވިއެވެ.
މުސްތަފާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މެންބަރު ސައުދު މަސައްކަތް ކުރައްވަން ފެއްޓެވުމުން ވިލިނގިއްޔާއި އަދި އެދާއިރާގެ ވަޒީފާތަކުގައި ތިބި ސައުދަށް ވަފާތެރި އަދި އޭނާއަށް ތާއީދުކޮށްގެން ތިބި އެތަށް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ގާނޫނު ތަކާއި ގާނޫނު އަސާސީއާއި ޚިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ހިނގާލުމުގެ ބައިވެރިން އަޑު އުފުލާ ޝުއޫރު ފާޅުކޮށްފައިވާ ކަމަށެވެ.
މި ހިނގާލުމުގައި ވިލިނގިލީގެ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
ވިލިނގިލީގެ އިތުރުން ގިނަ ބަޔަކާއިއެކު ތިނަދޫގައި ކުރިއަށްގެންދިޔަ ހިނގާލުމުގައިވެސް ވިލިނގިއްޔެކޭ އެއްފަދައިން، ރައީސް ޔާމީންގެ ސަރުކާރުން ޤާނޫނުއަސާސީ އާއި ޚިލާފަށް ކުރަމުންދާ ކަންކަމާއި ދެކޮޅަށް އަޑުއުފުލައި، ސިޔާސީ ފަރާތްތައް ހައްޔަރުން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.