ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ހޯމަ ދުވަހު މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މިސަރައްހަދުގައި އުފެދިފައިވާ ލޯ ލެވެލް ސާރކިއުލޭޝަންއަކާއި ގުޅިގެން ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވުނީ އައްޑޫ ސިޓީގެ ހިތަދޫއަށް 110 މިލިމީޓަރުގެ ވާރޭ ކަމަށާއި، މި ވިއްސާރަ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބެލެވޭ ކަމަށް އެއިދާރާއިން ބުނެއެވެ.
މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ހެނދުނު 10:00ން އަންގާރަ ދުވަހުގެ 10:00ށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަނޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ހޯމަ ދުވަހުގެ މެންދުރުފަހު 1:30ން އިރުއޮއްސި 6:30ށް ހއ.އަތޮޅުން ތ.އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރިފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 5 ނުވަތަ 2 ފޫޓު ހުންނާނެ ކަމަށް އެއިދާރާއިން ބުނެއެވެ.
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.