މަޝްވަރާނުކޮށް މާލޭސިޓީން ބިންތައް ވިއްކުމަކީ ކަންބޮޑުވާކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެކައުންސިލުން ބުރާސްފަތިދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭ ސިޓީގައި ހިމެނޭ އާބާދީ އެންމެ ބޮޑު ރަށަކީ މާލެކަމަށްވާއިރު މާލެ ތޮއްޖެހުން ކުޑަކޮށް ދުނިޔޭގެ އެހެން ސިޓީތައް ފަރުމާކުރާ ފަދައިން މާލޭގައި ވެސް ހުސްތަން ބެހެއްޓޭނެ އަދި ފެހިކަން ގެނެސްދޭނެ ތަންތަން ހެދުމަށް އިސްކަންދީގެން މަސައްކަތް ކުރުމަކީ ކައުންސިލުން އެދޭ ކަމެއް ކަމަށެވެ.
މާލޭ ސިޓީގައި މިހާރުހުރި ބިންތައް ދޫކުރުމުގެ ނުވަތަ ވިއްކުމުގެ ކުރިން ބިންތައް ބޭނުންކުރަންޖެހޭނެ ކަންކަމަކީ ކޮބައިކަން މާލެސިޓީގެ ރައްޔިތުން ތަމްސީލުކުރާ މާލޭސިޓީ ކައުންސިލްގެ މަޝްވަރާއާ އެކު ކަނޑައަޅައި ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށާއި މާލެސިޓީގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަކީ މާލެސިޓީ ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.
މާލޭ ސިޓީއަކީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ތަނެއް ކަމަށާއި މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ބިންތައް ދޫކުރުމާއި، ހޮސްޕިޓަލް، މިސްކިތް އަދިސްކޫލް ފަދަ ޒަރޫރީ ބޭނުންތަކަށް ބިންތައް ހޯދުމަކީ ނުހަނު ދަތިކަމެއް ކަމަށް އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅެމުންދާ މާލޭގެ ރަށްވެހިންނަށް ދިރިއުޅެވޭނެތަނެއް ނެތި އެތައް އާއިލާއެއް އެތައް ތަނެއްގައި ދިރިއުޅެމުންދާއިރު އެކަން ހައްލުކުރުމަށް އެފަދަ ހުސްބިންތައް ބޭނުންކުރުމުގެ ބަދަލުގައި އެފަދަ ހުސްބިންތައް ތަނަވަސްކަންހުރި ވިޔަފާރިވެރިން އިތުރަށް މުއްސަނދިކުރުމަށް ބިންތައް ދޫކުރުމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންކަމުން މާލޭސިޓީ ކައުންސިލާއި މަޝްވާރާނުކޮށް އަދި މިފަދަ އެއްވެސް ޕްލޭނެއް ހާމަނުކޮށް އެއްވެސް ފަރާތަކަށް މާލޭސިޓީގެ ބިމެއް ދޫކުރުން ނުވަތަ ވިއްކުމަކީ މާލޭސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް މާލޭސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މާލޭގެ ތިން ސަރަހައްދަކުން ބިން ވިއްކުމަށް ސަރުކާރުން ހުޅުވާލުމާ ގުޅިގެންނެވެ.